ޚަބަރު ފީތާ

ޖަނަވަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފި

ފައިލް ފޮޓޯ

ވޭތުވެދިޔަ ޖަނަވަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަ ކޮށްފިއެވެ.

މިއީ، އެ އޮތޯރިޓީގެ ތާރީޚުގައި މީލާދީ މަހެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ ބަލައިގަތް ފަހަރެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުގައި ވާ ގޮތުން، މި އަދަދަކީ 2016 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %27.2 އިތުރު އަދަދެކެވެ. އަދި މިއީ ޖަނަވަރީ 2017 ގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %26.1 އިތުރު އަދަދެއް ވެސް މެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ، ބީ.ޕީ.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ ޢަދަދު އިތުރުވުމެވެ.

ޖަނަވަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ %43.2 ނުވަތަ 943.88 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ (742.64 މިލިއަން ރުފިޔާ ނުވަތަ %34.0) އިންނެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖް (66.28 މިލިއަން ރުފިޔާ ނުވަތަ %3.0)، ޓޫރިޒަމް ލޭންޑް ރެންޓް (60.94 މިލިއަން ރުފިޔާ ނުވަތަ %2.8)، އަދި އެހެނިހެން ޓެކުހާއި ފީ (178.76 މިލިއަން ރުފިޔާ ނުވަތަ %8.2) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

ޖަނަވަރީ 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Rate this post