މިއަހަރުގެ މިހާތަނަން ރާއްޖެއަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މިއަހަރުގެ މިހާތަނަން ރާއްޖެއަށް ހަތް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު 6.4 ޕަސަންޓުގެ ކުރި އެރުމެއް ލިބިފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކޮށްފައިވާ ހަލައްކަ ސާޅީސް ހާސް ހަތްސަތޭކަ ތިރީސް ފަތުރުވެރިންނާއި އަޅާބަލާއިރު 17.5 ޕަސަންޓުގެ ކުރިއެރުމެއްކަމަށެވެ.
އިއްޔެގެ ނިޔަލަށް ޖުމްލަ ހަތް ލައްކަ ދިހަހާސް ހަސަތޭކަ ސާޅީސް ފަސް ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކޮވިޑް 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ހަލައްކަ ފަސްދޮޅަސް ހަތް ހާސް ހަތްސަތޭކަ ނަވާވީސް ފަތުރުވެރިންނެވެ.
މިއަހަރުގެ މެއިމަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ މެއި މަހުގެ މިމުއްދަތާއި އަޅާބަލާ އިރު 19.9 ޕަސަންޓް ދަށްވެފައި ވީނަމަވެސް 2019 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 3.3 ޕަސަންޓުގެ ކުރިއެރުމެއް އައިސްފައިވާކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ވަކި މާރކެޓްތަކަށް ބަލާއިރު، ޗައިނާ މާރކެޓް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން މިއަހަރުގެ މިހާތަންނަށް ޗައިނާއިން ވަނީ 4.7 ޕަސަންޓް ހިއްސާއާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ 6 ވަނައަށް އެންމެ ބޮޑު މާރކެޓްކަމުގައި ހިމެނިގެން ގޮސްފައެވެ.