މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.

އިޢުލާނުގައިވާ ގޮތުން، މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ. މީގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. ރާއްޖޭން ބޭރުގެ ފުރުޞަތުތައް ހުޅުވާލައިފައިވަނީ އަލް އަޒްހަރް ޔުނިވަރސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ(IIUM)، އިންސިފް (INCIEF)، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ(USIM)، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (UBD) އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI) ފަދަ ޔުނިވަރސިޓީތަކުންނެވެ.

މި ފުރުޞަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ސްކީމުތަކެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ޚާއްޞަ ސްކޮލަރޝިޕް ހިމެނެއެވެ.

މި ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެއެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުޠުތައް ހަމަވާންޖެހޭނެއެވެ. މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެއެވެ.

ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމަޢު ތަރައްޤީކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސަރޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެއެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީންނެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026ގެ 14:00އެވެ. އެޕްލިކޭޝަންތައް ފޮނުވާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.