މޫނު ބުރުގާ އެޅުމަކީ ވާޖިބުކަމެއްތޯ ؟

ބުރުގާ އެޅުމަކީ ވާޖިބެއްކަން ޤުރުއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ އިޖްމާޢުން ސާބިތުވެއެވެ. އެގޮތުން

ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

އިޝްތިހާރު Below Header ad

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوْ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنْ الرِّجَالِ أَوْ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ” އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް، ނުވަތަ އެކަނބަލުންގެ މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ނިވާކުރާ ތަނާއި ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން އެކަނބަލުން ނުތަޅާހުށި ކަމެވެ. އަދި އޭ މުއުމިނުންނެވެ. ތިޔަބައި މީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.”

މަތީގައިވާ އާޔަތުގައިވާ “إِلاَّ مَا ظَهَرَ مِنْهَا” މި ބަސްފުޅު ގިނަ ޢިލްމުވެރިން މާނަ ކުރައްވަނީ އެއީ މޫނާއި ދެ އަތްތިލަ ކަމަށެވެ.

އަނެއް އާޔަތަކީ، ސޫރަތުލް އަޙްޒާބުގެ 59 ވަނަ އާޔަތެވެ. يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَّحِيماً

މާނައަކީ: ”އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެ ކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް، ކަލޭގެފާނު ވިދާޅުވާށެވެ. (އެ ބަހީ ބޭރަށް ގޮސް އައިސް އުޅޭ އިރު ހަށިގަނޑާއި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަ ނޭނގޭ ގޮތަށް، ނިވާ ކުރާފަދަ ފޭރާން ބޭރުން ލައި ނިވާ ވެގަންނާށެވެ.) އެ ކަނބަލުން އެނގިގެން ވުމަށާއި(އެއީ ޢިއްފަތްތެރި މިނިވަން އަންހެނުންކަން އެންގުން)، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެ ގޮތް ގާތްކަން ބޮޑެވެ. މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.”

ނޯޓު : މި އާޔަތަކީ މޫނުބުރުގާ އެޅުން ވާޖިބު ކަމަށް ވިދާޅުވާ ޢިލްމުވެރިން، އެ ބޭފުޅުންގެ ކޮޅަށް ނަންގަވާ އާޔަތެއްވެސް މެއެވެ.

ހަތަރު މަޛްހަބުގެ ތެރެއިން ޙަންބަލީ މަޛްހަބު ފިޔަވައި އެހެން ހުރިހާ މަޛްހަބަކާއި އަދި އެހެން ޖުމްހޫރު ޢިލްމުވެރިންވެސް ވިދާޅުވަނީ މޫނު ބުރުގާއަކީ ވާޖިބެއް ނޫން ކަމަށެވެ. ވާޖިބީ، މޫނާއި ދެ އަތްތިލަ ފިޔަވާ އެހެން ތަންތަން ނިވާ ކުރުމެވެ.

ބުރުގާ އެޅުމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކަށް ބަލާއިރު، އަންހެނުން ޢައުރަ ނިވާކޮށް، ބުރުގާ އެޅުން އެއީ ވާޖިބެއްކަން ސާބިތުވާ އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. ‏عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ أَنَّ ‏ ‏أَسْمَاءَ بِنْتَ أَبِي بَكْرٍ ‏ ‏دَخَلَتْ عَلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَعَلَيْهَا ثِيَابٌ رِقَاقٌ فَأَعْرَضَ عَنْهَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَقَالَ يَا ‏ ‏أَسْمَاءُ ‏ ‏إِنَّ الْمَرْأَةَ إِذَا بَلَغَتْ الْمَحِيضَ لَمْ تَصْلُحْ أَنْ يُرَى مِنْهَا إِلَّا هَذَا وَهَذَا وَأَشَارَ إِلَى وَجْهِهِ وَكَفَّيْهِ

މާނައަކީ: ”ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. އަބޫބަކުރުގެ ދަރިކަނބަލުން އަސްމާގެފާނު، ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް، ތުނި ހެދުމެއް ތުރުކުރައްވައިގެން ވަޑައިގަތެވެ. ދެން ރަސޫލާ މޫނުފުޅު އަނެއްފަރާތަށް އަނބުރާލެއްވުމަށް ފަހު ޙަދީޘް ކުރެއްވިއެވެ. ” އޭ އަސްމާއެވެ. އަންހެނާ ޙައިޟުވާ ޢުމުރަށް ދިޔައީމާ، ހަށިގަނޑުގެ މިތަނާއި މިތަނާއި ފިޔަވައި އެހެން ތަންތަން ހާމަކުރުން ހެޔޮނުވާނެއެވެ.” އަދި ކީރިތި ރަސޫލާ އެކަލޭގެފާނުގެ މޫނުފުޅާއި އަތްތިލަފުޅަށް އިޝާރާތް ކުރެއްވިއެވެ. ” (އަބޫ ދާއޫދް : ބާބް އައްލިބާސް)

އެހެން ޙަދީޘެއްގައި ރަސޫލާ ޙަދީޘް ކުރައްވަނީ: ‏عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ ‏ ‏كَاسِيَاتٌ عَارِيَاتٌ ‏ ‏مُمِيلَاتٌ ‏ ‏مَائِلَاتٌ ‏ ‏رُءُوسُهُنَّ كَأَسْنِمَةِ ‏ ‏الْبُخْتِ ‏ ‏الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا

މާނައަކީ: އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: “ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައިނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ (ޢައުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެމީހުންގެ ބޯ ހީވާނީ ބުޚްތުއޭ ކިޔޭ (ދެގޮންގަނޑުލީ ޖަމަލެއް) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެނެވެ. އަދި އެމީހުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދުވާނެއެވެ. އެތާނގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާ އެއްޗެކެވެ.” (ޙަދީޘް ރިވާ ކުރެވިފައި ވަނީ ޞަޙީޙް މުސްލިމްގެ އައްލިބާސް ވައް ޒީނާ، ބާބުގައި)

ނޯޓު : ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މި ޙަދީޘްގައި ސިފަ ކުރައްވާފައި ވަނީ ފަހު ޒަމާނުގައި ބައެއް އަންހެނުން ތިބޭނެ ގޮތެވެ. އެ ފަދަ އަންހެނުން ތިބޭނީ ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުންނެވެ. މީގެ މާނައަކީ ހެދުން ލުމުގެ މަޤްޞަދެއް، ލާ ހެދުމަކުން ހާސިލެއް ނުވާނެއެވެ. އެހެނީ ނިވާ ވާ ތަނަށް ވުރެ ބޮޑު ވާނީ ހާމަ ވާ ތަނެވެ. އަދި ތިބޭނީ ހެދުން ލައިގެންނެވެ. ނަމަވެސް އެ ތުނިކަމުން، ހެދުމެއް ނުލުމެކޭ އެއްގޮތް ވާނެއެވެ. ދެ ވަނަ ސިފައަކީ “މާއިލާތު + މުމީލާތު” މިއެވެ. ޢިލްމުވެރިން މި ބަހުގެ މާނަ ކުރައްވާ ފުރަތަމަ ގޮތް މަތީގައި، ޙަދީޘުގެ މާނައިގެ ތެރޭގައި އެ ވަނީއެވެ. ދެވަނަ މާނައަކަށް ވިދާޅުވަނީ މާއިލާތުގެ މާނައަކީ ހަށިގަނޑަށް ބަނޑިބަނޑި ލައްވަމުން، ހިލޭ ފިރިހެނުންނަށް ފަރި ދައްކަން ހިނގާ އަންހެނުންނެވެ. މުމީލާތަކީ ހިލޭ ފިރިހެނުންގެ ހިތް ލަންބުވާ އަންހެނުންނެވެ. ތިނަވަނަ މާނައެއްވެސް އޮވެއެވެ. އެއީ ކަސްބީ އަންހެނުން ފުނާ އަޅާ ގޮތަށް ފުނާ އަޅައި އެ މީހުން ބޮލުގެ ހުޅި ޖަހާގޮތަށް އުސް ހުޅިޖަހައިގެން، މީހުންނަށް ދެއްކެން ހިނގުމެވެ.

ވީމާ މި އިން އެނގެނީ އިސްލާމް ދީން ދެކޭ ގޮތުގައި މުއުމުމިން ޞާލިޙް އަންހެނުން ފަހަރެއްގައިވެސް، ފާސިޤު ނުވަތަ ހަޑި ހުތުރު ޢަމަލުތައް ކުރާ އަންހެނުން ނަކަލުކޮށްގެން ނުވާނެއެވެ. ކިއެއްތަ މުއުމިން އަންހެނުންގެ ކިބައިގައި އަބަދުވެސް އެ މީހުންގެ އިސްލާމީ ޝަޚްޞިއްޔަތު ދައްކުވައިދޭ، ޚާއްޞަ ޝަޚްޞިއްޔަތެއް ހުންނަން ޖެހޭނެއެވެ.

ކަމަކީ ކިތަންމެ ބޮޑު ކަމަކަށް ވިޔަސް، އަދި ޢަޛާބު ބޮޑަސް މި ފަދަ ގޮތަކަށް އުޅޭ ނުވަތަ އުޅުނު މީހަކު ތައުބާވެއްޖެ ނަމަ، މިއަށްވުރެ މާ ބޮޑެތި ކުށްތަކުންވެސް ތައުބާ ވެވޭ ފަދައިން ތައުބާ ވެވޭނެއެވެ. މާތް ﷲ އަކީ ތައުބާ ޤަބޫލު ކުރައްވާ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ތައުބާ ނުވަންޏާ، މާތް ﷲ އިރާދަ ކުރައްވައިފިނަމަ، އިރާދަ ކުރެއްވި މިންވަރަކަށް އެ ކަމުގެ ޢަޛާބު ދެއްވާނެއެވެ.

ވީމާ، މާތީގައިވާ ޙަދީޘްފުޅުންވެސް، ފުރިހަމައަށް އޮރިއާން ނިވާ ނުކޮށް ތިބުން، ހުއްދަ ނުވާނެކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ޚިލާފު އުފެދިފައިވަނީ:

ބުރުގާއަކީ އެޅުމަކީ، ކުރަންޖެހޭ ވާޖިބު ކަމެކެވެ. މިއީ ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވާ، ޤުރުއާނާއި ސުންނަތުން އެއްވެސް ޝައްކެއް ނެތި ސާބިތުވާ ކަމެކެވެ. އަދި މި އުއްމަތުގެ އިޖްމާޢު އަކީވެސް މިއީއެވެ.

ނަމަވެސް ޢިލްމުވެރިން އިޚްތިލާފްވެވަޑައިގަންނަވަނީ، ބުރުގާ އަޅަން ޖެހޭ މިންވަރާ މެދުގައެވެ. އެއްބަޔަކު ބުނަނީ މޫނު ބުރުގާ ވާޖިބު ކަމަށެވެ.

އަނެއް ބަޔަކު ބުނަނީ، މޫނާއި ދެ އަތްތިލަ ނިވާ ކުރުން ވާޖިބު ނޫންކަމަށެވެ. ވާޖިބީ މޫނާއި ދެ އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއް ނިވާކުރުމެވެ. ކުރިންވެސް ބުނެވުނު ފަދައިން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާ އެޅުން ވާޖިބު ނޫން ކަމަށެވެ.

ބުރުގާގެ މާނަ:

މިހިސާބުން ދެން ބަލާލަން ޖެހެނީ ބުރުގާގެ ޙަޤީޤީ މާނައަށެވެ. ބުރުގާ އެޅުމަކީ ފަހަރެއްގައިވެސް، ރީތި ފޮތިކޮޅެއް ބޮލަށް އެއްލާލާފައި އޮތުމެއް ނޫނެވެ. ބުރުގާއަކީ ވަކި މަޤްޞަދަކަށް އަޅާ އެއްޗެކެވެ. ވީމާ އަޅާ ބުރުގާއަކުން އެކަން ޙާޞިލްވާން ޖެހެއެވެ. ހަމައެހެންމެ، ބުރުގާއަކީ ވަކި ޝަރުޠުތަކެއްވެސް ފުރިހަމަ ވާންޖެހޭ އެއްޗެކެވެ. ބުރުގާގެ މަޤްޞަދަކީ މުސްލިމް އަންހެނުން ޢިއްފަތްތެރި ވުމާއި، ހިލޭ މީހުންނަށް ހަށިގަނޑު ހާމަ ނުކުރުމެވެ. އަދި މާތް އަޚްލާޤީ މިންގަނޑެއްގެ ދަށުގައި ތިބުމެވެ. ދެ ޖިންސުގެ ދެމެދުގައި މުޢާމަލާތް ކުރުމުގައި ވަކި ހަމަތަކަކާއި، ހައްދުތަކެއް ގެންގުޅުމެވެ.

ފިރިހެނުންގެ ހިތްތަކުގައި ފިތުނަ އުފެދޭ ގޮތަށް ނޫޅުމެވެ. އަދި މުސްލިމް އަންހެނުން، ވިޔާނުވާ ފިރިހެނުންގެ ފޮށުންތަކާއި ގޯނާތަކުން ރައްކާތެރި ކުރުމެވެ. އަދި މުއުމިން ފިރިހެނުން ގެ ބެލުންތައް ތިރިކުރުމުގައި އެހީތެރިވެ ދިނުންވެސް މެއެވެ. ވީމާ އަޅާ ބުރުގާއިން މިކަން ހާސިލުވޭތޯ ބެލުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ. އަދި ބުރުގާ އަޅައިގެން ތިބޭ މީހުންގެ އުޅުންވެސް ބަހައްޓަން ޖެހޭނީ ބުރުގާއަށް ހުތުރު ނުލިބޭފަދަ ގޮތަކަށެވެ.

ބުރުގާ އެޅުމުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލް ވާނީ، ބުރުގާއާ އެކު އެ މީހެއްގެ ބޭރުފުށުގެ އުޅުމާއި އަޚްލަޤުވެސް، އަޅައިގެން ހުރި ބުރުގާއާއި އެކަށޭނެފަދަ ރިވެތި ގޮތަކަށް ބަހައްޓައިގެންނެވެ. ބަހުރުވައާއި ހަރަކާތްތައްވެސް ރީތި ގޮތަކަށް ގެންގުޅުމުންނެވެ.

ބުރުގާގައި ހުންނަން ޖެހޭ ސިފަތައް:

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އިސްލާމީ ބުރުގާގައި މި އަންނަނިވި ސިފަތައް ފުރިހަމަ ވާން ޖެހެއެވެ. އެއީ :-

1- މޫނާއި ދެ އަތްތިލަ ފިޔަވައި، ހަށިގަނޑުގެ ހުރިހާ ތަނެއް ރަނގަޅަށް ނިވާވުން.

2- އެތެރެ ފެންނަވަރުގެ ތުނި ހެދުމަކަށް ނުވުން. ތަންކޮޅެއް މަތީގައި ގެނެވިފައިވާ ހަދީޘްގައިވެސް ވާފަދައިން، ހެދުން ލައިގެން ނަމަވެސް ހަށިގަނޑު ނިވާނުވާ ހެދުން ލުމަކީ ދީނުގައި ވަރަށް ބޮޑަށް ޙަރާމް ކުރެވިފައިވާ ކަމެކެވެ.

މަތީގައިވާ ޙަދީޘްތަކުގެ އިތުރުން މިތާ އެހެން އަޘަރެއް ލިޔެލާނަމެވެ.

أنَّ نِسْوة مِنْ بَني تَمِيْم دَخلنَ عَلى عَائِشَة رَضِيَ الله عَنْها عَليْهِن ثِيَاب رِقَاق فقَالَت : إنْ كُنتنَّ مُؤمِنَات فَليْسَ هَذا بِلبَاس المُؤمنَات وَإن كُنتُنَّ غَيْر مُؤمنَات فتَمَتَّعنَ بِه

މާނައަކީ: ”ބަނީ ތަމީމް ދަރިކޮޅުގެ އަންހެނުންތަކެއް، ޢާއިޝަތުގެފާނު އަރިއަހަށް ޒިޔާރަތް ކުރިއެވެ. އަދި އެކަނބަލުން ލައިގެން ތިބީ ތުނި ހެދުންތަކެކެވެ. އެހިނދު ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ތި ކަނބަލުންނަކީ މުއުމިނުން ކަމުގައިވާނަމަ، ތިއީ މުއުމިން އަންހެނުންގެ ހެދުމެއް ނޫނެވެ. އަދި ތި ކަނބަލުންނަކީ މުއުމިނުން ނޫންނަމަ، ތި ހެނދުން ލައިގެން (ވަގުތީ) އުފާ ހޯދާށެވެ.”

އަދި އެހެން ފަހަރެއްގައި ވަރަށް ތުނި ބުރުގާއަކާ އެކު ކައިވެނީގެ ހެދުން ލައިގެން ހުރި އަންހެން ކުއްޖެއް، ޢާއިޝަތުގެފާނު އަރިއަހަށް އައުމުން، އެކަމަނާ ވިދާޅުވީ ”ތި ފަދަ ހެދުމެއް ލައިގެން ހުންނަ އަންހެނަކު، ނޫރް ސޫރަތަށް އީމާން ނުވާ” ކަމަށެވެ. އެކަމަނާ އެ އިޝާރާތް ކުރެއްވީ ނޫރު ސޫރަތުގައި ވާ ބުރުގާ އާއި ބެހޭ އާޔަތަށެވެ.

3- މުސްލިމް އަންހެނުން ބުރުގާއާއެކު އަޅާ ހެދުމަކީ، ހަށިގަނޑުގެ ގުނަވަންތަކާއި ވަނާތައް ހާމަކޮށްދޭފަދަ ހެދުމަކަށް ވެގެން ނުވާނެއެވެ. ފޮތި ކިތަންމެ ބޮލަސް އެއީ ގައިގައި ހިފާފައި، ނުވަތަ ގައިގެ ވަނާތައް ފާޅުކޮށްދޭ ހެދުމެއް ނަމަ އެއީ، ދީނީ މިންގަނޑަށް ފެތޭ ހެދުމަކަށް ނުވެއެވެ. އަދި މިފަދަ ހެދުމަކީ ޢައުރަ ނިވާވާ ހެދުމެއްވެސް ނޫނެވެ.

4- ދެން އޮތް ޝަރުޠަކީ، މުސްލިމް އަންހެނުން ލާ ހެދުމަކީ، ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ވެގެން ނުވާނެއެވެ. ފިރިހެނުން، އަންހެން ހެދުން ލުމަކީ ޙަރާމް ކަމަކަށް ވާފަދައިން އަންހެނުން ފިރިހެން ހެދުން ލައިގެން ފިރިހެން ހެދިގެން އުޅުމަކީވެސް ޙަރާމްކަމެކެވެ. ރަސޫލާގެ ޙަދީޘްފުޅެއްގައި، ފިރިހެނުންގެ ތެރެއިން އަންހެނުންނާއި ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާއި ވައްތަރުވެގަންނަ މީހުންނަކީ މާތް ﷲ ގެ ލަޢްނަތް ލިބޭ ބައެއް ކަމަށް، އަންގަވާފައި ވެއެވެ.

ނޯޓް: މި ލިޔުން ކޮޅަކީ 2005 ވަނަ އަހަރު އިސްމާއިން ނާޖީ ލިޔުއްވާފައިވާ ލިޔުމެއްގެ އަސްލަށް ބަލައިގެން ލިޔެފައިވާ އާޓިކަލް އެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.