
ސްކޫލަށްވުރެ މަރު ކައިރި – ޔަމަންގެ ކުޑަކުދިންގެ ޙާލަތު
ޔަމަނުގެ ކުޑަކުދިން ތިބީ ހަނގުރާމައިގެ ނަފްސާނީ ބިރުވެރިކަމުގެ ކުރިމަތީގަ އެވެ.
ޔަމަނުގެ ތާއިޒް ސިޓީގެ ވަށައިގެން އަލުން ފެށުނު ކުރިމަތިލުންތަކުގެ ސަބަބުން ކުޑަކުދިންނަށް ނިދީގައި ބިރުވެރި ހުވަފެން ފެނުމާއި ގަޔަށް ކުޑަކަމުދެވުމާއި އަދި ދާއިމީ ބިރުވެރިކަމެއްގެ ތެރެއަށް ވަނީ ހުށަހެޅިފަ އެވެ.
މި ހާލަތުގައި މަދަރުސާތައް ބަންދުވެފައިވާއިރު ނަފްސާނީ އެހީތެރިކަން ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ތާއިޒް ސިޓީއާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ތަޣްރީދު ސަރަހައްދަށް ހަނގުރާމައިގެ އަސަރު ފޯރިއިރު ތިން ކުދިންގެ މަންމައަށް އެ ސަރަހައްދު ދޫކޮށް ދެވޭނެ އެއްވެސް މަގެއް ނެތެވެ.
އެއީ އެމީހުންގެ އަވަށުގައި އޭރުވެސް ވަރުގަދަ ހަމަލާތައް ބަދަލުކުރެވެމުން ދިއުމުގެ ސަބަބުންނެވެ.
ކުދިންގެ ރައްކާތެރިކަމަށްޓަކައި އުމުރުން ހަތަރު އަހަރާއި ހަތް އަހަރާއި އަދި ދިހަ އަހަރުގެ އެ ކުދިން ގޭގެ ކޮރިޑޯގެ ތެރެއަށް ޖަމާކުރުން ނޫން އިތުރު ގޮތެއް އޭނާއަކަށް ނެތެވެ. އެއީ ކުޑަދޮރުތަކުން ވަދެފާނެ ގޮވާތަކެތީގެ އެތިކޮޅުތަކުން ކުދިން ސަލާމަތްކުރުމަށެވެ.
”އެވަގުތު ކުދިންގެ ބައްޕަ ގޭގައި ނޫޅޭ. ހުރީ ހަމައެކަނި އަހަރެންނާއި ކުދިން. ގޭގެ ބޭރުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދިޔައިރު ގޭގެ ވަރަށް ކައިރީގައި ބޮމެއް ގޮވުމުން ކުދިން ބިރުން ހަޅޭއްލަވައި އެތައް ގަޑިއިރެއް ވަންދެން ރުއި، އެކުދިންގެ ރުއިން ހުއްޓުވޭނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވި. ބައެއް ފަހަރު އަހަރެންވެސް ކެތްނުކުރެވިގެން އެކުދިންނާއެކު ރޮއެ ހެދިން.“ ކުދިންގެ މަންމަ
އޭނާ އިތުރަށް ބުނީ ހަމަލާތައް މެދުކެނޑިލާ ވަގުތުތަކުގައި ކުދިންގެ ރުއިން ހުއްޓި އަވަށްޓެރިން ޒިޔާރަތްކޮށް ހިތްވަރުދެ އެވެ.
ނަމަވެސް އަލުން ހަމަލާތައް ފެށުމާއެކު ކުދިން އަނެއްކާވެސް ބިރުން ރޮއެގަނެ އެވެ.
”މިގޮތަށް ހަތަރު ދުވަސް ވަންދެން ކުރިއަށް ދިޔަ. އެއަށްފަހު ވަރުގަދަ ހަމަލާތައް އަހަރެމެންގެ ސަރަހައްދާ ދުރަށް ޖެހިލި. އެކަމަކު އަހަރެންގެ ކުދިންގެ ދިރިއުޅުން މިހާރު ވަނީ މުޅިން ބަދަލުވެ، ގޯސްވެފައި، ކުދިން އަބަދު ތިބެނީ ރުޅިގަދަވެފައި. ހަގަށް ތިބި ދެ ކުދިންނަށް މިހާރު ނިދީގައި ގަޔަށް ކުޑަކަމުދެވޭ. އަދި ދޮށީ ދަރިފުޅު ކުރިން އޭނާގެ ކިޔެވުމާއި މުސްތަގުބަލާ މެދު ކުރި އުންމީދުތަކުގެ ބަދަލުގައި، މިހާރު އަބަދު ދައްކަނީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ ކަމުގެ ވާހަކަ.“
ކުރިން ވަކި ކޮޓަރިއެއްގައި ނިދަމުން އައި ނަމަވެސް ހަނގުރާމަ ފެށުނު ފަހުން އެކަނި ނިދަން އެކުދިން ބިރުގަނެ އެވެ. މިހާރު މުޅި އާއިލާ ނިދަނީ އެއް ކޮޓަރިއެއްގައެވެ. އަދި ހަގަށް ތިބި ދެ ކުދިން ނިދަނީ މަންމަގެ އަތުތެރޭގަ އެވެ.
”ކޮންމެ ރެއަކު ބިރުވެރި ހުވަފެންތަކުގެ ސަބަބުން އެކުދިންނަށް ސިހުން ލިބޭ. ދުވާލު ގަޑީގައިވެސް ބޭރަށް ނިކުމެއްޖެނަމަ މަރުވެދާނެ ނުވަތަ އަނިޔާއެއް ވެދާނެ ކަމުގެ ބިރަށް ގޭގެ ބޭރަށް ނިކުންނާކަށް އެކުދިން ބޭނުމެއް ނުވޭ. އެހެންވެ މުޅި ދުވާލު އެކުދިން ހޭދަކުރަނީ ގޭގެ ތެރޭގައި،“ އަބްދުލްއިލާހު ބުންޏެވެ.



