
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް: ހުކުރު ޚުތުބާ
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި އިންސާނާގެ ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ މުހިންމު ސަބަބެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
”ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވަނީ، ކޮންމެ އިންސާނަކު ވެސް މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި، އިސްލާމްދީނުގެ ހިޔަލުގައި ކަމަށެވެ. އަދި އިސްލާމްދީނުގައި އަބަދުވެސް އަންގަވަނީ ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރުމަށް ކަމަށާއި، ނަމަވެސް އެ ކުއްޖަކު މުޖުތަމަޢުގައި އެކި ގޮތްގޮތަށް ބައްޓަންވެގެން ދަނީ އެ ކުއްޖަކަށް ދެވޭ ތަޢުލީމާއި ތަރުބިޔަތުގެ ސަބަބުން ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ޚުތުބާގައި ވިދާޅުވި ގޮތުގައި، އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުމެވެ. މި ގުޅުމަށް ނަންދެވިފައިވަނީ ﷲ ތަޢާލާގެ މާތް އިސްމުފުޅު ”الرَّحْمَـٰن“ އާ ގުޅުވައިގެންނެވެ. މިކަމުގެ މާތްކަން ބަޔާންކުރައްވަމުން ޤުދުސިއްޔަ ޙަދީޘެއްގެ މާނައިގައި ވާކަން ފާހަގަކުރެއްވިއެވެ: ”ތިމަން ރަސްކަލާނގެއީ ’އައްރަޙްމާނު’އެވެ. އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެއީ ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެކަމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ޓަކައި ތިމަންރަސްކަލާނގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވީމެވެ. ފަހެ އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ޤާއިމުކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވައިފާހުށީމެވެ.“
މީގެއިތުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުޤު ތަނަވަސްވެ ޢުމުރުގައި ބަރަކާތްލައްވާ ކަމެއްކަން ހަނދާންކޮށްދެއްވަމުން، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުތުބާގައި ގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމަށް) އެދޭ މީހާ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓަންވާނެ ކަމަށެވެ.
އެހެންނަމަވެސް، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއްކަމަށް ޚުތުބާގައި އިންޒާރުދެއްވިއެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަށް ނުވަންނާނެކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ. ހަމައެއާއެކު، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ހަމައެކަނި ވިޔަފާރި އުޞޫލުން އަނެކަކު ކޮށްދޭ ކަމަކަށް ބަދަލުދިނުމެއް ނޫން ކަމަށާއި، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކަކު ގުޅުން ކަނޑައިލި ނަމަވެސް އެ ގުޅުން ދަމަހައްޓާ މީހާ ކަމުގައިވެސް ބަޔާންކުރެއްވިއެވެ.
ޢާއިލީ ގުޅުން ހަރުދަނާކުރުމަށްޓަކައި ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ޚުތުބާގައި ވިދާޅުވީ ޢާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުން ކަމަށެވެ. އަދި މައިންބަފައިންނަށް ކިޔަމަންގަތުން ވާޖިބުވީ ނަމަވެސް، އެކަން އޮތީ ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައި ކަމަށާއި، ޚާލިޤުވަންތަ ﷲ އަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތްކަން ހަނދާންކޮށްދެއްވިއެވެ.
ދަރިންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެޔޮލަފާ ބަޔަކަށް ހެދުމަށް ހަމައެކަނި ތަޢުލީމު ދިނުމުން ނުފުދޭނެ ކަމަށާއި، ތަޢުލީމާ އެކު އިސްލާމީ ރިވެތި ތަރުބިޔަތު ވެސް ދޭންޖެހޭނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. މިގޮތުން މާއްދީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން، އިސްލާމީ އަދަބުތަކަށް ދަރިން ހޭނުވުމާއި، މައިންބަފައިން އެކުދިންނަށް ރިވެތި ނަމޫނާއަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް، ކުދިންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު ނުކޮށްފިނަމަ އަދަބުދީގެން ވެސް ނަމާދުކުރުވުމަށާއި، އެކުދިންގެ ތަންމަތިތައް ވަކިކުރުމަށް ނަބަވީ އިރުޝާދުގައި ވާކަން ފާހަގަކުރެއްވިއެވެ.
ޚުތުބާ ނިންމަވާލައްވާފައިވަނީ، އަޅަމެންނީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުންތައް ދަމަހައްޓާ، އެބައިމީހުންގެ ޙާލުބަލައި ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.



