
ރައްކާތެރިކަވުމުގެ ގޮތުން ސަޢުދީގެ ގިނަ ސަރަހައްދުތަކެއްގައި އިންޒާރު ނެރެފި
ސަޢޫދީ ޢަރަބިއްޔާގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ހޫތީން ފޮނުވާލި ބެލިސްޓިކް މިސައިލެއް އެ ޤައުމުގެ ވައިގެ ދިފާޢީ ބާރުތަކުން ހުއްޓުވައި ނައްތާލުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ސަރަހައްދުތަކެއްގައި އިންޒާރު ނެރެފި އެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސަޢޫދީގެ އެކި ސަރަހައްދުތަކަށް ކުރިމަތިވެދާނެ ސަލާމަތީ ނުރައްކަލަކަށް ސަމާލުވުމަށް ”އާލީ ވޯނިންގް“ އެލާޓްތައް ނެރެފައިވަނީ ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ދިފާޢީ ބާރުތަކުން ކާމިޔާބުކަމާއެކު ގޮއްވާލާފައި ވަނިކޮށެވެ.
އެންމެ ފުރަތަމަ އިންޒާރު ނެރެފައިވަނީ ހެނދުނު 8:58 ގައި ހަމީސް މުޝައިތު ގަވަރްނޮރޭޓަށެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން ތާއިފް އަބްހާ އަދި ނަޖްރާން ސަރަހައްދަށް ވެސް ވަނީ މި އިންޒާރު ނެރެފަ އެވެ. އަދި މެންދުރުގެ ވަގުތެއްގައި ޖާޒާން ސަރަހައްދަށް އިންޒާރު ނެރެފައިވާއިރު މެންދުރުފަހު ދެވަނަ ފަހަރަށް ނަޖްރާން ސަރަހައްދަށް ވަނީ އެލާޓް ނެރެފަ އެވެ.
ނުރައްކާ ފިލައިދިޔުމުން އިންޒާރު ނެރެފައިވާ ސަރަހައްދުތަކަކީ މިހާރު އަމާން ސަރަހައްދުތަކެއްގެ ގޮތުގައި ފަހުން ވަނީ ކަނޑައަޅާފަ އެވެ.
ޔަމަނުގެ ޤާނޫނީ ސަރުކާރު އިއާދަކުރުމަށް މަސައްކަތްކުރާ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި މިސައިލަކީ ހޫތީ ހަނގުރާމަވެރިން ސަޢޫދީގެ ދެކުނު ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެކެވެ.
ސަޢޫދީ ސިވިލް ޑިފެންސް އިން ވަނީ އިންޒާރުގެ މެސެޖު ލިބުނު ފަރާތްތަކުން ރަސްމީ އިރުޝާދުތަކަށް ބޯލެނބުމަށާއި ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ 988 އަށް ގުޅުމަށް އިލްތިމާސްކޮށްފަ އެވެ.



