ބީޕީޓީ ބަޔާން ހުށަހެޅުމުގައި މީރާއިން ލުޔެއް ދީފިއެވެ.
އެގޮތުން ވަކިފަރުދެއްގެ ނުވަތަ ޑީމްޑް ޕާޓްނަރޝިޕެއްގެ ޖުމުލަ އާމްދަނީ އަހަރެއްގެ މައްޗަށް 1 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އަދި ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ އަހަރަށް އެ ފަރާތުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް މީރާއިން މިހާރުވަނީ ހަމަޖައްސާފައެވެ.
މީރާއިން މިގޮތަށް ހަމަޖެއްސީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީ.ޕީ.ޓީގެ ޤަވާޢިދަށް މިއަދު ގެނައި އިސްލާހެއްގެ ދަށުންނެވެ.
ކުރިން 750,000 ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭނަމަ ޓެކްސް ބަޔާން ހުށަހަޅަން ޖެހޭގޮތަށް އޮތް އޮތުން 1 މިލިއަން ރުފިޔާއަށް ބޮޑުކޮށް ދެވުނު މި ލުއިގެ ސަބަބުން ކުދި ވިޔަފާރިތައް ހިންގާ އަމިއްލަ ފަރުދުންނާ ޑީމްޑް ޕާރޓްނަރޝިޕްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.
ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ދާ ލުއިތަކުގެ ތެރެއިން 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ހިސާބުތައް ބެލެހެއްޓުމުގައި ”ކޭޝް ބޭސިސް“ ޚިޔާރުކުރުމުގެ ފުރުސަތުދީ، އެ ފަރާތްތަކުން އޮޑިޓް ރިޕޯރޓް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ މި މަހުގެ ތެރޭގައި މީރާއިން ހަމަޖައްސާފައެވެ. އަދި، އޮޑިޓްކުރަން ޖެހޭ ކުދި ވިޔަފާރިތަކަށްވެސް އޮޑިޓަރުން ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮޑިޓަރުން އައްޔަން ކުރުމުގައި ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.