ޚަބަރު ފީތާ

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ..

ފައިލް ފޮޓޯ

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށްކުރާ ކަންކަމާއިގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން ރެމިޓެންސް ޓެކްސްގެ ޤަވާޢިދަށް އިސްލާޙެއް ގެނެސްފިއެވެ.

މި އިސްލާހުގައި ރާއްޖޭގައި ވާރކް ވީޒާއެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީއެއްގެ ޑިޕެންޑަންޓެއް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވާރކް ވީޒާ އެއްގެދަށުން މަސައްކަތްކުރަމުންދާ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ، ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ޤައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އަދި މި އިސްލާހުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ނުވަތަ ”ޑިޕެންޑެންޓް ވީޒާ“ އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް ނުވަތަ ދިވެހި ރައްޔިތެއް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ، އެ ފަރާތާއި ދޭތެރޭ ފިޔަވަޅު އެޅޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގައިވާގޮތުން ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާން މަސައްކަތްކޮށްފިނަމަ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ ޢަދަދަކުން ޖޫރިމަނާވާނެއެވެ.

އަދި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ނަގާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެކަމަށް ރެމިޓެންސް ޓެކްސް ޤަވާޢިދަށް ގެނައި ފުރަތަމަ އިސްލާހުގައިވެއެވެ.

 

Rate this post