
ފަޖްރު ސޫރަތުގެ ތަފްސީރު (3)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 30 ޑިސެންބަރު 2016 އާ ގުޅޭ
(الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾
(طَغَوْا) ގެ މާނައަކީ އަނިޔާވެރިވުމުގައި ޙައްދުފަހަނަ އަޅާ ދިޔުމެވެ. ސޫރަތުލް ޙާއްގާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ ﴿١١﴾) މާނައަކީ: “ ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.“
(فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ ”ފަހެ، އެއުރެން އެ ރަށްތަކުގައި ފަސާދަވެރިކަން ގިނަކުޅައޫއެވެ.“
މިތަނުގައި ”ފަސާދަ“ އަކީ މަޢްނަވީ ފަސާދައެވެ. ނަމަވެސް އެއާއި ގުޅިގެން ޙިއްސީ ފަސާދަވެސް ވަދެއެވެ. ސޫރަތުލް އަޢްރާފްގެ 96 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ ﴿٩٦﴾ މާނައަކީ: “ ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ.“
ސޫރަތުލް އަޢްރާފްގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا) މާނައަކީ: “ ބިން إصلاح ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!“ މިތަނުގައި ”ފަސާދަ ނުކުރާށޭ“ އޮތް ބަސްފުޅުގެ މުރާދެއް ކަމުގައި ޢިލްމުވެރިން ވިދާޅުވަނީ ފާފަކުރުމުގެ ސަބަބުން ބިންގަނޑު ފަސާދަވުމެވެ.
މީގެ ކުރީގެ އުއްމަތްތަކުގެ މީހުން ނުބައިކޮށް އުޅެން ފެށުމުން ﷲ ތަޢާލާ އެބައިމީހުން ހަލާކު ކުރައްވައެވެ. ނަމަވެސް މިއުއްމަތަށް އެފަދަ ޢުގޫބާތެއް ނުދެއްވާނެއެވެ. ނަމަވެސް މިއުއްމަތުގެ މީހުން ހަލާކުވާނީ އެބައިމީހުން އެބައިމީހުންނަށް ކުރާކަންތަކުގެ ސަބަބުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތަޅާފޮޅާ ކަންތައް ކުރުމުގެ ސަބަބުންނެވެ. އެބައިމީހުންގެ ފާފަތަކުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ގަދަވެގަންނަނީއެވެ. މިއީ ﷲ ގެ ޙަޟްރަތުން އަންނަ ކޯފާއެކެވެ.
(فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾
(صَبَّ) އަކީ އޮއްސެވުމެވެ. އެބައިމީހުންގެ މައްޗަށް ޢަޛާބު އައިސްފައިވަނީ ﷲ ގެ ޙަޟްރަތުން މަތިންނެވެ.
(سَوْطَ) އަކީ މީހުން ގައިގާ ތަޅަން ގެންގުޅޭ ޢަޞާ ނުވަތަ ދަނޑިބުރިއެވެ.
މީހުން ގައިގާ ދަނޑިބުރިން ތެޅުމަކީވެސް ޢަޛާބުގެ ބާވަތެކެވެ. ނަމަވެސް، ޘަމޫދާއި ޢާދު އަދި ފިރްޢައުނުގެ މައްޗަށް ފޮނުއްވި ޢަޛާބަކީ އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ދަނޑިބުރިން ތެޅުމެއް ނޫނެވެ. ނަމަވެސް މަތިން ވަރުގަދަ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވުނީއެވެ. މިކަންކަމުން ޢިބްރަތް ޙާޞިލްކޮށް، އުޅުމާއި ގުޅުން އިޞްލާޙު ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި. އާމީން.
(إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾ ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.“
އެބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ބައްލަވާ ވޮޑިގެންވެއެވެ. އަދި ވަގުތު ޖެހުމުން ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ. މި މާނަ ދޭހަވާ ވަރަށް ގިނަ އާޔަތްތައް ގުރްއާނުގައި ވެއެވެ. އެގޮތުން ސޫރަތު މުޙައްމަދުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ دَمَّرَ اللَّـهُ عَلَيْهِمْ ۖ وَلِلْكَافِرِينَ أَمْثَالُهَا ﴿١٠﴾ މާނައަކީ: “ ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެެވެ؟ އެއުރެންގެ މައްޗަށް اللَّه ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، كافر ވި މީހުންނަށްހުރީ އެފަދަ عقوبات ތަކެވެ.“
ސޫރަތު ހޫދުގެ 89 ވަނަ އާޔަތުގައި ޝުޢައިބު ޢަލައިހިއްސަލާމް ވިދާޅުވި ކަމަށް އައިސްފައިވެއެވެ. (وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَن يُصِيبَكُم مِّثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚ وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ ﴿٨٩﴾ މާނައަކީ: “ އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް مصيبة ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) نوح ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ هود ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ صالح ގެފާނުގެ قوم ގެމީހުންނަށް ޖެހުނުފަދަ مصيبة އެކެވެ. لوط ގެފާނުގެ قوم ގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ.“
މި އާޔަތުގައި މިވަނީ ﷲ ގެ އާޔަތްތައް ދޮގުކޮށް، ބިންމަތީގައި ފަސާދަ އުފައްދާ އަނިޔާވެރިވެ އުޅޭ މީހުންނަށް ވަރުގަދަ އިންޛާރެއް ދެއްވާފައެވެ. އެބައިމީހުން ކުރާ ހުރިހާ ކަމެއް ﷲ ބައްލަވާ ވޮޑިގެންވާ ކަން އަންގަވާފައެވެ.
(فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ﴿١٥﴾) ﷲ ސުބްޙާނަހޫ ވަތަޢާލާ އެކި ގޮތްގޮތަށް އިންސާނާ އިމްތިޙާނު ކުރައްވާނެއެވެ. ބައެއް ފަހަރު ހެޔޮގޮތް މެދުވެރި ކުރައްވައެވެ. އަނެއްބައި ފަހަރު އެނޫންގޮތްތައް މެދުވެރި ކުރައްވައެވެ. ސޫރަތުލް އަންބިޔާގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً) މާނައަކީ: ”އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ.“
ހެޔޮކަންތައްތައް މެދުވެރި ކުރައްވާ އިމްތިޙާނު ކުރައްވަނީ އިންސާނާ އެކަންކަމަށް ޝުކުރުވެރިވޭތޯ ނުވަތަ ވަނީ ކާފިރުތޯ ބެއްލެވުމަށެވެ. ނުބައިކަންތައް މެދުވެރި ކުރައްވާ އިމްތިޙާނު ކުރައްވަނީ އޭނާ ކެތްތެރިވޭތޯ ނުވަތަ ނުލަފާވޭތޯ ބެއްލެވުމަށެވެ. އިންސާނާގެ ޙާލަތު އަބަދުވެސް ދައުރުވާނީ އޭނާ އަށް އެކަށީގެންވާ ވަރެއްގެ ހެޔޮކަންކަމާއި ނުބައިކަންކަމާއި ދެމެދުގައެވެ. ހެޔޮކަންތައް މެދުވެރިވެއްޖެނަމަ އޭނާ އުފާކޮށް ހަދައެވެ. ނުބައިކަމެއް މެދުވެރިވެއްޖެނަމަ އުފަލެއް ނުވާނެއެވެ. ނަމަވެސް، މިހުރިހާ ކަމަކީ ﷲ ގެ ޙަޟްރަތުން އަންނަ އިމްތިޙާނު ތަކެވެ. އިންސާނާގެ ޠަބީޢަތު ހުންނަ ގޮތުން ﷲ އޭނާ އިމްތިޙާނު ކުރައްވާ ހެޔޮގޮތެއް މެދުވެރި ކުރައްވައިފިނަމަ އޭނާ ބުނަނީ (رَبِّي أَكْرَمَنِ ) އަހަންނަކީ ހެޔޮކޮށް ހިތުމަށް އެކަށީގެންވާ މީހެކެވެ. މިއީ ﷲ ގެ ޙަޟްރަތުން ލިބުނު ހެޔޮކަމެއް ކަމާއި މެދުގައި އޭނާ ނުވިސްނައެވެ. ގާރޫނުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުލް ގަޞަޞްގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي) މާނައަކީ: “ އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ.“ ގާރޫނަށް މުދާ ދެއްވީ ﷲ ގެ ފަޟްލަވަންތަ ކަމުން ކަމެއް އޭނާ ގަބޫލެއް ނުކުރިއެވެ. މިއީ މިއަދު ގިނަމިސްކިތްތަކުގެ ޙާލަތު ހުންނަ ގޮތެވެ. ﷲ އެމީހަކަށް މުދާ ދެއްވުމާއި އެކު އެއީ ﷲ ގެ ފަޟްލަވަންތަކަމުން ތިމާ އަށް ދެއްވި އެއްޗެއް ކަމާއިމެދުގައި ހަނދާން ނައްތާލައެވެ. އަދި އެއީ ތިމާގެ މޮޅުކަމުން ލިބުނު އެއްޗެއް ކަމުގައި ހީކޮށް ވާހަކަދައްކާ ހަދައެވެ.
(وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ﴿١٦﴾ ﷲ ތަޢާލާ އިންސާނާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން އޭނާގެ ރިޒްގު ހަނި ކުރައްވައިފިނަމަ، ބުނެއެވެ. (رَبِّي أَهَانَنِ ) ﷲ ތަޢާލާ އަހަންނަށް އިހާނެތިކޮށް ހިއްތަވައިފިއެވެ. އަހަންނަށް އަނިޔާވެރިވެވޮޑިގެންފިއެވެ. އެވެނި މީހަކަށް މުދާ ދެއްވި ފަދައިން އަހަންނަކަށް ނުދެއްވައެވެ. އެވެނި މީހަކު މާތް ކުރެއްވި ފަދައިން އަހަރެން މާތް ނުކުރައްވައެވެ. އުފާވެރިކަމެއް ލިބޭ ވަގުތުގައި ޝުކުރުވެރި އެއް ނުވެއެވެ. އަދި ބޮޑާވެގަނެ މިއީ އަހަރެންގެ މޮޅުކަމުން ލިބުނު އެއްޗެކޭ ހީކުރެއެވެ. ދަތި އުނދަގޫ ވަގުތެއް އައިމާ ކެތްތެރި އެއް ނުވެއެވެ. އޭގެ ބަދަލުގައި ﷲ ތަޢާލާ ތިމަންނާ އަށް އިހާނެތިކޮށް ހިއްތެވީ އޭ ކިޔާ ވާހަކަ ދައްކާ ހަދައެވެ. މިއީ ޢާންމު އިންސާނުންގެ ޙާލަތެވެ. ނަމަވެސް މުއިމިނުންގެ ގޮތަކީ މިއެއް ނޫނެވެ. މުއިމިނުންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ އެއީ ﷲ ދެއްވި ނިޢްމަތެއްކަން ދަނެއެވެ. އެއީ އިންސާނާގެ މޮޅުކަމުން ލިބުނު އެއްޗެއް ނޫންކަން ގަބޫލު ކުރެއެވެ. އަދި އެނިޢްމަތް ދެއްވި ކަމަށް ޓަކައި ﷲ އަށް ޝުކުރުވެރިވެއެވެ. އަދި އޭނާ އިމްތިޙާނު ކުރައްވާ ރިޒްގު ހަނި ކުރައްވައިފިނަމަ، އެއީ ﷲގެ ޙަޟްރަތުން އައި އިމްތިޙާނެއް ކަންދަނެ، އެކަމަށް ކެތްތެރިވެ، ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދެއެވެ. އަދި ބުނެއެވެ. މިކަން މިދިމާވީ އަހަންނަށް ކުރެވިފައިވާ ފާފަ އެއްގެ ސަބަބުންނެވެ. ﷲ ތަޢާލާ އަހަންނާއި މެދު އިހްމާލުވެ ވޮޑިގެން ނުވާނެއެވެ. އަދި އަހަންނަށް އަނިޔާވެރިވެ ވޮޑިގެން ނުވާނެއެވެ. އަދި މުޞީބާތުގެ މިވަގުތުގައި ކެތްތެރިވެއެވެ. އުފާވެރިކަމެއް ލިބޭ ވަގުތުގައި ޝުކުރުވެރިވެއެވެ.
އިސްވެދިޔަ ދެ އާޔަތުގައި އެވަނީ އިންސާނާ ކެތްތެރިވާން ޖެހޭނެކަމަށް އިޝާރާތް ކުރައްވާފައެވެ. އަމިއްލަ ނަފްސަށް ސުވާލު ކުރަންވީއެވެ. ﷲ ތަޢާލާ މިމުދާ އަހަންނަށް ދެއްވީ ކީއްވެގެން ހެއްޔެވެ؟ އަދި މި މުދާ ދެއްވުމުން އަހަރެންގެ ކިބައިން އެދިވަޑައިގަންނަވަނީ ކޮންކަމަކަށްބާ އެވެ؟ އަހަރެން ޝުކުރުވެރިވާން ޖެހެއެވެ. އަދި ﷲ ގެ މަގުގައި ހޭދަކުރަން ޖެހެއެވެ. އަދި ފަގީރުކަމުން ނުވަތަ ބައްޔެއްގެ ސަބަބުން އިމްތިޙާނަކާ ދިމާވެއްޖެނަމަ، އަމިއްލަ ނަފްސަށް ސުވާލު ކުރަންޖެހެއެވެ. އަހަންނަށް ފަގީރުކަން ޖެއްސެވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ބަލި ޖެއްސެވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ މައްޗަށް ވާޖިބު ވެގެންވަނީ ކެތްތެރިވުމެވެ. ވީމާ، އިންސާނާ އަބަދުވެސް ހުންނަން ޖެހޭނީ އަމިއްލަ ނަފްސު ޙިސާބު ކުރުން މަތީގައެވެ.



