ވަޢުދާ ހުވާ ކުރާނެއޭ، އެހަނދާން ނެތޭނެއޭ!

ވެރިކަމަށް ހޮވުމުގެ ކުރިން ސިޔާސީ ކެންޑިޑޭޓުން ކުރާ ވަޢުދާއި، ކައިވެނީގެ ކުރިން ލޯބިވެރިން ވާ ވައުދުތަކާ އޮތީ ކޮން ތަފާތެއްތޯއެވެ؟

ކައިވެނީގެ ކުރިން ދައްކަނީ ފޮނި ހުވަފެންތަކެކެވެ. ކާންދެނީ ޚިޔާލީ ފޮލާއެވެ. އަތްމައްޗަށް ހަނދު ގެނެސްދީ، އުޑުގެ ތަރިތަކުން ރީތި ގަހަނާ ގަތައިދީ، އަދި ބަރަވެލި ކަނޑުގައި މަށަންދަތި އަޅައިދޭނެކަމަށް ބުނެ ވައުދުވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިޔާސީ ޕޯޑިއަމްތަކުން ވެސް އިވެނީ ހަމަ މިފަދަ ވާހަކަތަކެކެވެ. ރައްޔިތުންނަށް ދައްކަނީ ފަހި، އުފާވެރި ދިރިއުޅުމެއްގެ ފޮނި ހުވަފެނެވެ. މާލީ ތަނަވަސްކަމާއި ޢަދުލު އިންސާފު އެންމެންގެ މެދުގައި ހަމަހަމަކަމާއެކު ޤާއިމުކޮށްދޭނެ ކަމުގެ ވައުދެވެ. ސަލާންޖަހަން ނުޖެހި، ކޮންމެ މީހަކަށްވެސް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ކަމުގެ ވައުދެވެ. ޤައުމުގެ އެންމެ އިންޗި ބިމެއް ވެސް ބޭރުގެ އެއްވެސް ބަޔަކަށް ދޫނުކުރާނެ ކަމުގެ ހުވާތަކެވެ.

ނަމަވެސް ވެރިކަމުގެ ފޮނިމީރުކަން ލިބުމާއެކު، ހުރިހާ ކަމެއް ބަދަލުވެ، ކީހާ ޅެން ފަރިއްސަށް ވެގެންދެއެވެ.

ކޮންމެ ވެރިއަކުވެސް ވެރިކަމުގެ ގޮނޑިއަށް ވަޑައިގަންނަވަނީ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް، ތާރީޚު ހެކިދޭ ގޮތުގައި ކޮންމެ ވެރިކަމެއްގައިވެސް ނިމިގެންދަނީ ރައްޔިތުންނަށް ދަޅަދައްކައި، ބޮޑު ދޯކާއެއް ދީފައެވެ. ނިކަމެތި ރައްޔިތުމީހާ ދުވަހެއް ދުވަހަކަށް ވަނީ އިތުރަށް ނިކަމެއްޗެވެ. ވެރިންގެ އަރިހުގައި ތިބޭ މަސްލަހަތު އޮންނަ މަހުޖަނުން ވަނީ އިތުރަށް މުއްސަންޖެވެ.

ޤައުމުގެ އެންމެ މަތީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި ތަޢުލީމީ ފެންވަރަކަށް، ޤާބިލުކަމަކަށް ނުބަލައެވެ. އެތައް ލޯނެއް ނަގައިގެން ދަރާވިކި، އެތައް އަހަރެއް ވަންދެން ބުރަ މަސައްކަތުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން އައިސްތިބި ޒުވާނުން ތިބީ އެކަށޭނަ ވަޒީފާއެއް ނުލިބި މާޔޫސްވެފައެވެ. އެކަމަކު، ދައުލަތުގެ ބޮޑެތި އިސް މަޤާމުތައް ބަހާލަނީ ޕާޓީގެ އެކްޓިވިސްޓުންނަށާއި، ގާތްތިމާގެ މީހުންނަށެވެ. ތަނެއްދޮރެއް ނޭނގޭ، ޕޯޑިއަމްތަކުގައި ހަޅޭއްލަވައި އައުގުރާނަގޮވަން އިސްކޮށް އުޅުނު މީހުން މިއަދު ތިބީ ޤައުމު ހިންގަން އިސް ސަފުގައެވެ.

އުމުރުގެ ބޮޑުބައި ދައުލަތަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހޭދަކޮށްލި ސިވިލް ސާވަންޓުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެމީހުންގެ މުސާރަ ބޮޑުކުރަނީކަމަށް ބުނެ، ދެއްކި ފޮނި ހުވަފެނަކީ ލޮލުގައި އެޅުވި އަނދުނެކެވެ. މުސާރައާއި ޢިނާޔަތްތަކަށް ގެނައި ކަމަށް ބުނާ ”މޮޅު“ ބަދަލުގެ ސަބަބުން، އަސާސީ މުސާރައަށް 1500 ރުފިޔާ އިތުރުވި ނަމަވެސް، ގެއަށް ގެންދަން މަހުން މަހަށް އަތަށް ލިބޭ ޖުމްލަ ޢަދަދުން ދެބައިކުޅަ އެއްބައި ވަނީ އުނިވެފައެވެ. އުމުރު ހުސްކޮށް ސަރުކާރުގައި ވަޒީފާ އަދާކުރުމުން އެމީހުންނަށް ދެމުންއައި އިނާޔަތްތައްވެސް މިވަނީ ކަނޑާލާފައެވެ. މިފަދަ ގޮތަކަށް މުސާރަ ”ބޮޑު“ ކުރުމަށްވުރެ ކުރިން ލިބުނު ކުޑަކުޑަ މުސާރަވެސް މާ ރަނގަޅު ނޫންތޯއެވެ!

ސިވިލް މުވައްޒަފުންގެ އާމްދަނީ ދަށްވެ، ދެކޮޅު ނުޖެހިގެން އުޅޭއިރު، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ވަޒީރުންގެ ކާރު އެލަވަންސާއި، ކައުންސިލަރުންގެ މުސާރަތައް މިވަނީ އަނެއްކާވެސް ބޮޑުކޮށްފައެވެ. ބަލާބެލުމަށް ހީވަނީ މި ޤައުމުގައި އެންމެ ދަތި، ނިކަމެތި ޙާލުގައި މަހުން މަހަށް ލިބޭ މުސާރައަކުން ދެކޮޅުނުޖެހި، އަނގަޔާ އަތާ ދިމޭނުވެ ދަތި ހާލުގައިއުޅޭ ބަޔަކީ ޢިއްޒަތްތެރި މެންބަރުންނާއި ވެރިން ހެންނެވެ. މިއީ ހަމަ އެއްކަލަ ރައްޔިތުން ގާތަށް ގޮސް، ފޮނި ޅެންތައް ކިޔައިދީގެން ވޯޓު ހޯދި ”ރައްޔިތުންގެ ޚާދިމުންނެވެ.“

ރަތް ޓީޝާޓު ތުރުކުރައްވައި، ވަކި ޤައުމެއް ”އައުޓް“ ޖައްސަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން މިއަދު ކަންކުރައްވާ ގޮތް ބައްލަވާށެވެ. ވަކި ޤައުމެއް ބޭރުކުރުން ކީއްކުރަންތޯއެވެ! މިއަދު ފެންނަނީ އަނިޔާވެރި ވަކި ދީނެއްގެ މީހުންނާ ދެކޮޅަށް، ނުވަތަ އެމީހުންނަށް ނިސްބަތްވާ ގޮތަށް ބަހެއް ބުނުންވެސް ޤާނޫނަކުން މަނާކުރަން އުޅޭ މަންޒަރެވެ. ދިވެހި ފަސްގަނޑުގައި ތިބި ކަމަށް ބުނެ އަޑުއުފުލި ބޭރުގެ ސިފައިންވެސް، ވެރިކަން ލިބުމާއެކު ލޮލުކޮޅަށް ގެއްލިއްޖެއެވެ. ކީހާ ޅެން ހަމަ ރަނގަޅަށްވެސް މިވަނީ ފަރިއްސަށް ވެފައެވެ.

ހަމަހަމަކަމާއެކު އިންސާފު ޤާއިމުކޮށްދޭނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިއަދު ވެސް ފެންނަނީ އެއްކަލަ ”އަންދާ ޤާނޫނު“ ގެ އަނދިރިކަމެވެ. އިންސާފު ލިބެނީ ބާރާއި ނުފޫޒު އޮތް ފަރާތްތަކަށެވެ.

އިންތިޚާބު ދުވަސްވަރު ނިކަމެތި ރައްޔިތުންގެ ކައިރިއަށް ޒިޔާރަތްކޮށް، އެމީހުންނާއެކު އެއް މޭޒަކުން ކައިބޮއެ، އާދައިގެ ގޭގޭގެ ކުނިކަހައި މޮޕުއަޅައިދީ، ރައްޔިތުންގެ ނިކަމެތި ހާލަތު ފެނިގެން ދެލޮލުން ކަރުނަ އޮހޮރުވައި ކީރިތިކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް، އެ ގޮނޑި ލިބުމުން އެ ރައްޔިތުންގެ ހާލު ނުފެންނަނީ ކީއްވެގެން ބާވައެވެ؟ މިއީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައި މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

ކަން މިހެން ހުރުމާއެކު، މިފަދަ ކޮންމެ ވެރިއެއްގެ އަރިހުން އަޅުގަނޑު ކޮށްލަން ބޭނުންވާ ހަމައެކަނި ސުވާލަކީ؛

”ދެގޮތެއް މަށެއް ނުވާނަމޭ، ބުނެފާ ނުވޭހޭ؟!“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.