ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (6)

ހައްދުފަހަނައަޅައިދިއުން އިސްލާމީ ޝަރުޢުގައި ބެހިގެންވާ ބައިތައް: (ޢަމަލުގައި ހައްދުފަހަނައަޅައިދިއުން)

2- ޢަމަލުގައި ހައްދުފަހަނައަޅައިދިއުން:

ޢަމަލުގައި ޙައްދުފަހަނަ އަޅައި ދިއުމަކީ ޝަރުޢުގައި ވަކިގޮތަކަށް ކުރުމަށް އައިސްފައިވާ ޢަމަލެއް، އެނޫން، އޭނާ އަމިއްލަގޮތަކަށް ކުރުމަށް، ނުވަތަ އައިސްފައިނުވާ ޢަމަލެއް ކުރުން އެއީ ލާޒިމު ކަމެއް ނުވަތަ ގޮތްކަމަށް އޭނާގެ އަމިއްލަ ނަފްސަށްވިޔަސް ނުވަތަ އެހެންމީހުންގެ މައްޗަށްވިޔަސް ކަނޑައަޅައި އެގޮތަށް ދެކޭ ދެކުމާއި ކުރާ ޢަމަލެވެ. އެހެނީ އަޅުކަމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އެކަންކަން ކުރާނެ ގޮތް ޤުރުއާނާއި ސުންނަތުގައި ވަނީ ކަނޑައެޅި ބަޔާންވެގެންނެވެ. އަދި ޢަމަލުގައި ޙައްދުފަހަނައެޅުމުގެ ދޮރު، ބައެއްފަހަރު ހާދިސާ ތަކަށް ޢިޝާރާތް ކުރައްވައި، އަދި އަނެއްބައި ފަހަރު ޢާއްމުކޮށް އެއީ ރަނގަޅުނޫން ގޮތްކަމަށް އިރުޝާދު ދެއްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަންދު ކުރައްވާފައެވެ.

އިޝްތިހާރު Below Header ad

ކުރިން ބަޔާންކުރެވިފައިވާ ޙަދީޘުގައިވާ ފަދައިން، ތަޤުވާވެރިކަމުގެ ނަމުގައި އަބަދު ރޯދަހިފުމަށް ބުނިމީހާއާއި، ރޭގަނޑު އެއްގޮތަކަށް ނުނިދާ ރޭއަޅުކަން ކުރަން ބުނިމީހާއާއި، ކައިވެނި ނުކުރުމަށް ބުނެ ޢަޒުމް ކަނޑައެޅި ތިންމީހުންގެ ޙާދިސާއިންވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. ﷲ ޙަލާލު ކުރެއްވި އެއްޗެއް ތިމާ އަމިއްލައަށް ޙަރާމްކޮށް، ކަމަކާއި ނުވަތަ އެއްޗަކާއި ދުރުވުމަކީ ފަހަރެއްގައިވެސް ތަޤުވާވެރިކަމެއް ނޫނެވެ.

ޢަބްދުﷲ ބިން ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. މީހަކު ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަން (އެއްގަމު) މަސް ކައިފިނަމަ އަންހެނުން ގާތަށް ދިޔުމުގެ އެދުންވެރިކަން އާދެއެވެ. އަދި ޝަހުވަތްތެރިކަން ގަދަވެއެވެ. އެހެންވެ ތިމަން ތިމަންގެ ނަފްސަށް މަސް ޙަރާމްކޮށްފީމެވެ. ދެން މާތް ﷲ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا لَا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ)  (المائدة: ٨٧)
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި މާތް ﷲ ޙަލާލުކުރައްވާފައިވާ ހެޔޮ ރަނގަޅު ތަކެތި ތިޔަބައިމީހުން ޙަރާމް ނުކުރާށެވެ!”
އަދި ހަމަ އެފަދައިން ދީނުގައި އައިސްފައިވާ ލުއިފަސޭހަ ގޮތްތަކުގެ މައްޗަށް އަމިއްލައަށް އުނދަގޫ ގޮތް ކަނޑައަޅައިގެން އެގޮތް ލާޒިމުކޮށްގަތުމަކީވެސް ޢަމަލުގައި ޙައްދުފަހަނަ އެޅުމެވެ. މިނަންގަތީ ދީނުގައި އެކި މިންވަރު ހުއްދަ ކަމެއްގައި، އެމިންތަކުގެ ތެރެއިން މިނެއް ޚިޔާރު ކުރާވާހަކައެއް ނޫނެވެ. ލުއިކޮށް އޮތްކަމެއް، ބޮޑަށް ތަޤުވާވެރިވުމުގެ ނަމުގައި ނުވަތަ އެއީ ތަޤުވާވެރިވުންކަމަށް ދެކިގެން އަމިއްލައަށް އެކަމުގެ މައްޗަށް ބުރަގޮތެއް ކަނޑައެޅުމުގެ ވާހަކައެވެ.

އިމާމު ބުޚާރީ ރިވާކުރެއްވި ޚަދީޘްފުޅެއްގައި ވެއެވެ.
“‏ إن الدين يسر، ولن يشاد الدين إلا غلبه، فسددوا وقاربوا وأبشروا”‏ ‏(‏‏(‏رواه البخاري‏)‏‏)‏‏.‏
މާނައީ: “ހަމަކަށަވަރުން މިދީނަކީ ލުއިފަސޭހަވެގެންވާ ދީނެކެވެ. ދީނުގައި ހަރުކަށިވެއްޖެ ކޮންމެ މީހެއްގެ މައްޗަށް އެދީން ގަދަވެގަންނާނެއެވެ. ފަހެ ތިޔަބައިމީހުންނަށް ވީ އެންމެ ފުރިހަމައަކަށް ދީނަށް ޢަމަލުކުރާށެވެ. އަދި އުފާވެރިކަމުގެ ޚަބަރު ދޭށެވެ!” (ރަވާހުލް ބުޚާރީ)
އިބްނު ޙަޖަރު ރަޙިމަހުﷲ މިޙަދީޘާއި ބެހޭ ގޮތުން ވިދާޅުވިއެވެ: ” މިޙަދީޘުގެ މާނައަކީ ދީނުގައި އައިސްފައިވާ ލުއި ގޮތް ދޫކޮށް، އެޢަމަލަކާއިމެދު ވިސްނުމުގައި ފުންވެގެން ޙައްދުފަހަނައަޅައިގޮސް، އެކަމުގައި ތިމާއަށް ތަކުލީފު ލިބޭ މިންވަރަށް ވިސްނާ، އެކަން ފުންކުރާ ކޮންމެ މީހެއްގެ މައްޗަށް އެކަމެއް ކުރުން އުނދަގޫ ކަމަކަށްވެ، އެކަމަކުން ދުރުވެގެންދާނެއެވެ.”

މިކަމުގެ ޙަޤީޤަތް މިއަދު ވަރަށް ސާފުކޮށް ފެނެއެވެ. ޢަޤީދާގައި ޙައްދު ފަހަނައަޅައިގޮސް، ތިމާމެންގެ ބާޠިލު ޢަޤީދާ ޤަބޫލުނުކުރާ މީސްތަކުން ކާފަރުކޮށް އެބައިމީހުންގެ މުދަލާއި ލޭ ހުއްދަކޮށް، އަދި ދީނުގެ އެކި ލުއިތަކުގައި އަމިއްލައަށް ބުރަ ގޮތްތައް ކަނޑައަޅައި، ފޯރިއާއި ޖޯޝުގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅައިދިޔަ އެތައްބަޔަކު ދީނުގެ ކަންކަން މުޅިން ދޫކޮށް މުޅީން ދީނައި ދުރުވެފައިވާތަން މި މުޖުތަމަޢުންވެސް ފެންނާން އެބަތިއްބެވެ.

(ނުނިމޭ)

މިލިޔުމުގެ ކުރީގެ ބައިތައް:

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.