
ޚުތުބާ: ޒަކާތް ނެރޭ މީހާގެ ނަފްސު، ދަހިވެތިކަމާއި މުށްބާރުކަމުން ޠާހިރުކޮށްދޭ!
އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރުގެ މައްޗަށެވެ.
މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫނެވެ. އަދި އެއީ ނިކަމެތީންނަށް ވެދެވޭ އިހުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނޫންކަމުގައި ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
އެހެނެއްކަމަކު، ޒަކާތަކީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމާ އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވަނީ، ނަމާދަކީ އަޅާއާ މާތް اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށްވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީއެވެ.
”ޒަކާތް“ މި ބަހުގެ މާނައަށް ފުންކޮށް ވިސްނައިލުމުން، އޭގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ.
ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދެއެވެ. ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވެއެވެ.
ކީރިތި ޤުރްއާނުގެ 28 ވަރަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެއެވެ. މި ދެ އަޅުކަން މި ފަދައިން ގުޅި ލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުން މާނައެކެވެ. އެއީ ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމަ ނުވާނެ ކަމެވެ.
މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި، އެއުރެންނީ، سؤالކޮށް، އެދޭ މީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.“ މި އާޔަތުގައި ޒަކާތަކީ، ހަމައެކަނި ދޭ ހަދިޔާއެއް ނުވަތަ އިޙުސާންތެރިވުމުގެ ގޮތުން ކުރާ ކަމެއްކަމަށް الله سُبْحَانَهُ وَتَعَالَى ބަޔާންކުރައްވައިފައެއް ނުވެއެވެ. އެކަލާނގެ ވަޙީކުރެއްވީ އެއީ ”ކަނޑައެޅިގެންވާ ޙައްޤެއް“ ކަމަށެވެ. އެ މުދާ ހޭދަކުރުމުގެ ކުރީން ވެސް އެއީ، ޙައްޤުވެރީންގެ އެއްޗެކެވެ. އެއީ ކަނޑައެޅިގެންވާ ޙައްޤެކެވެ.
މި ޒަމާނުގެ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ފަރުމާކުރުމަށް ޓަކައި އެތައްއެތައް ބިލިއަން ފައިސާއަކާއި މުދަލެއް ހޭދަކުރެއެވެ. ފަޤީރުކަން ނައްތާލުމާ ގުޅޭ ގޮތުން ދިރާސާކުރާ އިދާރާތަކުން ނުހަނު ގިނަ ރިޕޯޓުތައް ނެރެއެވެ. ނަމަވެސް، މީގެ ސާދަ ސަތޭކަ އަހަރު ކުރީން، الله سُبْحَانَهُ وَتَعَالَى ވަނީ ނުހަނު ފުރިހަމަ، އިންޞާފުވެރި ޝާމިލު ނިޒާމެއް ބާވައިލައްވައިފައެވެ.
ޒަކާތުގެ ގޮތުގައި ނެރޭން ޖެހޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ތިރީސް އިންސައްތަ ނުވަތަ ފަންސާސް އިންސައްތައެއް ނޫނެވެ. މުދަލުގެ ނިޞާބު ހަމަވެ، ނިޞާބު ހަމަވީތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޒަކާތުގެ ގޮތުގައި ނެރޭން ޖެހެނީ އެ މުދަލުގެ ޖުމުލަ އަދަދުގެ އެންމެ ދޭއް ޕޮއިންޓު ފަހެއް އިންސައްތައެވެ. އެއީ އެތައް މިލިއަން އިންސާނުން ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެކެވެ. މިއީ ބޮޑު މިންވަރެއް ކަމަށް ތެދުވެރި އެއްވެސް މުސްލިމަކަށް ބުނަން ނުކުރޭހައި ކުޑަ މިންވަރެކެވެ.



