ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (2)

އިސްލާމްކަން:

ލުޣަވީ ގޮތުން

اسلام މިއީ ޢަރަބި ލަފުޒެކެވެ. ލުޢަވީ ގޮތުން މި ލަފުޒުގެ މާނައަކީ، ބޯލަނބައި ކިޔަމަންތެރިވުން[1] މިއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ[2] މާނައީ : “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތައުބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ!”

ޝަރުއީ އިސްތިލާޙް

އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.” އިސްލާމްކަމަކީ ބޯލަނބައި ކިޔަމަން ވުމެވެ. އެކަމުގައި ހިމެނެނީ ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރުމާއި އެއިލާހަށް ބޯލަނބައި ކިޔަމަންތެރިވުމެވެ.”[3]

އިޝްތިހާރު Below Header ad

އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އިސްލާމްކަމަކީ، މާތް ﷲއަށް ބޯލަނބައި ކިޔަމަންވުމާއި، އެއިލާހު އެންގެވި ކަންކަން ކިޔަމަންތެރިކަމާއި އެކު ކުރުމާއި ނަހީކުރެއްވި ކަންކަމުން ދުރުވުމެވެ.”[4] އިސްލާމުކަމަކީ ކޮބައިކަން ނުވަތަ އިސްލާމުގެ ރުކުންތައް އަޅުގަނޑުމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެއީ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމެ ހަދީޘް ކުރައްވާފައިވާ “މަޝްހޫރު ޖިބްރީލް ޙަދީޘް” އެވެ. عَنْ عُمَرَ -رَضِي اللهُ تَعَالَى عَنْهُ- أَيْضًا قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ -صَلّى الله عَلَيْهِ وَسَلَّمَ- ذَاتَ يَومٍ، إِذْ طَلَعَ عَلَينَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لاَ يُرَى عَلَيْهِ أَثَرُ السَّفَرِ، وَلاَ يَعْرِفْهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ -صَلّى الله عَلَيْهِ وَسَلَّمَ- فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ: ((يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَمِ)). فَقَالَ رَسُولُ اللهِ -صَلّى الله عَلَيْهِ وَسَلَّمَ-: ((الإِسْلاَمُ أَنْ تَشْهَدَ أَن لاَ إِلَهَ إِلاَّ اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيْمَ الصَّلاَةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ البَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيْلاً)). قَالَ: ((صَدَقْتَ)). فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ! قَالَ: ((فَأَخْبِرْنِيْ عَنِ الإِيْمَانِ)). قَالَ: ((أَنْ تُؤْمِنَ بِاللهِ، وَمَلاَئِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَومِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ)). قَالَ: ((صَدَقْتَ)). قَالَ: ((فَأَخْبِرْنِيْ عَنِ الإِحْسَانِ)). قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)). قَالَ: ((فَأَخْبِرْنِي عَنِ السَّاعَةِ)). قَالَ: ((مَا الْمَسْؤُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ)). قَالَ: ((أَخْبِرْنِي عَنْ أَمَارَاتِهَا)). قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ العُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ)). ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قَالَ: ((يَا عُمَرُ، أَتَدْرِي مَنِ السَّائِلُ؟)) قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيْلُ، أَتَاكُمْ يُعَلِّمَكُمْ دِيْنَكُمْ)). [5]

މިޙަދީޘްގެ ޚުލާސާއަކީ، “ﷲ ތަޢާލާ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ތިއްބަވަނިކޮށް ހެދުން ވަރަށް ހުދު، އިސްތަށީގެ ކުލަ ވަރަށް ކަޅު ބޭކަލަކު ފައުޅުވިއެވެ. އަދި ތިމަންމެން ކުރެ އެއްވެސް މީހަކަށް ކާކުކަމެއް ނޭގެއެވެ. އަދި އެބޭކަލެއްގެ ކިބައިން ދަތުރު ކުރުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އެބޭކަލަކު ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަކޫފުޅާއި ކަކޫފުޅު ޖައްސަވައި އިށީންދެ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “އޭ މުޙައްމަދެވެ! އިސްލާމް ކަން ބަޔާންކޮށް ދެއްވަބައްލަވާށެވެ.”

ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިސްލާމް ކަމީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭނެ އެހެން އެއްވެސް އިލާހާއިއެކު ނުވާކަމަށް ހެކިވުމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާންމަހު ރޯދަ ހިފުމާއި ކުޅާދާނަވެއްޖެނަމަ ޙައްޖު ވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” ޢުމަރުގެފާނު ވިދާޅުވި އެވެ. “އެބޭކަލަކުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެބޭކަލަކު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.”

އެބޭކަލަކު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.”

އެބޭކަލަކު ވިދާޅުވި އެވެ. “އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ ދެކެދެކެ ހުރި ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އައްސަވާ ފަރާތަށް އެ ކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެ އެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.”

ޢުމަރުގެފާނު ވިދާޅުވިއެވެ. “ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންނާ އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ! ޢުމަރެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”” ތިމަން ދެންނެވީމެވެ. “އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.”

މިއީ މަޝްހޫރު ޖިބްރީލް ޙަދީޘެވެ. އެތައް ބައިވަރު ފައިދާތަކަކާއި ފިލާވަޅުތަކެއް ލިބިދޭ މިޙަދީޘުން އިސްލާމްކަމަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ޙަދީޘުގައި މިވަނީ މުޅި އިސްލާމްދީން ބަޔާން ވެގެންނެވެ. އެއީ ޢަޤީދާއާއި ޢަމަލުގެ ބައި ވެސް މެއެވެ.

__________________________________________________

[1]  (٣) معجم مقاييس اللغة (٣-٩٠) [دار الجبل، ط٢، ١٤٢٠هـ)

[2]  ޤުރުއާން، ސޫރަތް ޒުމަރު 54.

[3]  مجموع الفتاوى (٧-٤٢٦).

[4] ޝެއިޚް ބިންބާޒްގެ ވެބްސައިޓް.

[5] ޞަޙީހު އަލްމުސްލިމު، ކިތާބު އަލް މުޤައްދިމާތު،

 

ލިޔުމުގެކުރީގެބައި

hahdhu fahana elhumaai harukshi fikuraai medhumin

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟

މިއަދު މިރާއްޖޭގައި އިވެނީ އެއްބަޔަކު ލާދީނީ ގޮވާ އަޑެވެ. އަނެއް ކޮޅުން އިވެނީ މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނާ އަޑެވެ. ފުރައްސާރަ ކުރާ އަޑެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ކަންކަން ކަމުނުދާކަމުގައި ބުނެ އެގޮތަށް ވިސްނައިދޭން އުޅޭތަން އަންނަނީ ފެންނަމުންނެވެ. ތަފާތު ޖަމްޢިއްޔާތަކުގެ ނަންނަމުގައާއި، މީސްމީޑިއާގައި ވަކިވަކި ފަރުދުންގެ ގޮތުގައެވެ. ފާޅުކަން ބޮޑު ގޮތުގައެވެ. މިފަދަ ކަންކަން ފާޅުގައިކޮށް، އިސްލާމީ ޝަރީޢަތާއި ޚިލާފު ކަންކަން ދިވެހިރާއްޖެއަށް ގެނައުމަށާއި، ﷲ ސުބުޙާނަހޫ …

0 comments

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.