ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (4)

އިސްލާމްދީނުގެ ނަޒަރުގައި ހައްދުފަހަނައަޅައި ދިއުން:

ހައްދުފަހަނަ އެޅުމަކީ ކޮބައިތޯ ބަހުގެ ގޮތުންނާއި އިސްލާމީ ޝަރުޢުގެ އިޞްޠިލާހުން ބަލައިލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ އެކަމުގެ ޙަޤީޤީ މާނަ އޮޅި އެކި މީހުން އެމީހަކު ހިތުހުރި ގޮތަކަށް އެކަން މާނަކޮށް ޙައްޤު ނޫން ބުނުންތައް ބުނުމުގެ މަގު ފަހިވެ ފަސާދަވެގެންދާނެއެވެ. މިގޮތުން ބަލާއިރު، ދިވެހި ބަހުގައި ހައްދުފަހަނައަޅައިދިއުމުގެ މާނައަކީ، ދާންވީ ހިސާބަށްވުރެ މާ އިތުރަށް ދިއުން ނުވަތަ ނުބައި ކަމުގެ ކޮޅެއް ނެތުމެވެ. (ދިވެހި ބަހުގެ ރަދީފް) ހައްދުފަހަނަ އަޅައި ދިއުމަށް ޢަރަބި ބަހުގައި ބޭނުން ކުރެވޭ ލަފްޒަކީ الغلو (އަލްޣުލުއްވު) އެވެ. މިބަހުގެ ލުޣަވީ މާނައަކީ: ކަމެއްގައި ކަނޑައެޅިފައިވާ އިން ފަހަނައަޅާދިއުމެވެ. މިލަފްޒުގެ ހުރިހާ މާނައެއްވެސް ކުރެވެނީ ކަމެއްގެ އިން ފަހަނައަޅައި ދިއުމާއި، އިތުރުވުމާއި، އެއްޗެއްގެ އަސްލު ގޮތް ނުވަތަ ޢާއްމު ގޮތާއި ޚިލާފު ވުމުގެ މާނައިގައެވެ.  އަދި طغيان (ޠުޣުޔާން) މިބަސްވެސް އައިސްފައިވަނީ ހައްދުފަހަނަ އެޅުމުގެ މާނައިގައެވެ.

“الغلو” ނުވަތަ ހައްދު ފަހަނައަޅާދިއުން ޝަރުޢީ އިޞްޠިލާޙުގައި އައިސްފައިވާ ގޮތަށް ބަލައިލާ އިރު އެއީ ޝަރުޢުގައި ކަނޑައެޅިފައިވާ ކަމަކަށް އުނިއިތުރު ގެނައުމެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ: “الغلو” ގެ މާނައަކީ ހައްދުފަހަނައަޅައިދިއުމެވެ. އެއީ އެއްޗަކަށް ޙައްޤުވެގެންވާ ވަރަށްވުރެ ބޮޑަށް ޘަނާކިޔުމުން ނުވަތަ ޤަދަރު ދަށްކުރުމުގެ ގޮތުން އެއްޗަކަށް އިތުރުކުރުމެވެ. (تيسير العزيز الحميد ص 256). އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހުﷲ މިބަހުގެ މާނައާއިމެދު ވިދާޅުވެފައިވެއެވެ: އެއީ ކަމެއްގައި ކަނޑައެޅިފައިވާ މިންވަރުން ނުވަތަ އިމުން ބޭރުވެ ހަރުކަށިވުމެވެ.” (فتح الباري 13،ص 278)

އިޝްތިހާރު Below Header ad

އެހެންކަމުން މިހުރިހާ އިޞްޠިލާޙުތަކަށް ބަލާއިރުވެސް، ހައްދުފަހަނައެޅުމަކީ، ޝަރުޢުގައި ކަނޑައެޅިފައިވާ ކަމަކަށް އުނި އިތުރު ގެނައުމެވެ. އެހެންކަމުން މީހާ ޝަރުޢުގެ ކަމެއްގައި ހަރުކަށިވުމުގެ ސަބަބުން ހައްދުފަހަނައެޅުންކަމުގައި ވާފަދައިން، ޝަރުޢުގައި އައިސްފައި ހުރިކަންކަން އެއީ ނެތް ކަންތައްތައް ކަމުގައި ހަދައި، ނުވަތަ ޝަރުޢުގައި އެކަން ކުރަން އޮތް ގޮތް ތިމާ ހިތުހުރިހައި ގޮތަކަށް ބަދަލުކޮށްގެން، ނުވަތަ ލުއިފަސޭހަކަމުގެ މާނަ އޮޅުވާލައިގެން، ޝަރުޢުގައި ހުރި ކަންކަން ނެތްކަންތައްކަމުގައި ހަދައި ފަރުވާ ކުޑަކުރުމަކީވެސް ހައްދުފަހަނަ އަޅައި ދިއުމެވެ. އަދި އެއީ ޝަރުޢު އައިސްފައިވާ މެދުމިނުން ބޭރުވުމެވެ.

ޙަޤީޤީ މެދުމިނަކީ، ޝަރުޢުގައި އައިސްފައިވާ އެއްވެސް ކަމެއް އެއީ ނެތްކަމެއް ކަމުގައި ހަދައި ޝަރުޢުން އެކަން އުނި ނުކުރުމާއި، ޝަރުޢުގައި އައިސްފައި ނުވާކަމެއް އެއީ އޮތްކަމެއްކަމުގައި ވެސް ނުހެދުމާއި، ޝަރުޢުގައި އެކަމެއް އައިސްފައިވާ މިންވަރުގައި ހައްދުފަހަނައަޅާ ދިއުމަކާއި ނުލައި މާތް ﷲ ބާވައިލެއްވި ގޮތަށް ބަލައިގަތުމެވެ. ޙައްދުފަހަނައަޅައި ނުދިއުމަށް މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

(يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ) (النساء: ١٧١)

މާނައީ: ” އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއިމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު ޙައްޤު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ!”

މިއާޔަތުގެ ތަފްސީރުގައި އަލްއިމާމް ޤުރުޠުބީ ވިދާޅުވެފައިވެއެވެ: “ޔަހޫދީން ޢީސާގެފާނަކީ ޒިނޭގެ ދަރިއެއްކަމަށް ބުނެ މަރްޔަމުގެފާނަށް ޒިނޭގެ ތުހުމަތު ކުރިއެވެ. ނަޞާރާއިން އެކަލޭގެފާނަށް އުލޫހިއްޔަތުގެ ދަރަޖަދީ ރައްބުކަމުގައި ދެކުނެވެ. ފަހެ ހަމަ މިންވަރަށްވުރެ މައްޗަށް އުފުލުމާއި އެކަލޭގެފާނަށް ދޭންޖެހޭ ޤަދަރަށްވުރެ ދަށް ކުރުމާއި، މިދެގޮތަކީވެސް ނުބައި ދެގޮތެވެ. އަދި އެއީ ކުފުރެވެ.” (تفسير القرطبي: 6آ/21). އެހެންކަމުން ކުފުރާއި ޝިރުކުވެސް ހިމެނިގެންދަނީ ޙައްދުފަހަނައަޅައިދިއުމުގެ ތެރެއިންނެވެ. އަދި ކިއެއްތަ، ޠާޣޫތައް ކާފަރުނުވުމާއި، ޠާޣޫތަށް އަޅުކަންކޮށް ކިޔަމަންގަތުމާއި، ﷲ ފިޔަވައި އެއްވެސްފަރާތަކަށް އިލާހުވަންތަކަމުގެ ދަރަޖަ ދިނުމާއި، ޠާޣޫތަކަށް ތިމާވުންފަދަ، ޠާޣޫތުންގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއްގެ ތެރެއަށް ހުށަހެޅިގަނެއްޖެނަމަ އެއީ އެންމެ ނުރައްކާތެރި ހައްދުފަހަނައެޅުން ކަމުގައިވާ ޢަޤީދާގެ ހައްދުފަހަނައެޅުމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ހައްދުފަހަނައެޅުމެވެ.

ހަމަ މިފަދައިން ތަޤްވާވެރިވުމުގެ ވިސްނުމުގައި، ނުވަތަ ހެޔޮ މޮޅު ގޮތެއް ހެދުމުގެ ނިޔަތުގައި، ނުވަތަ ހެޔޮ ކަމުގައި ކުރިއަރައި ދިއުމުގެ ނަމުގައި ނުވަތަ ނިޔަތުގައިވިޔަސް، އިސްލާމީ ޝަރުޢުގައި ޤުރުއާނާއި ސުންނަތުން އެނގެން ހުރި މިންވަރުގެ ތެރެއަށް އަމިއްލަ ގޮތްތައް ކަނޑައަޅައި އުނި އިތުރުކުރުމަކީވެސް ހައްދުފަހަނަ އެޅުމެވެ. އެކުރާ ކަމަކީ ނަމާދު ކުރުންކަމުގައި ވީނަމަވެސް، އަދި ރޯދަ ހިފުން ކަމުގައިވީނަމަވެސް މެއެވެ. އަދި އާޚިރަތް ހާޞިލްކުރުމުގެ ނަމުގައި ދުނިޔަވީގޮތުން ކުރަން އަނގަވާފައިވާ ކަންކަން ދޫކޮށް ހަމަ އެކަނި އަޅުކަން ކުރުމަށް މީހަކު ނިންމައި އެގޮތަށް ޢަމަލުކުރިނަމަވެސް އެއީ ހައްދުފަހަނައަޅައިދިއުމެވެ. އަންނަނިވި ޙާދިޘާގައި ކަންހިނގާފައިވާ ގޮތާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުން އެކަން ވަރަށް ޞަރީޙަކޮށް އެނގިގެންދެއެވެ.

وعن أنس رضي الله عنه قال‏:‏ جاء ثلاثة رهط إلى بيوت أزواج النبي صلى الله عليه وسلم، يسألون عن عبادة النبي صلى الله عليه وسلم، فلما أخبروا كأنهم تقالوها وقالوا‏:‏ أين نحن من النبي صلى الله عليه وسلم قد غفر الله له تقدم من ذنبه وما تأخر‏.‏ قال أحدهم‏:‏ أما أنا فأصلي الليل أبداً وقال الآخر‏:‏ وأنا أصوم الدهر أبداً ولا أفطر، وقال الآخر‏:‏ وأنا أعتزل النساء فلا أتزوج أبداً، فجاء رسول الله صلى الله عليه وسلم إليهم فقال‏:‏ ‏ “‏أنتم الذين قلتم كذا وكذا‏؟‏‏!‏ أما والله إني لأخشاكم لله وأتقاكم له لكني أصوم وأفطر، وأصلي وأرقد، وأتزوج النساء، فمن رغب عن سنتي فليس مني‏”‏ ‏(‏‏(‏متفق عليه‏)‏‏)‏

‏.‏މާނައީ: “އަދި މާތް ﷲ ރުއްސުން ލެއްވި އަނަސްގެފާނު ވިދާޅުވިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުންގެ ގެކޮޅުތަކަށް ތިން މީހަކު އައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޅުކަންތަކާއި ބެހޭގޮތުން އެބައިމީހުން ސުވާލުކުރިއެވެ. އަދި އެމީހުނަށް އެކަން ބަޔާންކޮށްދެއްވުމުން އެބައިމީހުނަށް އަޅުކަން ކުރެވޭލެއް މަދުކަމުގެ ބިރު އިޙްސާސްވެގެން ބުންޏެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އަޅާ ބަލާއިރު ތިމަންމެނަށް މިތިބެވެނީ ކޮން ހިސާބަކުހެއްޔެވެ. މާތް ﷲ އެކަލޭގެފާނުގެ އިސްވެގޮސްފައިވާ ފާފަތަކާއި ކުރިއަށް ހުރި ފާފަތައްވެސް ވަނީ ފުއްސަވާފައެވެ. އެތަނުން އެކަކު ބުންޏެވެ: ފަހެ އަހަރެން މުޅި ރޭ އެއްކޮށްވެސް ހޭދަކުރާނީ ނަމާދުކުރުމުގައެވެ. އަދި އަނެއް މީހާ ބުންޏެވެ: އަދި އަހަރެން ދާއިމަށް ރޯދަ ހިފާނަމެވެ. އަދި އަހަރެން ދުވަހަކުވެސް ރޯދަ ދުލެއް ނުކުރާނަމެވެ. އަދި އަނެއް މީހާ ބުންޏެވެ: އަދި އަހަރެން އަންހެންތަކުންނާއި ދުރުހެލިވާނަމެވެ. އަދި އަހަރެން ދުވަހަކުވެސް ކައިވެންޏެއް ނުކުރާނަމެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުން ކައިރިއަށް ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ” މިވެނި އެވެނިހެން ކަންކަން ކުރަން ބުނި ބަޔަކީ ތިޔަބައިމީހުން ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު ﷲއަށް ބިރުވެތިވެވަޑައިގަންނަވަމެވެ. އަދި ކިޔަމަންތެރިވެވަޑައިގަންނަވަމެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނު ރޯދަ ހިއްޕަވަމެވެ. އަދި ރޯދަ ދޫކުރައްވަމެވެ. އަދި ތިމަންކަލޭގެފާނު ނަމާދުކުރައްވަމެވެ. އަދި ރޭގަނޑު އަވަހާރަފުޅު ލައްޕަވަމެވެ. އަދި ތިމަންކަލޭގެފާނު އަންހެނުންނާއި ކައިވެނި ބައްލަވައިގަންނަވަމެވެ. ފަހެ ތިމަން ކަލޭގެފާނުގެ ސުންނަތައް ފުރަގަސްދީފި މީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ވާމީހެއް ނޫނެވެ. (ތިމަން ކަލޭގެފާނަށް ތަބަޢަވާ މީހެއް ނޫނެވެ.)

މިޙަދީޘްފުޅަން ނަޒަރު ހިންގާލާއިރު، އެ ތިން މީހުންވެސް ހެޔޮކަންތައްތަކެއް ކުރުމަށް ކަނޑައެޅީ ހެޔޮޢަމަލު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެބައިމީހުން އެކަންކަމަށްޓަކައި އެހެން ހެޔޮކަންކަން މުޅީން ދޫކޮށްލުމަށް ނިންމީއެވެ. އަދި އޭގެ ސަބަބުން ޝަރުޢުގައި އެކަންކަން ހުރިގޮތް، ނުވަތަ ޢަމަލުކުމުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންގުޅުއްވި ގޮތް ދޫކޮށް އަމިއްލަގޮތެއް ކަނޑައެޅީއެވެ. އެކަން އެގޮތަށް ކުރުން އެއީ ޙައްދުފަހަނައަޅައި ދިއުންކަން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބައިމީހުނަށް ދެންނެވި ބަސްފުޅުން ސާފުވެއެވެ. އެހެނީ އެގޮތަށް ކަންކުރުން ނުވަތަ ޝަރުޢާއި ޚިލާފުގޮތަށް ކަންކުރާމީހާއީ އެކަލޭގެފާނުގެ މިއްލަތުން ބޭރުވެއްޖެ މީހެއްކަމުގައި ޙަދީޘްކުރައްވާފައިވާތީއެވެ.

އަދިވެސް ޙައްދުފަހަނައެޅުން މަނާކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

وَإِيَّاكُمْ وَالْغُلُوَّ فِي الدِّينِ فَإِنَّمَا أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ (سنن النسائي)

ދީނުގައި ހައްދުފަނައަޅައި ދިއުމަށް، ތިޔަބައި މީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ދީނުގެ ކަންތައްތަކުގައި ހައްދުފަހަނައަޅައި ދިއުމުން ތިޔަބައިމީހުންގެ ކުރިންވި ބަޔަކު ހަލާކުވެގެންދިއައެވެ.

މިލިޔުމުގެ ކުރީގެ ބައިތައް:

hahdhu fahana elhumaai harukshi fikuraai medhumin 3

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (3)

އިސްލާމް ދީނުގައި މެދުމިން: މެދުމިނަކީ އާދައިގެ ވަރެވެ. ނުވަތަ އެވްރެޖެވެ.[1] މިއީ ދިވެހި ރަދީފުގައި މި ލަފުޒުގެ މާނަ ގެނެސްފައިވާ ގޮތެވެ. ނަމަވެސް ޢަރަބި ބަހުގައި މި ލަފުޒުގެ މާނަ މިއަށް ވުރެން ފުޅާކޮށް އައިސްފައި ވެއެވެ. ޢަރަބި ބަހުން މެދުމިނަށް  ބޭނުން ކުރެވޭ ލަފުޒަކީ ” وسط ” މިއެވެ. އެބަހީ ޢަދުލުވެރި ރަނގަޅު ގޮތެވެ.[2] މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ((وَكَذَٰلِكَ جَعَلْنَٰكُمْ أُمَّةً وَسَطًا )) [3] މާނައީ: “އަދި ހަމަ …

0 comments
hahdhu fahana elhumaai harukshi fikuraai medhumin 2

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (2)

އިސްލާމްކަން: ލުޣަވީ ގޮތުން اسلام މިއީ ޢަރަބި ލަފުޒެކެވެ. ލުޢަވީ ގޮތުން މި ލަފުޒުގެ މާނައަކީ، ބޯލަނބައި ކިޔަމަންތެރިވުން[1] މިއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ[2] މާނައީ : “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތައުބާވެ، އެކަލާނގެއަށް ކިޔަމަންވާށެވެ!” ޝަރުއީ އިސްތިލާޙް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.” އިސްލާމްކަމަކީ ބޯލަނބައި ކިޔަމަން ވުމެވެ. އެކަމުގައި ހިމެނެނީ ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރުމާއި އެއިލާހަށް ބޯލަނބައި ކިޔަމަންތެރިވުމެވެ.”[3]އިޝްތިހާރު އިބްނު …

0 comments
hahdhu fahana elhumaai harukshi fikuraai medhumin

ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟

މިއަދު މިރާއްޖޭގައި އިވެނީ އެއްބަޔަކު ލާދީނީ ގޮވާ އަޑެވެ. އަނެއް ކޮޅުން އިވެނީ މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނާ އަޑެވެ. ފުރައްސާރަ ކުރާ އަޑެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ކަންކަން ކަމުނުދާކަމުގައި ބުނެ އެގޮތަށް ވިސްނައިދޭން އުޅޭތަން އަންނަނީ ފެންނަމުންނެވެ. ތަފާތު ޖަމްޢިއްޔާތަކުގެ ނަންނަމުގައާއި، މީސްމީޑިއާގައި ވަކިވަކި ފަރުދުންގެ ގޮތުގައެވެ. ފާޅުކަން ބޮޑު ގޮތުގައެވެ. މިފަދަ ކަންކަން ފާޅުގައިކޮށް، އިސްލާމީ ޝަރީޢަތާއި ޚިލާފު ކަންކަން ދިވެހިރާއްޖެއަށް ގެނައުމަށާއި، ﷲ ސުބުޙާނަހޫ …

0 comments

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.