ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟

މިއަދު މިރާއްޖޭގައި އިވެނީ އެއްބަޔަކު ލާދީނީ ގޮވާ އަޑެވެ. އަނެއް ކޮޅުން އިވެނީ މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަދުބަސް ބުނާ އަޑެވެ. ފުރައްސާރަ ކުރާ އަޑެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ކަންކަން ކަމުނުދާކަމުގައި ބުނެ އެގޮތަށް ވިސްނައިދޭން އުޅޭތަން އަންނަނީ ފެންނަމުންނެވެ. ތަފާތު ޖަމްޢިއްޔާތަކުގެ ނަންނަމުގައާއި، މީސްމީޑިއާގައި ވަކިވަކި ފަރުދުންގެ ގޮތުގައެވެ. ފާޅުކަން ބޮޑު ގޮތުގައެވެ. މިފަދަ ކަންކަން ފާޅުގައިކޮށް، އިސްލާމީ ޝަރީޢަތާއި ޚިލާފު ކަންކަން ދިވެހިރާއްޖެއަށް ގެނައުމަށާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތުގައިވާ ކަންކަމަށް ފުރައްސާރަކޮށް، އެގޮތް ދޫކޮށް އެހެން ގޮތެއް ހޯދަން ވެއްޖެ ކަމުގައި ބުނެ ވަކާލާތު ކުރާ މީހުން ސިޔާސީ މަތިފަޑީގައި އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިގޮތުން މައްސަލަތައް ފެންމަތިވެ، އުވާލާފައިވާ އެމް.ޑީ.އެން ގެ މީހުންވެސް މަތީ ފަޑީގައި އާރާއި ބާރުގައި ، ދިވެހި ދައުލަތުގެ ޙިމާޔަތުގެ ދަށުގައި މިނިވަންކަމާއި އެކު އެބަ އުޅެއެވެ. މިފަދަ މީހުނާއި ދިމާއަށް ލާދީނީ، ނުވަތަ ކާފަރު ނުވަތަ މުރުތައްދުން ކަމުގައި ފާޅުގައި މީހުން ދަނީ ބުނަމުންނެވެ. ދެން ފެންނަމުން ދަނީ، ދީނުގެ ނަމުގައި، ދީނުގެ އަސްލުތައް ހިތު ހުރިގޮތަކަށް މާނަކޮށް އޮޅުވާލައިގެން، މީސްތަކުންގެ ލެޔާއި މުދާ ޙައްޤު ނޫނުގޮތުގައި ހުއްދަކޮށް، އެކަންކަމުގެ ނިވާފަތްގަނޑަކަށް އިސްލާމްދީން ދައްކައިގެން އޮޅޫވާލައި، ދީނުގެ ނަމުގައި ޙައްދުފަހަނަ އެޅި ބައިގަނޑެވެ.

ކަން މިހެން އޮތްއިރު، ދީނާއި ދެކޮޅަށް އަޑުއުފުލައި، ރިޕޯޓު ނެރެފައިވާ ޖަމާޢަތްތަކަށް ނިސްބަތްވެފައިވާ އިސް ބަޔަކު ހިމެނޭ ސަރުކާރުގެ ފަރާތުން މިދާކަށްދުވަހު ހުށަހެޅިގެން ދިޔަ ބިލުގެ ނުރައްކާ މިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތަށް އަމާޒުވެފައެވެ. ނަފްރަތުގެ ޢަމަލު ހިންގުން ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނުލް ޢޫޤޫބާތަށް އިޞްލާޙު ގެނައުމުގެ ނަމުގައި، ހުށަހަށާފައި މިވާ ބިލާއިމެދު އެތައް ކަންބޮޑުވުންތަކެއް ފާޅުކޮށް، ޢިލްމުވެރީންނާއި، ޢާއްމުންގެ އެތައް ބަޔަކު ދަނީ މީސްމީޑިއާގައިވެސް ރައްދުތައް ދެމުންނެވެ. މިބިލުގައި ހިމެނޭ ކަންކަމަށް ބަލައިލާއިރު، ޢާއްމުތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާއި ޚިލާފަށް އުޅޭ، ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހެއްކަމަށް ތުހުމަތުކުރުން ހިމެނެއެވެ. އަދި މުސްލިމަކު ކާފަރެއް ކަމުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އިސްލާމީ ޢަޤީދާއާއި ގުޅުވައިގެން މީހަކާއިމެދު ނަފްރަތު އުފެއްދުން މިއީ ޖިނާއީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިކުށްތަކާއި ގުޅިގެން އަންނަނީ ބޮޑަތި ޖަލުޙުކުމްތަކެކެވެ.

އިޝްތިހާރު Below Header ad
ނަފްރަތުގެ ޢަމަލު ހިންގުން ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނުލް ޢޫޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލް

ބިލުގައިވާ ޢިބާރާތްތަކަށް ބަލާއިރު، މީގައި ގޯހެއް ނެތް ކަމުގައާއި، ވަރަށް މުހިއްމު ކަންތައްތަކެއް ހުރި ބިލެއް ކަމުގައި ބައެއް މީހުނަށް ސިފަވެދާނެއެވެ. އެއީ މުސްލިމަކާއި ދިމާއަށް ކާފަރެކޭ ގޮވާ، ހައްދުފަހަނަ އެޅި ފިކުރުގެ މީހުނާއި ދެކޮޅަށް އޮތް ބިލެއް ކަމުގައިވެސް ސިފަވެދާނެއެވެ. މިގޮތަށް ސިފަކޮށްދިނުމަށް ބައެއް މީހުން ވާހަކަވެސް ދައްކަމުން އެބަދެއެވެ. ނަމަވެސް ދީނުގެ އެންމެ މައިގަނޑު އަސާސްތައް ރޯފިލާފައިވާ މީހާކުވެސް، މީގައިވާ ކަންކަމާއިމެދު ވިސްނާލައިފިނަމަ، މީގައިވާ ޙީލަތްތަކާއި ނުރައްކާތައް ވަރަށް ރަނގަޅަށް ސާފުކޮށް ފެންނާނެއެވެ. އޭގައިވާ ނުރައްކާތެރިކަން ވަރަށް ކުރުގޮތަކަށް ތިލަކޮށްލަދޭނަމަ ދެންނެވޭނީ، މިބިލު ޤާނޫނަކަށްވެ، ޤާނޫނުލް ޢުޤޫބާތު ތަންފީޒު ކުރަންފަށާ ހިސާބުން، ދީނަށް ފުރައްސާރަކޮށް، ދީނާއި ދެކޮޅަށް ވަކާލާތު ކުރާ މީހުން މިނިވަންކަމާއިއެކު، ދީނާއި، މާތް ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރާނީއެވެ. އެމީހުން ދީނުގެ އަސްލުތަކަށް އިންކާރު ކުރިނަމަވެސް، އެކަމަށް ރައްދުދީ، އެއީ ދީނާ ޚިލާފު ވާހަކަދައްކާ ދީނާ ދެކޮޅު ބައެއް ކަމުގައި ބުނެފި ނަމަ، އެބުނާމީހާ ޖިނާއީ ކުށްވެރިއަކަށްވެ ޖަލު ގޮޅީގައި އޮންނަން ޖެހޭނީއެވެ. އެއްކަލަ ދީނާއި ދެކޮޅު ބައިގަނޑާއި، ދީން ޤަބޫލުނުކުރާ ބައިގަނޑަށް ވަރަށް ހިތްގައިމު ޢީދެއް އަންނާނެއެވެ. ފާޅުގައި ދީން ދޫކޮށް ކާފަރުވީނަމަވެސް، ދިވެހި ޤާނޫނު އަސާސީގެ ދަށުން، ކޮންމެ ދިވެއްސަކީ މުސްލިމެއްކަމުގައި އޮތް އޮތުމުގެ ފައިދާ ނަގާނެއެވެ. އޭރުން އެމީހުން ބުނާނީ، ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ކަމުގައިވާއިރު، ތިމަންމެން މިއީ ދިވެހި ރައްޔިތުން ނޫންކަމުގައި ކަނޑަނާޅާތީ، ދިވެހި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ތިމަންމެންނަކީ މުސްލިމުންކަމުގައި ވާނެ ކަމަށެވެ. އަދި ޤާނޫނީ މުސްލިމުންނަށްވެފައިވާ، އެފަދަ މީހުނަކީ ދީނުން ބޭރު ކާފަރުން ކަމުގައި ބުނާމީހާވެސް އެއީ މިބިލުގައިވާ ޤާނޫނުގެ ދަށުން ކުށްވެރީންނަށްވެ ޖަލަށް ދާން ޖެހޭނެއެވެ. ކުރީންވެސް ދީނަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މީހުން، ދިވެހި ރައްޔިތުންގެ ގޮތުގައި މިހާރުވެސް މިނިވަންކަމާއި އެކު އުޅެމުން ދާއިރު، މިފަދަ ޤާނޫނަކުން ބާރު ލިބިއްޖެ ނަމަ މިބައިމީހުންގެ ކަންކަން ހުންނާނެ ހިސާބު މިވަރުން ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ.

ބަނގުރާ ފުޅިއެއްގެ ބޭރު ލޭބަލް، އާފަލު ޖޫސް ފުޅިއެއްގެ ގޮތުގައި ލޭބަލް ބަދަލު ކޮށްލިޔަސް، އޭގައި ހުރީ ބަނގުރާ ނޫންކަމުގައެއް ނުވާނެއެވެ. އަދި އެ ބޮއެފި ނަމަ މަސްތުވެސް ވާނެއެވެ. ހަމަ މިބީދައިން ދަންނަވާއިރު، މުސްލިމެއްގެ ނަން ޤާނޫނީ ގޮތުން ބޭނުން ކުރަމުން، އިސްލާމްދީނުގެ ހަފޮޅުން ފާޅުގައި ބޭރުވެ، ކުފުރުވެ، ދީނަށް ފުރައްސާރަކޮށް އިންކާރު ކުރާއިރު އެމީހާ އެއީ މުސްލިމަކަށް ވާނެ ގޮތެއް ނޯންނާނެއެވެ. އެމީހަކީ ކާފަރެއް ނުވަތަ ލާދީނީ މީހަކަށް ނުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކަން މިހެން އޮތަސް މިޤާނޫނުގެ ދަށުން ކުށްވެރިވާނީ މިފަދައިން ޙަޤީޤަތަށް ބުނެ، އެފަދަ މީހުނަކީ ކާފަރުން ނުވަތަ ލާދީނީ މީހުނޭ ބުނާ މީހާއެވެ. ކަންމިހެން އޮތްއިރު، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާނަމަ، ހުށަހެޅިގެން ދިޔަ ބިލާއިމެދު ރުޅިއަރާނެއެވެ. އިސްލާމްދީނުގެ ދިފާޢުގައި ލޭކެކޭނެއެވެ. މިގޮގަށް ދީނުގެ ވަޙުދަތު ނަގާލައި، ދީނުގެ ދިފާޢުގެ ނަމުގައި ދީން ފުނޑާލަމުން، ޤައުމު ހަނާ ކުރަމުންދާނަމަ، އެތައް ބޮޑުތަކުރުފާނެއް ފާޅުވާނެތާއެވެ. އެހެންޏާފަހެ! ދިވެހި މުސްލިމުންނަކީ ދީން ދެކެ އިންތިހާއަށް ލޯބިވާ، ދީނުގެ ދިފާޢުގައި ޖިހާދުކޮށްފައިވާ، ދީނުގެ ދިފާޢުގައި ނުކުތުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ. އެކަން ވަނީ ފަހުގެ ތާރީޚުތަކުގައިވެސް ދިވެހީން ދައްކުވައިދީފައެވެ. ދީނާއި ކުޅެން ފެށުމުން ވެރިކަންވެސް ވަނީ ނިމުމާއި ކުރިމަތިލާފައެވެ. ވީއިރު މިފަދަ ކަންކަމުގައި ދިވެހީން ދުލެއް ނުދޭނެކަން މިހުރީ ފެންނާށެވެ.

ޤުރުއާނާއި ސުންނަތުގައި ޙައްދު ކަނޑައެޅިފައިވާ ކިތަންމެ ކަމެއް، މިހާރުވެސް ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ދީނާއި ޚިލާފަށް ލިޔެފައިވެއެވެ. އަދި އެފަދަ އިސްލާމީ ޙައްދުތައް ދޫކޮށް، އޭގެ ބަދަލުގައި، އެޔާއި ޚިލާފަށް އަމިއްލައަށް ހަދާފައިވާ ޤާނޫނުތައް ދަނީ ތަންފީޒުކުރަމުންނެވެ. މިގޮތުން ބަލާއިރު، މަރުގެ ޙުކުމާއި، ޒިނޭގެ ޙުކުމާއި، ވައްކަމުގެ ޙުކުމް ފާހަގަކޮށްލެވެއެވެ. ޤުރުއާނާއި ސުންނަތުގައި ކަނޑައެޅިގެން ވަކި ޙައްދެއް އައިސްފައިވާ ކަންކަމުގައި އެނޫންގޮތެއް އިސްކޮށް، ޙުކުމް ކަނޑަޢަޅައިފި ބަޔަކު، މުރުތައްދުވެ ދީނުން ބޭރުވާނެކަމީ، އިހާއި ފަހުގެ ޢިލްމުވެރީން ދެކޮޅު ހައްދަވާފައިވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު އެބޭކަލުން އެއްބަސްވެލައްވާ ކަންކަމެވެ. ޤުރުއާނާއި ސުންނަތުގެ ސާފު ނައްސުތަކުން އެނގޭން ހުރި ކަންކަމެވެ. ކަން މިހެން އޮތްއިރު ފެންނަމުން މިދަނީ، މިފަދަ ވާހަކަތައް ދައްކާ މީހުނަކީވެސް، ހައްދުފަހަނަ އެޅި ހަރުކަށި ބައެއްގެ ގޮތުގައި ސިފަކޮށް، އަދަބުތައް ދިނުމަށް މަސައްކަތްކުރާތަނެވެ. ޙަޤީޤީ ހައްދުފަހަނަ އެޅުމާއި، ހަރުކަށި ފިކުރާއި މެދުމިން އޮޅުވާލައި، ހަރުކަށި ފިކުރާއި ޙައްދުފަހަނަ އެޅުމާއި ދެކޮޅުވުމުގެ ނަމުގައި ދީނުގެ އަސްލުތައް ފުނޑާލާއި، ޔަހޫދީންގެ ރޭވުންތައް ތަންފީޒުކޮށް، މުރުތައްދުންނާއި، ލާދީނީ އަދި ކާފަރުންގެ އެޖެންޑާ ފަތުރާން ކުރާ މަކަރުވެރި މަސައްކަތްތަކެވެ.

ބިލުގެ ކަންތަކާއިމެދު މަޝްރަހު ހޫނުވެ، ނުރުހުންތަކާއި ފާޑުކިޔުންތައް އަމާޒުވެ ސަރުކާރު ހޫނުފެނަށް ވެއްޓުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. “އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް” އެއީ ކުށެއްކަމުގައި މިހާރުވެސް ޤާނޫނުލް ޢުޤޫބާތުގެ 617 ވަނަ މާއްދާގެ 1،2 ގައި އޮތް ނަމަވެސް، އެކަން އިތުރަށް ސާފުކޮށް، އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމުގައި އެމާއްދާގައި ބަޔާން ކުރުމަށް އިތުރު ބިލެއް ހުށަހަޅާކަން ވަނީ ހާމަކޮށްފައެވެ. އަދި އިސްލާމް ދީނާއި ދެކޮޅު ޢަމަލުތައް ކުށެއްކަމުގައި، މިހާރުވެސް ސާފުކޮށް ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އެޓާނީ ފަދަ ޤާނޫނުގެ ބެލެނިވެރި ފަރާތަކުން މިފަދަ ބިލެއް އަނެއްކާ ވެއްދުން އެއީ، އިތުރު ކަންބޮޑުވުމެއް ކަމުގައި ޢިލްމުވެރީން ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ލާދީނިއްޔަތާއި، ލާދީނީ މީހުން ދިފާޢުވެ، މުރުތައްދު ކާފަރުންނާއި ލާދީނީ މީހުނާއި ދިމާއަށް، އެއީ ދީނާ ޚިލާފު ނުވަތަ ކާފަރު، ނުވަތަ ލާދީނީ ބައެއް ކަމުގައި ބުނާ މީހުނަކީ، ޖިނާއީ ކުށްވެރީންކަމުގައި ކަނޑައަޅާފައިވާ ބިލު މިހާ ހިސާބުން އަދި އުވުނީއެއްވެސް ނޫނެވެ. އެބިލު އޮތްގޮތަށް ބާއްވާފައި، އެކަންވެސް ތަންފީޒު ކުރަން ފޫގަޅައި، އަދި އެޔާއި ދެކޮޅު ހަދާ މީހުންގެ ތުނބުގައި ބުއްފުޅި ޖައްސައި، ހައްލައިލުމުގެ ގޮތުން އިތުރު މަކަރެއް ރޭވީތާއެވެ. ދީނަށް ފުރައްސާރަ ކުރުން ކުށަކަށް ހަދާކަމުގެ ދަޅަ ދައްކައި، މިވެރީންގެ ކަންބޮޑުވުންތަކުގެ އަޑު ކަނޑުވާލައި، އޭގެ ނިވަލުގައި ތިބެ އެއްކަލަ ލާދީނީ ބިލު ޤާނޫނެއްގެ ގޮތުގައި ތަންފީޒުކުރަން ގުއިރޯނެއް ދަމަނީތާއެވެ. ދިވެހި ރައްޔިތުން ގުނބޯ ހައްދައިގެން، މިޤައުމުން ދީނުގެ ވަޙުދަތު ފުނޑާލައި، ލާދީނިއްޔަތު ފަތުރާލެވިދާނެ ކަމުގައި ހީކުރަނީތާއެވެ؟

ހަތަރު ގޮތަކުން އިސްލާމްދީނުން މީހާ ބޭރުވެ ކާފަރުވާކަމުގައި ޢިލްމުވެރީން އެއްބަސްވެލައްވައެވެ. އެއީ އިޢުތިޤާދު ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމުގެ ސަބަބުން މީހާ ދީނުން ބޭރުވެ ކާފަރުވުމެވެ. މިސާލަކަށް، މާތް ﷲ އަށް ދަރިކަލަކު ވާކަމަށް ޤަބޫލުކުމާއި، ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން ސާބިތުވާ ސިފަފުޅަކަށް އިންކާރުކުރުމެވެ. ދެވަނަ ގޮތަކީ، ބުނާ ބަހަކުން މީހާ ދީނުން ބޭރުވެ ކާފަރުވުމެވެ. މިސާލަކަށް، ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް އެއްޗެހި ކިޔުމެވެ. ނުވަތަ ބަދުބަސް ބުނުމެވެ. ތިންވަނަ ގޮތަކީ، މީހާ ކުރާ ކަމަކުން މީހާ ދީނުން ބޭރުވެ ކާފަރުވުމެވެ. މިސާލަކަށް، ބުދަށް ސަޖިދަކުރުމާއި، ނަޖިސް ތަނަކަށް މުޞްޙަފް އެއްލާލުމެވެ. ހަތަރުވަނަ ގޮތަކީ، ދޫކޮށްލުމުގެ ސަބަބުން މުރުތައްދުވެ ކާފަރުވުމެވެ. މިސާލަކަށް، ދީނުގެ ހުރިހާ ޝިޢާރުތައް ދޫކޮށް، ދީނަށް ފުރަގަސްދީ، ދީނަށް ޢަމަލުކުރުމުން އެއްކިބާވުމެވެ. (الموسوعة الفقهية 22/180 – ޝެއިޚް ޝާފިޢު ލިޔުއްވާފައިވާ ލިޔުންކޮޅަކުން ނަކަލުކޮށްފައި.) ދީނުގެ ހަމަތައް ހުރީ މިހެން ކަމުގައި ވާއިރު، ހައްދުފަހަނަ އެޅުމޭ، މެދުމިނޭ، ހަރުކަށި ފިކުރޭ ކިޔައިގެން މިދެކެވޭ ވާހަކަތައް ދީނީ ނަޒަރުން ރޯފިލާން އެބަ ޖެހެއެވެ. ނޫންނަމަ، ދީނުގެ ދިފާޢުގައި ބަސްބުނާ ކޮންމެ މީހަކީ، ހަރުކަށި، ހައްދުފަހަނަ އެޅި މީހެއްކަމުގައާއި، އަދި ދީނުގެ ނަމުގައި ގެންނަ ލާދީނިއްޔަތަކީ މެދުމިންކަމުގައި ދެކެވި، ރައްޔިތުން ގުނބޯހެދި ވާވަދެ ނިމިދާނެތާއެވެ. އެހެންކަމުން މިކަންކަމާއިމެދު، ޢިލްމުވެރީންގެ ބަސްފުޅުތަކުގެ އަލީގައި ދީނީ ނަޒަރަކުން ބަލައިލަމާ ހިނގާށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.