އިސްލާމީ ރިވެތި އަދަބު ތަކުގެ ތެރެއިން:- މިސްކިތުގެ އަދަބުތައް.

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މިސްކިތަކީ ﷲ ގެ ގެކޮޅެވެ. ﷲ އަށް ލޯބިވާ މީހާ އެކަލާންގެ ގެކޮޅުތަކަށް ލޯބި ކުރާނެއެވެ. އަދި އެގެކޮޅުތަކަށް ޒިޔާރަތް ކުރުމަށް ލޯބި ކުރާނެއެވެ. ސޫރަތުލް ޖިންނިގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا) މާނައަކީ: ”އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

عن أبي سعيد الخدري رضي الله عنه أن رسول الله صلى الله عليه وسلم قال فيما يرويه عن ربه:{ إنّ بيوتي في أرضي المساجد، وإنّ زوّاري فيها عمّارها، فطوبى لعبد تطهّر في بيته ثم زارني في بيتي فحقّ على المزور أن يكرم زائره} رواه أبو نعيم.މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ގުދްސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. ”ތިމަން ﷲ ގެ ބިމުގައިވާ ތިމަން ﷲ ގެ ގެކޮޅު ތަކަކީ މިސްކިތްތަކެވެ. އެމިސްކިތްތަކަށް ޒިޔާރަތް ކުރާ މީހުންނަކީ އެމީސްކިތް ޢިމާރާތް ކުރާ މީހުންނެވެ. ގެއުން ވުޟޫ ކޮށްގެން ތިމަން ﷲގެ ގެޔަށް ޒިޔާރަތް ކޮށްފި މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާއެވެ. ޒިޔާރަތް ކުރާ ފަރާތަށް މެހްމާންދާރީ އަދާ ކުރުމަކީ ޒިޔާރަތް ކުރެވޭ ފަރާތުގެ މައްޗަށްވާ ޙައްގެކެވެ.“ މިއީ އިމާމް އަބޫ ނުޢައިމްގެ ރިވާޔަތެކެވެ.

މިގޮތުން މިސްކިތަށް ޒިޔާރަތް ކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވާ އެންމެ ބޮޑު ހަދިޔާ އަކީ ފުރިހަމަ އީމާނެއްގެ ވެރިޔެއް ކަމުގައި އެމީހަކު ލެއްވުމެވެ. فعن أبي سعيد الخدري رضي الله عنه عن النبي صلى الله عليه وسلم قال:{ إذا رأيتم الرجل يعتاد المساجد فاشهدوا له بالإيمان، قال الله تعالى:{ إنما يعمر مساجد الله من آمن بالله واليوم الآخر.. الآية} } . رواه الترمذي.މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”މީހަކު މިސްކިތަށް ދިޔުން ޢާދަކޮށްފިނަމަ އެމީހަކީ އީމާންކަމުގެ އަހްލުވެރިޔެއް ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. (إِنَّمَا يَعْمُرُ‌ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ) {ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތް}، މާނައަކީ: ”اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގުލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.“ މިއީ އިމާމް ތިރްމިޛީގެ ރިވާޔަތެކެވެ.

ގިޔާމަތް ދުވަހުގައި ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހި ކަމެއް ނުވާ ދުވަހުގައި އެކަލާންގެ ޢަރްޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާ ވާކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (سبعة يظلهم الله في ظله، يوم لا ظل إلا ظله ـ وعد منهم ـ ورجل قلبه معلق بالمساجد)متفق عليه.މާނައަކީ: ”ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތް ބާވަތެއްގެ ބަޔަކަށް ﷲ ހިޔާވަހިކަން ދެއްވައެވެ. އޭގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތްތަކާ ގުޅިފައިވާ މީހާ ހިމެނެއެވެ.“ މުއްތަފަގުން ޢަލައިހި.

މިސްކިތްތަކަކީ ހަމައެކަނި އަޅުކަން އަދާ ކުރެވޭ ތަންތަނެއް ނޫނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ މީހުންނަށް މުޅި ބިން ވެސް ލައްވާފައިވަނީ ނަމާދު ކުރުމަށް ޠާހިރު ރަގަޅު ތަންތަން ކަމުގައެވެ. قال أبو ذر رضي الله عنه: قلت يا رسول الله أي مسجد وضع في الأرض أولا؟ قال:“المسجد الحرام“. قلت: ثم أي؟ قال:{ ثم المسجد الأقصى} قلت: كم بينهما؟ قال:{ أربعون عاما}. ثما قال:{ أينما أدركتك الصلاة فصلّ فهو مسجد} رواه الجماعة.މާތް ﷲ ރުއްސުންލެއްވި އަބޫޛައްރު ވިދާޅުވިއެވެ. ތިމަންނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ”ބިމުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ކޮބައިތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”އަލްމަސްޖިދުލް ޙަރާމެވެ“. ތިމަންނާ ދެންނެވީމެވެ. ”ދެން ކޮން މިސްކިތެއް ތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”އަލްމަސްޖިދުލް އަގްޞާ އެވެ.“ ތިމަންނާ ދެންނެވީމެވެ. ”އެދެމެދުގައި ކިހާ ދުވަހެއް ވީތޯއެވެ؟“ ހަދީޘް ކުރެއްވިއެވެ. ”ސާޅީސް އަހަރެވެ.“ އަދިވެސް ޙަދީޘް ކުރެއްވިއެވެ. ”ތިބާ އޭރަކު ހުރި ކޮންމެ ތަނެއްގައިވެސް ނަމާދު ކުރާށެވެ. އެއިން ކޮންމެ ތަނަކީ މިސްކިތެކެވެ.“ ރަވާހުލް ޖަމާޢާ.

މީސްތަކުން މިސްކިތަށް އަންނަނީ ދުނިޔަވީ ޙަޔާތުގެ ކަންތައްތައް ދޫކޮށްލުމަށްފަހުގައެވެ. އެހެންކަމުން އެމިސްކިތަށް ވަނުމުން އޭނާ އަށް ސުވަރުގޭގެ ވަސްޖެހެއެވެ. ބައެއް ފަހަރަށް ﷲ ގެ ފޮތް މުދާރަސާ ކުރާ ބަޔަކާ ބައްދަލުވެއެވެ. އަނެއްބައި ފަހަރަށް ކޮންމެވެސް ފޮތެއް ކިޔަވައިދޭ ބަޔަކާ ދިމާވެއެވެ. މިހުރިހާ ކަމަކީވެސް އަޅާގެ އީމާންކަން ފުރިހަމަ ކުރުވާ ކަންތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (ما اجتمع قوم في بيت من بيوت الله يتلون كتاب الله، ويتدارسونه بينهم، إلا نزلت عليهم السكينة، وغشيتهم الرحمة، وحفتهم الملائكة، وذكرهم الله فيمن عنده)رواه مسلم،މާނައަކީ: ”ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެއަކަށް އެއްވެ، ﷲގެ ފޮތް ކިޔަވާ، އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ހަދާނަމަ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާލައްވައެވެ. އަދި އެބައިމީހުންނަށް ރަޙްމަތްލައްވައެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތުން ލައްވައެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތްބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.“ މިއީ އިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘެކެވެ.

އެހެންކަމުން، ﷲ ގެ މިސްކިތްތަކަށް ޒިޔާރަތް ކުރުމުގައި އަދަބުތަކެއް ވެއެވެ. އެގޮތުން:

  1. މިސްކިތްދެކެ ލޯބި ވުމާއި މިސްކިތުގެ ގަދަރު ދިނުން. ސޫރަތުލް ޙައްޖިގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ‌ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ) މާނައަކީ: ”(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هدىކަތިލުމާއި، أضحيةކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينىأمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެتقوىވެރިކަމުގެ ތެރެއިންނެވެ.“

ސޫރަތުއް ނޫރުގެ 36 އަދި 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾) މާނައަކީ: “ އެތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަންމަތިވެރިކޮށް އުފުލުމަށް، اللَّهإذنދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައިއެކަލާނގެއަށް تسبيحކިޔައި އުޅެތެވެ. އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيحކިޔައި ނަމާދުކޮށް އުޅެނީފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއްاللَّهގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائمކުޅައުމުންނާއި، زكاةދިނުމުން، އެއުރެން مشغولކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި،ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެންބިރުވެތިވެތެވެ.“

  1. މިސްކިތް ބިނާކުރުމަށާއި، މިސްކިތުގެ މަރާމާތުތައް ކުރުމަށް މާއްދީ ގޮތުންނާއި މަޢްނަވީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުން، އަދި މިކަމަށްޓަކައި މީސްތަކުންނަށް ހިތްވަރުދީ ބާރުއެޅުން. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވައެވެ. (من بنى لله مسجدا ولو كمفحص قطاة لبيضها ـ أي بقدر الموضع الذي يبيض فيه طائر القطاة ـ بنى الله له بيتا في الجنة)رواه أحمد وان حبان.މާނައަކީ: ”ދޫނި ބިސްއަޅާ ހާއްޔެއްގެ މިންވަރަށް ނަމަވެސް ﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ތައްޔާރުކޮށް ދެއްވާނެއެވެ.“
  2. ގެއާއި ކިތަންމެ ދުރުގައި މިސްކިތް ހުރިނަމަވެސް މިސްކިތަށް ދިޔުން ޢާދަ ކުރުން. عن أبي موسى رضي الله عنه قال: قال رسول الله صلى الله عليه وسلم:{ إن أعظم الناس أجرا في الصلاة أبعدهم إليها ممشى فأبعدهم، والذي ينتظر الصلاة حتى يصليها مع الإمام أعظم أجرا من الذي يصليها ثم ينام} متفق عليه.މާނައަކީ: ”ނަމާދުން އެންމެ ގިނަ ދަރުމަ ލިބޭނެ މީހަކީ އެންމެ ދުރުން މިސްކިތަށް އަންނަ މީހާއެވެ. އިމާމާ އާއި އެކުގައި ނަމާދު ކުރުމަށް އިންތިޡާރު ކުރާ މީހާ އަށް ނަމާދުކޮށްގެން ނިދާ މީހާ އަށް ވުރެ ދަރުމަ އާއި ޘަވާބު އިތުރުވެގެން ވެއެވެ.“عن أبي بريدة رضي الله عنه عن النبي صلى الله عليه وسلم قال:{ بشّروا المشّائين في الظلم الى المساجد بالنور التام يوم القيامة} رواه أبو داود والترمذي.މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”އަނދިރީގައި ހިނގާފައި މިސްކިތަށް އަންނަ މީހުންނަށް ގިޔާމަތް ދުވަހުގައި ފުރިހަމަ އަލިކަން ލިބޭނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.“ މިއީ އިމާމް އަބޫދާވޫދާއި ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެކެވެ.

وعن أبيّ بن كعب رضي الله عنه قال: كان رجل من الأنصار لا أعلم أحدا أبعد من المسجد منه، وكانت لا تخطئه صلاة، فقيل له: لو اشتريت حمارا تركبه في الظلماء وفي الرمضاء، قال: ما يسرّني أن منزلي الى جنب المسجد، إني أريد أن يكتب لي ممشاي الى المسجد ورجوعي إذا رجعت الى أهلي، فقال رسول الله صلى الله عليه وسلم:{ قد جمع الله لك ذلك كله} رواه مسلم.މާތް ﷲ ރުއްސުންލެއްވި އުބައްޔު ބިން ކަޢްބުގެ ކިބައިން ރިވާވެގެން ވެއެވެ. ”އަންޞާރުންގެ ތެރެއިން ބޭކަލަކެވެ. އޭނާ އަށް ވުރެ މިސްކިތާއި ދުރުގައި ދިރިއުޅޭ މީހަކު ތިމަން ކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އޭނާ އަށް ދުވަހަކުވެސް ނަމާދެއްގެ ޖަމާޢަތް ނުގެއްލެއެވެ. އޭނާ ގާތު ބުނެވުނެވެ. ”ހޫނުގަދައިރުގައްޔާއި އަނދިރީގައި ދުއްވާނެ ޙިމާރެއް ގަންނަންވީ ނުން ހެއްޔެވެ؟“ ޖަވާބުގައި ބުންޏެވެ. އަހަރެންގެ ގެ މިސްކިތާ ޖެހިގެން ހުރުން އަހަރެން ނުރުހެއެވެ. އަހަރެން މިސްކިތަށް އައުމަށާއި އެނބުރި އަހްލުވެރިންގެ ގާތަށް ދިޔުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ދަރުމަ އާއި ޘަވާބު ލިބުމަށް އެދެމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ތިބާ އަށް ތިޔަ ހުރިހާ ކަމެއް ﷲ ދެއްވާނެތެވެ.“

  1. މިސްކިތަށް ދިޔުމުގެ ކުރިން ދަތްއުނގުޅާ، ވުޟޫކޮށް، ރީތި ހެދުންލާ، ޢަޠަރުލާ ރީތިވާން ވާނެއެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. {يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ)މާނައަކީ: “ އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!“.

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال:{ من تطهر في بيته ثم مضى الى بيت من بيوت الله، ليقضي فريضة من فرائض الله، كانت خطواته إحداها تحطّ خطيئة والأخرى ترفع درجة} رواه مسلم.މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ގެއިން ވުޟޫކޮށްގެން ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެޔަކަށް ﷲ ފަރްޟު ކުރައްވާފައިވާ ފަރްޟެއް އަދާ ކުރުމަށް ހިނގައްޖެ މީހާ، އަޅާ ކޮންމެ ފިޔަވަޅަކުން އެއް ފިޔަވަޅަކަށް ފާފަ އެއް ފުއްސަވައި ދެއްވާނެއެވެ. އަދި އަނެއް ފިޔަވަޅަކަށް އޭނާގެ ދަރަޖަ އުފުއްލަވާނެއެވެ.“ މިއީ އިމާމް މުސްލިމްގެ ރިވާޔަތެކެވެ.

ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. އަންހެނުންނަށް އެކަނބަލުންގެ މަޙްރަމުން ނުވަތަ ކައިވެނި ޙަރާމް މީހުންގެ ކުރިމަތީގައި ބޯ ނިވާ ނުކޮށް ތިބުން ހުއްދަވާ އިރުގައިވެސް ނަމާދުގައި ބޯ ނިވާ ކުރުމަށް އަންގަވާފައިވަނީ އެހެންވެގެންނެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ ނަމާދަށް ޒީނަތްތެރިވުމަކީ ޢައުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރެކެވެ. މިކަމުގެ ދަލީލަކީ ގުރްއާނާއި ސުންނަތާއި ދަންނަ ބޭކަލުންގެ އިޖްމާޢެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. )يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ)މާނައަކީ: “ އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!“. މިއާޔަތް ބާވާލެއްވުނު ސަބަބަކީ މައްކާގެ މުޝްރިކުން އޮރިޔާމުންތިބެ ކަޢްބާ ވަށާ ޠަވާފު ކުރުމެވެ. މިއިން ދޭހަވަނީ ﷲ އަށް އަޅުކަން ކުރުމަށް އަންނަވަގުތުގައި ޢައުރަ ނިވާ ކުރުމުގެ އިތުރުން ޒީނަތްތެރިވާން ޖެހޭނެ ކަމެވެ. އެހެންކަމުން މިއާޔަތުގައި އައިސްފައިވަނީ ވެސް ”ޒީނަތު“ ގެ ލަފްޡެވެ. ”ސަތްރު“ ނުވަތަ ޢައުރަ ނިވާ ކުރުމުގެ ލަފްޡެއް ނޫނެވެ.

ސުންނަތުގެ ދަލީލަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. )لا يقبل الله الصلاة حائض إلا بخمار  … ( .މާނައަކީ: ބާލިޣްވެފައިވާ އަންހެނާގެ ނަމާދު ޚިމާރަކާއި އެކު މެނުވީ- ބޯނިވާ ކުރުމާއި އެކު މެނުވީ- ﷲ ގަބޫލެއް ނުކުރައްވާނެއެވެ“.

ނަމާދަށް އަރާ އިރުގައި ޒީނަތްތެރި ވުމަކީ ވާޖިބު ކަމެއް ކަމުގައި ދަންނަ ބޭކަލުން އިޖްމާޢު ވެލައްވައެވެ. ވީމާ، ނިދާ ހެދުންލައިގެން ނަމާދަށް އެރުމަކީ ރަގަޅު ކަމެއް ނޫނެވެ.

  1. ބަންގީގެ އަޑު އިވުމުން ދުނިޔޭގެ ހުރިހާ މަސައްކަތް ތަކެއް ހުއްޓާލާ ނަމާދަށް އަވަސްވެ ގަންނަންވާނެއެވެ. ސޫރަތުލް އަންފާލުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّـهِ وَلِلرَّ‌سُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْۖ وَاعْلَمُوا أَنَّ اللَّـهَ يَحُولُ بَيْنَ الْمَرْ‌ءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُ‌ونَ) މާނައަކީ: “ އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށްرسولއާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، اللَّهއަށާއި، رسولއާއަށްތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، اللَّه، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދުހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (قيامةދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ حضرةއަށެވެ.“

عن أبي هريرة رضي الله عنه قال: {أتى النبي صلى الله عليه وسلم رجل اعمى فقال: يا رسول الله ليس لي قائد يقودني الى المسجد، فسأل رسول الله صلى الله عليه وسلم أن يرخّص له فيصلي في بيته، فرخّص له، فلما ولى دعاه فقال له: هل تسمع النداء بالصلاة؟ قال: نعم، قال:“ فأجب“ }. رواه مسلم.މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ”ކީރިތި ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަގެ ގާތަށް ލޯފަން މީހަކު އައިސް ބުންޏެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ”ތިމަންނާ މިސްކިތަށް ގެންދާނެ މީހަކު ނެތެވެ.“ އެހެންކަމުން މިސްކިތަށް ނުގޮސް ގޭގައި ނަމާދު ކުރުމުގެ ރުޚްޞަތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެދުނެވެ. އެހިނދު އޭނާ އަށް އެކަމަށް ހުއްދަ ދެއްވިއެވެ. އޭނާ އެނބުރި ދިޔުމުން ގޮވާ ގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ”ނަމާދަށް ގޮވާލެވޭ އަޑު އިވޭ ހެއްޔެވެ؟“ އޭނާ ބުންޏެވެ. ”އާދޭހެވެ.“ ޙަދީޘް ކުރެއްވިއެވެ. ”ބަންގި އަށް އިޖާބަދޭށެވެ.“

  1. މިސްކިތަށް ވަންނަމުން ކަނާތުފައި އިސްކުރުން. އަދި މިސްކިތަށް ވަންނަމުން ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ދުޢާ ކިޔުން. އެދުޢާ އަކީ: (أَعُوْذُبِاللهِالْعَظِيْـمِوَبِوَجْهِـهِالْكَرِيْـمِوَسُلْطـَانِهِالْقَدِيـْمِمِنَالشَّيْـطَانِالرَّجِـْيمِ، بِسْـمِاللهِ، وَالصَّلاَةُوَالسَّلاَمُعلىرَسُوْلِاللهِ، اَللَّهُـمَّافْتَـحْلِيْأَبْوَابَرَحْمَتـِكَ).މާނަ: އިބަﷲގެ މަތިވެރި ޙަޟްރަތުން، އެކަލާނގެ އިސްވެވޮޑިގެންވާ ވެރިކަމާއި، ދީލަތިވަންތަ ވަޖްހުފުޅުންނާއި މަތިވެރިކަމުން، ލަޢުނަތްލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވުން އެދި އިބަﷲގެ ރައްކާތެރިކަމަށްއެދެމެވެ. ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ އަށް ޞަލަވާތާއި ސަލާމް ލައްވާފާނދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އިބަ އިލާހުގެ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވާފާނދޭވެ.
  2. މިސްކިތުން ނިކުންނަމުން ވާއަތުފައި އިސްކުރުމާއި އެކު ދުޢާ ކިޔުން. އަދި މަޑުމައިތިރި ކަމާއި އެކު ފައިވާން ބިންމަތީގައި ބެހެއްޓުން. މިސްކިތުން ނިކުންނަމުން ކިޔަން ވާރިދުވެފައިވާ ދުޢާ އަކީ: (بِسْمِاللهِوَالصَّلَاةُوَالسَّلَامُعَلَىرَسُوْلِاللهِ، اَللَّهُـمَّإِنِّـيْأَسْأَلُكَمِـنْفَضْـلِكَ، اَللَّهُـمَّاعْصِمْنِـيْمِنَالشَّيْـطَانِالرَّجِـيْمِ.) މާނައަކީ: ”ﷲ ގެ ނަންފުޅުން ފަށައިގަންނަމެވެ. ﷲ ގެ ރަސޫލާ އަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ ދަރުމައަށް ހަމަކަށަވަރުން މިއަޅާ އެދެމެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. ލަޢްނަތްލެއްވިގެންވާ ޝައިޠާނާގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވާފާންދޭވެ.
  3. މިސްކިތަށް ވަނުމަށްފަހު، ތަޙިއްޔަތުލް މަސްޖިދި ނުވަތަ ރަވާތިބު ސުންނަތް ކޮށްފައި މެނުވީ ނުއިށީނުން. عن أبي قتادة رضي الله عنه قال: قال رسول الله صلى الله عليه وسلم:{ إذا دخل أحكم المسجد فلا يجلس حتى يصلي ركعتين} متفق عليه.މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫގަތާދާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުން ކުރެ މީޙަކު މިސްކިތަށް ވަދެއްޖެނަމަ، ދެރަކްޢަތް ކޮށްފައި މެނުވީ ނުއިށީންނަ ހުށި ކަމެވެ.“
  4. ފައިވާން ބޭލުމަށްފަހު، އޭގާ ހަޑި އެއްޗެއް ހުރިނަމަ މިސްކިތުން ބޭރަށް ގޮސްސާފުކޮށްލާ، އަދި ފައިވާން ބެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ ހަރުގަނޑުގައި ބެހެއްޓުން. އަދި ތިމާގެ ފައިވާނުގެ ސަބަބުން މިސްކިތް ހަޑިވިޔަ ނުދިނުން.
  5. ތިމާ ލައިގެން ހުންނަ ހެދުމުންނާއި އަރައިގެން ހުންނަ އިސްޓާކީނުން ނުބައި ވަހެއް ދުވިޔަ ނުދިނުން.
  6. ފިޔާ، ލޮނުމެދު ފަދަ ތަކެތި ކައިގެން މިސްކިތަށް ނުދިޔުން. عن جابر رضي الله عنه قال: قال رسول الله صلى الله عليه وسلم:{ من أكل ثوما أو بصلا فليعتزلنا، أو فليعتزل مسجدنا} متفق عليه.މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ލޮނުމެދު، ފިޔާ ކައިފިމީހާ އަހަރުމެންނާ ދުރުވާށެވެ. ނުވަތަ އަހަރުމެންގެ މިސްކިތްތަކާއި ދުރުވާށެވެ.“

އެހެން ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (من أكل الثوم والبصل والكراث فلا يقربن مسجدنا فإن الملائكة تتأذى مما يتأذى منه بنو آدم) متفق عليه. މާނައަކީ: ”ލޮނުމެދު، ފިޔާ، ލީކްސް ކައިގެން މިސްކިތާއި ކައިރި ނުވާހުށި ކަމެވެ. ހަމަކަށަވަރުން އާދަމްގެ ދަރިންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތް ބޭކަލުންނަށްވެސް އުނދަގޫވެއެވެ.“

12.އެއްވެސް ގޮތަކުން މިސްކިތް ހަޑިވެދާނެ ފަދަ ކަމެއް ނުކުރުން.

عن أنس رضي الله عنه قال: قال رسول الله صلى الله عليه وسلم للأعرابي الذي بال في المسجد:{ إن هذه المساجد لا تصلح لشيء من هذا البول ولا القذر، إنما هي لذكر الله وقراءة القرآن} رواه مسلم. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ގެ ކިބައިން ރިވާވެގެން ވެއެވެ. މިސްކިތަށް ކުޑަގިފިލި ކުރި އަޢްރާބީގެ ގާތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން މިސްކިތްތަކަކީ ހީސްލުމާއި އެނޫންވެސް ހަޑިމުޑުދާރު ކަންތައް ކުރުމަށް ހެދިފައިވާ ތަންތަނެއް ނޫނެވެ. އެހެންނަމަވެސް، މިސްކިތްތައް ބިނާ ކުރެވިފައިވަނީ ﷲ ޛިކްރު ކުރުމަށާއި ގުރްއާން ކިޔެވުމަށެވެ.“

13.މިސްކިތްތެރޭގައި ކުޅިވަރު ކުޅުމާއި ހަޅޭއްލެވުމާއި ބޭކާރު ވާހަކަ ދެއްކުމާއި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ގުރްއާން ކިޔަވާ ނުހެދުން.

عن السائب بن يزيد الصحابي قال: كنت في المسجد فحصبني رجل فنظرت فإذا عمر بن الخطاب فقال: اذهب فأتني بهذين، فجئته بهما، فقال: من أين أنتما؟ فقالا: من أهل الطائف فقال: لو كنتما من أهل البلد لأوجعتكما، ترفعان أصواتكما في مسجد رسول الله صلى الله عليه وسلم. رواه البخاري. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އައްސާއިބް ބިން ޔަޒީދުގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު މިސްކިތުގައި އިންދާ މީހަކު ކޮށްޓާލީމާ ބަލައިލި އިރު ޢުމަރު ބިން އަލްޚައްޠާބެވެ. ވިދާޅުވިއެވެ. ގޮސް އެހެރަ ދެމީހުން ގެނެސް ބަލާށެވެ. ދެން ތިމަންކަލޭގެފާނު އެދެމީހުން ގޮވައިގެން ޢުމަރު ބިން އަލްޚައްޠާބް ގެ އަރިހަށް އަތުވެއްޖައީމެވެ. އެހިނދު އެދެމީހުންނާ ސުވާލު ކުރެއްވިއެވެ. ”ތިޔަ ދެމީހުންނަކީ ކޮން ރަށަކުން އައިސް ތިބި ބަޔެއް ހެއްޔެވެ؟“ އެދެމީހުން ބުންޔެވެ. ”ޠާއިފުންނެވެ.“ ޢުމަރު ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ”ތިޔަ ދެމީހުންނަކީ މިރަށުގެ އަހްލުވެރިން ކަމުގައިވީނަމަ އެތިފަހަރެއް ޖެހީމުހެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މިސްކިތް ކޮޅުގައި އަޑުގަދަ ކުރާ ބަޔަކު ކަމުގައި ތިޔަ ދެމީހުން ވީތީވެއެވެ.“

وعن أبي سعيد الخدري رضي الله عنه أن النبي صلى الله عليه وسلم اعتكف في المسجد فسمعهم يجهرون بالقراءة، فكشف الستر وقال:{ ألا كلكم مناج ربه فلا يؤذينّ بعضكم بعضا ولا يرفع بعضكم على بعض في القراءة}. رواه النسائي وأبو أحمد.  މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާ ވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިޢްތިކާފަށް އިންނަވަނިކޮށް ބަޔަކު މީހުން އަޑުހަރުކޮށް ގުރްއާން ކިޔަވާ އަޑު އިވިވަޑައިގެން ފަރުދާ ކަޝްފު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. ”ދަންނާށެވެ. ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ހައްދަވާ ގެންގުޅުއްވާ އިލާހަށް މުނާޖާ ދަންނަވާ ބަޔެކެވެ. ތިޔަބައިމީހުން ކުރެ އެކަކު އަނެކަކަށް އުނދަގޫ ނުކުރާ ހުށި ކަމެވެ. އަދި އެކަކު އަނެކަކަށް ވުރެ އަޑުހަރުކޮށް ކިޔަވާ ނުހަދާށެވެ.“

14.ދުނިޔަވީ ކަންތަކުގައި އެކަކު އަނެކަކަށް އަރާރުންވެ ނުހެދުން. އަދި މިސްކިތްތެރޭގައި ގަނެވިއްކާ ނުހެދުން.

عن ابن عمر رضي الله عنهما قال: { نهى رسول الله صلى الله عليه وسلم عن الشراء والبيع في المسجد وأن تنشد فيه الأشعار، وأن تنشد فيه الضالة}. رواه الخمسة. މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ”މިސްކިތުގައި ގަނެ ވިއްކުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރެއްވިއެވެ. އަދި މިސްކިތުގައި ޅެން ކިޔާ ހެދުން މަނާ ކުރެއްވިއެވެ. އަދި ގެއްލިފައިވާ ތަކެތީގެ ވާހަކަ އިޢްލާންކޮށް ހެދުން މަނާ ކުރެއްވިއެވެ.“

  1. މަގު ހުރަސް ކުރާ ތަނެއް ކަމުގައި މިސްކިތް ނުހެދުން.

16. މިސްކިތް މަރާމާތުކޮށް، ސާފުޠާހިރު ކަމަށް ސަމާލުކަން ދިނުން. والله أعلم.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.