2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ޓަކައި އޭސިއަން ވޯލްޑް ކަޕް ކޮލިގައިން ބުރުގައި ޖަޕާން އަދި އިރާގު ބައްދަލުކުރި މެޗު ޖަޕާން ކާމިޔާބު ކޮށްފިއެވެ.
ޖަޕާނުގައި ކުޅުނު މި މެޗުން އެޓީމުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.
ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑުނެގީ ޖަޕާނުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޖަޕާނަށް ލީޑުނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޮޔޮޓަކީގެ އެހީތެރިކަމާއެކު ޖެންކީ ހަރަގުޗީ އެވެ. މި ލަނޑަށް ފަހުވެސް އެޓީމަށް ވަނީ ލަނޑުޖަހަން ފުރުސަތު ލިބިފައެވެ.
ޖަޕާނު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް އިރާގުން ވަނީ މެޗުގެ ފަހުހާފުގައި އިތުރަށް ކުޅޫން ރަނގަޅުކޮށް ޖަޕާނުގެ ގޯލަށް ގިނަ ހަމަލާތަކެއް ދީފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އިރާގުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. ނަތީޖާއެއްވަރު ކުރި މި ލަނޑު އެޓީމަށް ޖަހައިދިނީ ސާދު އަބްދުލް އަމީރުއެވެ.
ޖަޕާނުން މި މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 90 މިނެޓު ހަމަވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސްމިނެޓުގެ ތެރޭގައެވެ.
މިނަތީޖާއާ އެކު ޖަޕާން ވަނީ އޭސިއަން ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ބީ ގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. މި ގުރޫޕުގެ އެއްވަނާގައި އޮތީ އޮސްޓްރޭލިއާ އެވެ. ޖަޕާން އަތުން ބަލިވި އިރާގު އޮތީ ފަސްވަނާގައެވެ.
އޭސިއަން ވޯލްޑްކަޕް ކޮލިފައިން ރައުންޑް ގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ކޮރެއާ ރިޕަބްލިކް އަދި ޤަތަރު ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއިން ކޮރެއާ ރިޕަބްލިކް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ސީރިއާ އާއި ޗައިނާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ސީރިއާ ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އިރާން 0-1 ގެ ނަތީޖާއިން އުޒުބެކިސްޓާންގެ މައްޗަށް ކުރި ހޯދިއިރު ޔޫއޭއީވެސް ވަނީ ތައިލެންޑުގެ މައްޗަށް 1-3 ގެ ނަތީޖާއިން ކުރިހޯދާފައެވެ.