އެމެރިކާއިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ދެކޮޅަށް އެޅި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

ވޮޝިންޓަން، ޑީސީ – ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ އޮފިޝަލުންނާއި އެ ކޯޓަށް އެހީތެރިވާ ފަރާތްތަކުގެ ބަދަލުގައި، ސީދާ އެ މުއައްސަސާއަށް އަމާޒުކޮށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއުލާންކޮށްފި އެވެ.

ހުކުރު ދުވަހު އިއުލާންކުރި މި ނިންމުމަކީ، އެ ކޯޓު އުވާލުމަށްޓަކައި ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް ވައުދުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ރޫބިއޯ ވިދާޅުވީ، ”މި ނުކިޔަމަންތެރި ކޯޓްއާއެކު ކުރެވޭ ހުރިހާ މުއާމަލާތްތަކެއް އަޅުގަނޑުމެން މަނާކުރާނަން. އެމީހުންގެ ވަސީލަތްތައް ކަނޑާލައި، އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ނައްތާލާނަން. އަޅުގަނޑުމެންގެ މެސެޖަކީ ސާފު މެސެޖެއް: އެމެރިކާއާއި އެމެރިކާގެ ރައްޔިތުންނަކީ މި ފޭކް އައި.ސީ.ސީގެ އިހުތިސާސް ހިނގާނެ ބައެއް ނޫން. އައި.ސީ.ސީން ކުރަމުންދާ ބިރުދެއްކުންތައް ހުއްޓާލަންޖެހޭ، ނޫންނަމަ އަޅުގަނޑުމެން އައި.ސީ.ސީ ނައްތާލާނަން،“ މިފަދައިންނެވެ.

މި ފިޔަވަޅުތައް އެޅުމުގެ ސަބަބެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ފާހަގަކުރަނީ، އަފްޣާނިސްތާނުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ އިދާރާގެ މުވައްޒަފުންނަށް އަމާޒުވެދާނެ ފަދަ ތަހުގީގެއް އެ ކޯޓުން ހިންގަމުންދިއުމެވެ. މީގެ އިތުރުން، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އެ ކޯޓުން ނެރުންވެސް ހިމެނެ އެވެ.

ހުކުރު ދުވަހުގެ މި ފިޔަވަޅުތަކުގެ ކުރިންވެސް، އެމެރިކާއިން ވަނީ އައި.ސީ.ސީގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާއި، ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާއާއި، ކޯޓަށް ހެކި ފޯރުކޮށްދޭ ފަލަސްތީނުގެ ޖަމިއްޔާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ، އެމެރިކާގެ ރައްޔިތުން ކޯޓްއާއެކު މުއާމަލާތްކުރުން ހަނިކުރުމަކީ ދުސްތޫރީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ އެމެރިކާގެ ފެޑަރަލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕްރޮސެކިއުޓަރު ނަޒްހަތު ޝަމީމް ޚާން ވިދާޅުވީ، މި ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމާއި މިނިވަން އަދުލު އިންސާފުގެ މުއައްސަސާއެއްގެ މަސައްކަތް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށާއި، އެކަން ކުށްވެރިކުރަން ޖެހޭނެ ކަމަށެވެ. އަދި ކޯޓުގެ ތަހުގީގުތަކާއި ދައުވާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައި.ސީ.ސީން ނެރުނު ބަޔާނެއްގައި، އެ ކޯޓުގެ މެންބަރު ގައުމުތަކުން ދޭ އެހީތެރިކަން އިތުރުކުރުމަށް ގޮވާލާފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިއަދު މި ހިނގާ ކަންކަމުގެ މައްޗަށް ތާރީޚު އިންސާފުކުރާނެ ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުގައި އުފައްދާފައިވާ މުއައްސަސާއަކަށް ހަމަލާދެވުނު ހިނދު އަމަލުކުރި ގޮތާ ބެހޭގޮތުން އަންނަން އޮތް ޖީލުތަކުން ސުވާލުކުރާނެ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލަކީ އައި.ސީ.ސީ އުފެއްދި ރޯމް މުއާހަދާގައި ބައިވެރިވާ ގައުމުތަކެއް ނޫނެވެ. ނަމަވެސް، އައި.ސީ.ސީގެ މެންބަރު ގައުމުތަކުގެ ބިމުގައި އެމެރިކާ ނުވަތަ އިސްރާއީލުގެ ރައްޔިތުން ހިންގާ ޖަރީމާތައް ބެލުމުގެ ބާރު އެ ކޯޓަށް އޮންނާނެ ކަމަށް ކޯޓުން ކުރިން ނިންމާފައިވެ އެވެ.

އެމެރިކާގެ މި ނިންމުމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ މަރުހަބާ ކިޔާފަ އެވެ.

މިހާތަނަށް އައި.ސީ.ސީން އެމެރިކާގެ އެއްވެސް ރައްޔިތަކަށް ދައުވާކޮށްފައެއް ނުވެ އެވެ. 2002 ވަނަ އަހަރު ފާސްކޮށްފައިވާ އެމެރިކާގެ ގާނޫނެއްގެ ދަށުން، އެމެރިކާގެ ރައްޔިތުން އައި.ސީ.ސީއަށް ހަވާލުކުރުން މަނާކޮށްފައިވާއިރު، އެފަދަ މީހަކު ކޯޓުގެ ބަންދެއްގައި ހުރެއްޖެނަމަ ބާރުގެ ބޭނުންކޮށްގެންވެސް ސަލާމަތްކުރުމުގެ އިޚްތިޔާރު އެމެރިކާއަށް އޮވެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް، ހާއްސަކޮށް ހެކި އެއްކުރާ ޖަމިއްޔާތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ. ބައިނަލްއަގުވާމީ ގާނޫނީ މާހިރު މާކް ކާސްޓަން ވިދާޅުވީ، މިއީ އައި.ސީ.ސީއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތު ކަމަށެވެ.

މީގެ އިތުރުން، އެމެރިކާއިން ދަނީ އެހެން ގައުމުތަކުންވެސް އައި.ސީ.ސީން ވަކިވުމަށް ބާރުއަޅަމުންނެވެ. އަދި ބައެއް ގައުމުތަކަށް ދޭ އެހީތައް ކަނޑައެޅުމުގައި އެ ގައުމުތަކުން އައި.ސީ.ސީއާ ބާއްވާ ގުޅުމަށް ބަލާނެ ކަމަށްވެސް ވަނީ އިޝާރާތްކޮށްފަ އެވެ. މިފިއްތުންތަކުގެ ސަބަބުން މިދިޔަ ޖުލައި މަހު ޗާޑް އަދި ވެނެޒުއޭލާއިން ވަނީ ކޯޓުން ވަކިވާން ނިންމާފަ އެވެ.

ކާސްޓަން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރުތަކަކީ އައި.ސީ.ސީގެ މެންބަރު ގައުމުތަކުގެ ވަފާތެރިކަން އިމްތިހާނު ކުރެވޭނެ އަހަރުތަކެކެވެ. ކޯޓު ދެމިއޮންނާނީ ޔޫރަޕް، ލެޓިން އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުން ދޭ އެއްބާރުލުމެއްގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.