
ރޮނާލްޑޯ އާއި ޤައުމީ ޓީމާ ދެމެދު އޮތް ނުތަނަވަސްކަމުގެ އަސަރު އަލް-ނަސްރު ކްލަބަށް ކޮށްފާނެބާ
ވޭތުވެދިޔަ ހަފުތާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުއްލި ގޮތަކަށް ޕޯޗުގަލްގެ ޤައުމީ ޓީމު ކޭމްޕު ދޫކޮށް ދިއުމާ ގުޅިގެން، އޭނާގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކެރިއަރާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޓީމު ދޫކޮށް ދިޔައީ، ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅެ 4-2 އިން ޕޯޗުގަލް މޮޅުވި މެޗުގެ ކުރިން، ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ދެބަސްވުމަކަށް ފަހުގަ އެވެ. އަދި މި ނިންމުން ނިންމަން މެދުވެރިވި ސަބަބުތައް ފަހުން ހާމަކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޮނާލްޑޯ ރަސްމީކޮށް އިޢުލާނު ނުކުރި ނަމަވެސް، 23 އަހަރަށް ފަހު އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރު ނިމުމަކަށް އަންނަނަމަ، އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާއި، ރޮނާލްޑޯ އާއި ޖީސަސްގެ ގުޅުން ގޯސްވި ސަބަބުގެ އިތުރުން، މީގެ ސަބަބުން އަލް ނަސްރު ކްލަބަށް ކުރާނެ އަސަރުތަކަށް މިވަނީ ބަލާލާފަ އެވެ.
ކަން ހިނގި ގޮތް:
ސެޕްޓެމްބަރު 24 ގައި ވޭލްސްއާ ދެކޮޅަށް ކުޅުނު ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ކުޅެން އެރި ނަމަވެސް، މެޗުގެ 65 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ.
އޭގެ ހަތަރު ދުވަސް ފަހުން އޮސްލޯގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އިނީ ބެންޗުގަ އެވެ. މިއީ ވޭތުވެދިޔަ 18 އަހަރު ތެރޭގައި ޕޯޗުގަލްގެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ރޮނާލްޑޯ ބޭނުންނުކުރި ފުރަތަމަ ފަހަރެވެ. އެ މެޗުން ޕޯޗުގަލް 2-1 އިން މޮޅުވިއިރު، ކޯޗު ޖީސަސް ނިންމީ ކެޕްޓަން ރޮނާލްޑޯ ކުޅެން ނޭރުވުމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ރޮނާލްޑޯ ވަނީ އެހެން ކުޅުންތެރިންނާ ވަކިން ޖިމްގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި މެޗުގައި ކުޅެން ފުރުސަތު ނުލިބުމުން ރޮނާލްޑޯ ހުރީ ހިތްހަމަނުޖެހިފައި ކަމަށް ކޯޗު ޖީސަސް ވެސް އެއްބަސްވި އެވެ.
ނަމަވެސް، އެ މައްސަލަ ހައްލުވެފައިވާ ކަމަށް ކޯޗު ފުރަތަމަ ބުނެފައިވެ އެވެ. އަދި ޓީމުގެ ޑިފެންޑަރު ރޫބެން ދިއާޒް ވެސް ވަނީ ކުޅުންތެރިންނާއި ކޯޗުންނާ ދެމެދު މިފަދަ ދެބަސްވުންތަކަކީ އާންމު ކަމެއް ކަމަށް ބުނެ، މައްސަލަ ކުޑަކުރަން މަސައްކަތް ކޮށްފަ އެވެ.
އެހެންނަމަވެސް، ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ނުހިމެނޭނެކަން ޖީސަސް ކަށަވަރުކޮށްދިންތާ މާގިނަ އިރުތަކެއް ނުވަނީސް، ރޮނާލްޑޯ ވަނީ ޤައުމީ ޓީމު ކޭމްޕު ދޫކޮށްދާން ނިންމިކަން އިއުލާނުކޮށްފަ އެވެ.
”ގައުމީ ޓީމުގެ ކޯޗުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އަދި ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސާ ވާހަކަދެއްކުމަށްފަހު، އަހަރެން މިވަނީ ޤައުމީ ޓީމުގެ ޓްރެއިނިންގ ކޭމްޕު ދޫކޮށް ދިއުމަށް ނިންމާފައި،“ ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ. ”ޤައުމީ ޓީމާ ވަކިވާން ނިންމި ސަބަބުތަކުގެ ޙަޤީޤަތް، އެންމެ އެކަށީގެންވާ ވަގުތެއްގައި އަހަރެން ޕޯޗުގަލްގެ ރައްޔިތުންނަށް ކިޔައިދޭނަން.“ ރޮނާލްޑޯ
ރޮނާލްޑޯ ރަސްމީކޮށް ރިޓަޔަރ ކުރިކަން ހާމަނުކުރި ނަމަވެސް، ޤައުމީ ޓީމަށް 234 މެޗު ކުޅެދީ، ރެކޯޑު އަދަދެއް ކަމަށްވާ 146 ގޯލު ޖަހާފައިވާ އޭނާ، ދެން އަލުން ޤައުމީ ޖާޒީގައި ފެނުމާމެދު މިހާރު ވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފަ އެވެ.



