ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފިޔަޖަހަމުން އަންނަ ހުނަރުވެރި ފަންނާނެއް
ދިވެހި އަދަބިއްޔާތުގެ ރޮގުން ދިވެހި ސިފައިންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ 2013 ވަނަ އަހަރު ސިފައިންގެ އައްޑަނަ ފިލާ ލިބިލައްވާފައިވާ ޒުވާނެކެވެ.
ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން ބ.އަތޮޅުން ދޭ ” ރަންނާ އެވޯޑް 2016” ހާޞިލްކޮށްފައިވާ ޒުވާނެކެވެ.
ދިވެހި އަދަބިއްޔާތުގެ ”ފަތިހުގެ ތަރި” ބ.ދަރަވަންދޫގެ ފަލީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ މައިކަބަނލުން އެރަށަކަށް ނިސްބަތްވާ ބ.ދަރަވަންދޫ އަކީ ދިވެހި އަދަބިއްޔާތުގައި ފާހަގަކޮށްލެވޭފަދަ ދިވެހި އުސްތާޛުން ތަކެއްގެ ވަޒަނަށް އުފަން ބ. ދަރަވަންދޫ ދަރިއެކެވެ.
އާދެ! ލިޔެލަން ޤަލަމް މި ހިންގާލީ ޒުވާން އެތައް ޅެންވެރިންގެ އުސްތާޒް އަދި ޅެންވެރި ނަމުންނަމަ ”މައިނާ” ގެ ނަމުން މަޝްހޫރުވެފައިވާ އަލްމަރުހޫމް ޔޫސުފް އަލިފުޅާއި، ސައީދު އަލިފުވެސް އެރަށަކަށް ނިސްބަތްވާ ބ.ދަރަވަންދޫ އަށް އުފަން ހުނަރުވެރި ޒުވާނާ އަޚްމަދު ނާފިޢުގެ ހުނަރުން ކުޑަމިންވަރެއް ޙިއްޞާކޮށްލުމަށެވެ.
މިގޮތުން 2000 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ބ.ދަރަވަންދޫއަށް އުފަން ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނާފިއު އަކީވެސް ދިވެހި އަދަބިއްޔާތަށް ލޯބިކުރާ ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ ހިތްވަރުގަދަ ޒުވާން ފަންނުވެރިއެކެވެ.
ކުޑައިރުއްސުރެ ފެށިގެން ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ އަޙްމަދު ނާފިޢު އަކީ މިއަދު މުޖުތަމައުއާއި ގުޅުންހުރި ތަފާތު އެތައް ލިޔުންތަކެއް ލިއުއްވަމުން ލިޔުންތެރިކަން ކުރިއެރުވުމަށާއި މިދާއިރާއަށް ޒުވާނުން އަޙުލުވެރި ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތަފާތު މަޢުލޫތަކަށް ލިޔުއްވާ އަދި ތަފާތު މަޢުލޫތަކަށް ޅެން ހައްދަވާ ބޭފުޅެކެވެ. ވަކިން ހައްޞަކޮށް ދިވެހި ލިޔުންތެރިކަމުގެ ރޮނގުން ހަޤީޤީ ހާދިސާ ލިޔުއްވުމަކީ ނާފިއުގެ ކިބައިގައި ހުންނަ އާދަޔާ ޚިލާފު ހުނަރެކެވެ.
ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވަދެވުނު ގޮތް
އަޙްމަދު ނާފިއު އަށް މިދާއިރާއަށް ވަދެވުނުގޮތާބެހޭގޮތުން އެޓޯލް ނިއުސްއާކިޔައިދެމުން ނާފިޢު ވިދާޅުވިގޮތުގައި އޭނާއަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއަށް ވަދެވިފައިވަނީ އާއިލާގެ ފަރާތުންނެވެ.
” އަޅުގަނޑަށް މިދާއިރާއަށް ވަދެވުނީ އަޅުގަނޑުގެ މަންމަ ފަރާތު ކާފަ ( ބ.ތުޅާދޫ އަލްމަރުޙޫމް ޢަބްދުއްރަޙްމާން މޫސާ) މަޝްހޫރު ނަމުންނަމަ ” ފަރިހި ޢަބްދުއްރަޙްމާން ” އަޅުގަނޑު ކުޑައިރު މިދާއިރާއަށް ސަޢުގުވެރި ކުރުވުމުން ” ނާފިއު.
އެއީ 1990 އަހަރުތަކުގެ ކުރީކޮޅެވެ. ފަރިހި އަބްދުއްރަހްމާން އަކީ އެދުވަސްވަރު މުޅި ބ.އަތޮޅަށްވެސް މަޝްހޫރު ބޭފުޅެކެވެ. ކާފަ އެންމެ މަޝްހޫރުވެފައިވަނީ ގޭގެއަށްގޮސް ގޭގޭގެ ބޮޑުއަށި މަތީގައި އިނދެ ވަކި ހަމަތަކަކަށް ޑަބިޔާގައި ޖަހަމުން ފަރިހި ކިޔުމާއި ބުރުނި ރައިވަރު ނުވަތަ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކަ ކިޔުމުގައި ކަމަށް ނާފިއު ވިދާޅުވެއެވެ.
މިގޮތުން ނާފިއު ކުޑައިރު ކާފަ ބ.ދަރަވަންދޫއަށް އަންނަ ކޮންމެ ފަހަރަކުވެސް ރަށުގެ ޑައިބާ ޖަހަން ކާފަ ގޭގެއަށް ގެންދެއެވެ. އަދި ކާފަ އެކިޔާ ބުރުނި ރައިވަރު އަޑުއެހުމަށް އެތައް ބަޔަކު އެތަނަކަށް އެއްވެއެވެ. މިގޮތުން ކާފަ ނާފިއުގެ ރަށަށް އަންނަ ކޮންމެ ފަހަރަކުވެސް ނާފިއުއަށް ރައިވަރު ކިޔަން ދަސްކޮށްދެއެވެ. އަދި ކާފަ ކިޔައިދޭ ރައިވަރުތައް ފޮތެއްގައި ލިޔެ ހިތުދަސްކުރަމުން ގެންދިޔައެވެ.
އޭރު ނާފިއުގެ ޢުމުރުން ވާނީ ގާތްގަނޑަކަށް 11 ވަރަކަށް އަހަރެވެ. އެއަށްފަހު ސްކޫލްގެ އަދަބީ މުބާރާތްތަކުގައިވެސް ބައިވެރިވެ ރައިވަރު ކިޔުމާއި ބައިތުބާޒީ ކުރުން ފަދަ ކަންކަމުގައި ބައިވެރިވެ ނާފިއު ވަނީ ރަން ވަނަތައް ހޯދާފައެވެ.
ސްކޫލްދަޢުރުގައި އަދަބިއްޔާތުގައި ލިބޭ މިފަދަ ހިތްވަރާއެކު ދެން އޭނާ ދިޔައީ މަޑުމަޑުން މަޒުމޫނު ލިޔުމާއި ޅެން ހެދުމުގެ ތެރެއަށް ވަންނަމުންނެވެ. އެގޮތުން ފޮތްފޮތުންނާއި ދުވަސްވީ ހަރު މީހުންގެ ކައިރިން މަޢުލޫމާތު ހޯދައިގެން ކުރީގައި ތަފާތު ލިޔުންތައް ލިޔަން ފެށިއެވެ. އަދި ޅެމާއި ރައިވަރުވެސް އެއްވެސް ޖެހިލުމެއްނެތި ކާފިޔާ، ބަނޑުވައްއަކުރު، އަދި ވަޒަންތައް ހަމަކޮށް ލިޔަން ފެށިއެވެ. މިހިސާބުން އޭނާއަށް އަނެއްކާވެސް މިދާއިރާއިން އިތުރު ހިތްވަރެއް ލިބުނެވެ.
އެއީ 1999 ވަނަ އަހަރެވެ. އޭނާ އޭރު ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ. ބ.އަތޮޅު މީޑިޔާ ސެންޓަރުން ފުރަތަމަ ފަހަރަށް ނާފިއު އާއި ބެހޭގޮތުން ޕްރޮފައިލް އެއް ގެނެސްދިނެވެ. މި ޕްރޮފައިލް ގެނެސްދިނުމުން އެދުވަހުން ފެށިގެން އޭނާ ކުރިއަށް ދާން އަޒުމް ކަނޑައެޅިއެވެ.
” އަޅުގަނޑަށް މިކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބި ސްކޫލް ނިންމަލުމަށްފަހު މިދާއިރާއިން ކުރިއަށްދާން ގަސްތުކުރިން.” ނާފިއު ބުންޏެވެ. ނަމަވެސް ކަންދިމާކުރިގޮތުން ނާފިއުއަށް ވަންނަން ޖެހުނީ ސިފައިންގެއަށެވެ. ސިފައިންގެއަށް ވަނުމަށްފަހު ފުލުހުންގެ ދާއިރާގައި މަސައްކަތްކުރަން ޖެހުމުން އަނެއްކާވެސް އޭނާއަށް ލިޔުންތެރިކަން ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ.
އެއީ ފުލުހުންގެ ދާއިރާގައި ގިނަދުވަހު އޭނާ މަސައްކަތްކުރެވިފައިވާނީ މީޑިޔާ ދާއިރާއިން ކަމަށްވެފައި، އޭރު ފުލުހުންގެ ތެރޭގައިވެސް ޕޮލިސް ލައިފް މަޖައްލާ ނެރެމުން ދިއުމާއެކު އެމަޖައްލާއަށް ލިޔަޖެހުމެވެ. އަދި އެދުވަސްވަރު މިމަޖައްލާގެ ޕްރޮޑަކްޝަން އިންޗާޖަކަށްވެސް ހުންނަނީ ނާފިއުއެވެ. މީގެއިތުރުން ނާފިއު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެތެރޭގައި ކުށްމަދުކުރުމަށް ރޭޑިއޯ އާއި ޓީވީ ފަދަ ޕްރޮގުރާމްތަކުގެ ސްކްރީން ޕްލޭ ލިޔުއްވުމާއި، ރިޕޯޓް ތަައް ތައްޔާރުކޮށް އަދި ކުށްމަދުކުރުމަށް ”ރޭޑިއޯ އާއި ޓީވީ ޕްރޮގުރާމްތަކަށް ސްކްރީން ޕްލޭ ލިޔުމާއި ރިޕޯރޓްތައް ލިޔުން ހިމެނެއެވެ.
މިދުވަސްވަރު އޭރު ތޮއްޑޫ އާދަމް ނަޝީރުވެސް މަސައްކަތްކުރަމުންދިޔައީ ނާފިއުގެ މަސައްކަތްތަކާއި ވަރަށް ކައިރިން މަސައްކަތް ކުރައްވަމުންނެވެ. އެހެންވެ އާދަމް ނަޝީރުވެސް ނާފިއުއަށް ލިޔުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދެއްވިއެވެ. މިހިސާބުން އޭނާގެ ލިޔުންތެރިކަމަށް އަނެއްކާވެސް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އަދި ދަރަވަންދޫގެ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ ދަރަވަންދޫ އަޙްމަދު ނާޝިދުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު މިކަމުގައި ކުރިއަށްދެވޭނެ މަގު ނާފިއުއަށް ފަހިވިއެވެ. މިގޮތުން ނާފިއު ލިޔާ އާޓިކަލްތަކާއި ޅެންތައްވެސް ޗެކްކޮށް ދިމަވާ މައްސަލަތައް ވަރަށް ރަނގަޅަށް ކިޔައިދެމުން ނާޝިދު ގެންދެވިއެވެ.
މަޝްހޫރު ޅެންވެރިއެއްކަމަށްވާ ބ.ދަރަވަންދޫ އަޙްމަދު ނާޝިދުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު ޅެންވެރިކަމުގެ ދާއިރާއަށް ނިކުންނެވުމާއެކު އޭނާވަނީ މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކުށްތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން އެތައް ޅެންތަކާއި ތަފާތު މެސެޖްތައް ވަނީ މުޖްތަމަޢުއަށްނެރެފައެވެ. މިގޮތުން ސިފައިންގެ ސިފައުފާ 2012 ގެ ތީމް ޅެމާއި ފުލުހުންގެ އައްޑިހަ އަހަރުގެ ޚިދުމަތުގެ ޅެމާއި ޕޮލިސް ކުލަބް ޅެމާއި އާއި ހެލްތު މިނިސްޓްރީން 2013 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޓްރަސްޓް ފަންޑް ފަދަ ޅެންތަށް ފާހަގަ ކޮށެލެވެއެވެ.
މުޖުތަމައުއާއި ގުޅުންހުރި ތަފާތު އިބްރަތްތެރި މެސެޖްތައް އެކި ހިމެނޭގޮތަށް ލިޔުއްވުމަކީ މިއަދު އޭނާގެ ހޮބީއެކެވެ. ފަންވަތާއި، ލިޔުންތެރިންގެ ގުޅުން،ސިފައިންގެ އައްޑަނަ ފަދަ ވެބްސައިޓް ތަކަށް ލިޔުއްވުމުގެ އިތުރުން ފުލުހުންގެ މަޖައްލާއަށާއި ފަތްތޫރައިންވެސް މިއަދު ނާފިއުގެ ލިޔުންތައް ފެންނަމުންދެއެވެ.
މިގޮތުން ދިވެހި ސިފައިންނަކީ ހޭލުންތެރި ހަރުދަނާ ބައެއްގެ ގޮތުގައި ބިނާ ކުރުމަށް މަސައްކަތުގައި އަދަބީ ރޮނގުން ގިނަގުނަ އެހީތެރިކަމާއި، ވަރަށް ފުރިހަމަ އެއްބާރުލުމެއް ގެންދަވަމުން ގެންދަވާތީ 2013 އެޕްރީލް 11 ވަނަ ދުވަހު ސިފައިންގެއިން ބޭއްްވި ޚާއްޞަ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނާފިޢުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސިފައިން ވެދުން ކުރަ ޝަރަފުގެ އައްޑަނަ ވަނީ އޭނާއަށް ދެއްވާފައެވެ. އޭގެ ފަހުން ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރައިން ބ. އަތޮޅުންދޭ ” ރަންނާ އެވޯރޑް 2016” ވަނީ ނާފިއުަށް ލިބިލައްވާފައެވެ.
ހަޤީޤީ ހާދިޝާތަކެއްގެ މައްޗަށް ބިނާކޮށް ލިޔާ މިވާހަކަތަކަކީ އެއިން ކޮންމެ ވާހަކައެއްގެ ފަހަތުގައިވެސް އިބްރަތްތެރި މެސެޖްތަކެއް އެކުލެވިގެންވާ ވާހަކައެކެވެ. ކިޔުންތެރިންނަށް ފޯރުކޮށްދޭ މި މެސެޖްތައް ލިޔުމުގައި 2010 އަދި 2011 ވަނަ އަހަރު އައްޝައިޚް ޢުސްމާން ޢަބްދުﷲގެ އެހީތެރިކަމާއި އެއްބާރުލުން ނާފިޢުއަށް ވަރަށް ފުރިހަމައަށް ލިބިގެންގޮސްފައިވެއެވެ. ވަކިން ހާއްޞަކޮށް ހަޤީޤީ ޙާދިސާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މަޒުމޫނުތަކާއި ވާހަކަތަކަކީ މިއަދު ހަމަ ކޮންމެ ފަރުދަކު އެލިޔުމެއް ކިޔާލި ނަމަވެސް އެއިން އިބްރަތެއް ޙާޞިލް ކުރެވޭނެ ވަރަށް އަގުހުރި ލިޔުންތަކެކެވެ.
ނާފިޢު ދެކޭގޮތުގައި މުޖުތަމަޢުގައި ހިންގާ ބޮޑެތި ޖަރީމާތަކާއި، ވައްކަމާއި ފޭރުމާއި ބަދުއަޚްލީ މައްސަލަތަކަށް ބިނާކޮށް ލިޔެފައިވާ އިބްރަތްތެރި ވާހަކަތަކާއި ލިޔުންތަކަކީ މުޖުތަމައުގައި ހިންގާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހަމަ ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެކަމެކެވެ. އޭނާ މިއަދު ދެކޭގޮތުގައި ދިވެހި އަދަބިއްޔާތުގެ ރޮގުން މިއަދު މިވަނީ އާ ޖީލެއް އުފަން ކުރަން ޖެހިފައެވެ. މުޖުތަމަޢުއަށް ފައިދާކުރުވަނިވި ލިޔުންތެރިކަން އިތުރުކޮށް ކުރިއަރުވަން ޖެހިފައެވެ.
ދިވެހިއަދަބިއްޔާތުގެ ދާއިރާއަށް އިތުރު ޒުވާނުން ޝައުޤުވެރިކުރުވޭނީ މިދާއިރާއިންވެސް ޒުވާނުންނަށް ހިތްވަރު ދީގެންކަން ކަށަވަރެވެ. އެހެންކަމުން މިއަދުގެ ޒުވާން ލިޔުންތެރިންނަށް މިއަދު ހިތްވަރު ދިނުމަކީ މިދާއިރާއިން ކުރިއަރަން ތިބި އެންމެހާ ޒުވާނުންނަސްވެސް ލިބިގެންދާނެ އިތުރު ހިތްވަރެއްކަން ޔަޤީނެވެ.
ހަމަ އެހެންމެ ދިވެހި ބަހުގެ އެކެޑަމީ އަކީ ދިވެހި އަދަބީ ދާއިރާއިން މީހުން ބިނާކުރުމާއި ދިވެހިބަސް ދިރުވާ އާލާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އެކެޑެމީ އެކެވެ. ވަކިން ޚާއްޞަކޮށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ އަލީ ދިވެހި ބަހަށް ލޯބިކުރާ ދިވެހި ޒުވާން ޖީލެއް ބިނާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ހީވާގި ކަމާ މުރާލިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ލީޑަރެއްގެ ގޮތުގައި ނާފިޢު ސިފަ ކުރެއްވިއެވެ.
އަދި އަދަބީ ދާއިރާއިން ކުރިއަށް ދިއުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ އަގު ނާފިއު ގެ ހިތުގެ އެންމެ ފުންމިނުން ވަޒަން ކުރެއެވެ. ހަމަ އެހެންމެ ދިވެހި ޅެންވެރިންނަކީ ދިވެހި ބަހުގެ އުސްތާޒުންކަން އަބަދުވެސް ހަނދާން ކުރައްވައެވެ. އެބޭފުޅުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަކީ ނާފިއުގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެކަމަށް ނާފިއު ބުނެއެވެ.
އެހެންކަމުން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ ދުވަހަށް ވެފައި އެދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި އެންމެ ލޮބުވެތި ޅެންވެރިންނަށް އަރިސްކުރާއިރު ޖެނުއަރީ 14 ވަނަ ދުވަހަކީ ދިވެހި ދުވަހެވެ. މިދުވަހުގެ ތަޚްނިޔާ ތިޔަ އެންމެހާ ދިވެހިންނަށް އަރިސް ކުރަމެވެ.
ހަމަ މިއާއެކު މިއަދަކީ ނާފިއުއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އާދެ ނާފިޢު އާއި ނާފިއުގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅު އިމްޝާވެސް އުފަންވީ ދުވަހެވެ.
ނިންމާލަމުން ނާފިޢުގެ ހުރިހާ ރައްޓެހިންނާއި ޚާއްޞަކޮށް އަޙްމަދު ދާމިން އަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ރައްދުކުރިއެވެ.
ނާފިޢުގެ ޙަޤީޤީ ޙާދިޘާ ވާހަކަތައް އެޓޯލް ނިއުސް އިން ވަރަށް އަވަހަށް ޝާއިޢު ކުރާނެ ވާހަކަ އުފަލާއެކު ފާހަގަ ކުރަމެވެ.
އެޓޯލް ނިއުސްއިން އެދެނީ ނާފިޢުގެ މަސައްކަތުގައި ބަރަކާތްލައްވާ އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.
ނާފިއު އަކީ އަޅުގަނޑުގެ ވަރަށްގާތް ރަހުމަތްތެރިއެއް، އަޅުގަނޑު އެދެނީ ނާފިއުގެ މަސައްކަތުގައި ބަރަކާތްލައްވާ ފަހި މުސްތަގްބަލެއް ދެއްކެވުން، ބުނެލަން އޮތީ ތީ ޒުވާނުން ފަޙުރުވެރިވާ ޒުވާން ލޭ ހިނގާ ދަރިއެކޭ، ހަމަ ތި ފަދަ ދަރިން ތަކެއް ނާފިއުގެ ފަރާތުން އުފެދި ޤައުމަށް ހިދުމަތް ކުރުން އެއީ އަޅުގަނޑު ދެކެން ބޭނުން ވާ ދުވަސްތަކެއް.