
ނަނާ ހުވަފެންދުށީމޭ
ނަނާ ހުވަފެންދުށީމޭ ދަރާވާހިދު ދުނިޔޭން
ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މާމުއިފެތޭތީޔޭ
ޅެންބައިތަކުން އަޑުއެހުންތެރިންގެ ހިތް ދަމައި ގަނެޔޭ ބުނެވޭ ވާހަކަ އަކީ މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އިވެމުންދާ ވާހަކައެކެވެ.
އެހެންނަމަވެސް ޅެންބައިތެއްގެ އަސަރުގައި ޖެހި ޤައުމެއްގެ ރައްޔިތުން އެޤައުމުގެ ޒަމާންވީ ނުފޫޒުދަގަ ވެރިން މުގުލުން ލުހެ އެއްލާލައި، މިދެންނެވިފަދަ އަސަރުގަދަ ޅެމެށް ވިދާޅުވި ބޭފުޅަކަށް ޤައުމެއްގެ ވެރިކަން ޙަވާލު ކުރި ވާހަކައަކީ އަޑުއަހަން ވަރަށްވެސް އައު ވާހަކައަކަށް ނޫނީ ނުވާނެ އެވެ.
އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު އަޅުގަނޑުމެން އުޅެމުން މިދާ ލޮބުވެތި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މިދެންނެވިފަދަ ޅެންބައިތެއްގެ އަސަރުގައި ޖެހި ޤައުމުގެ ޒަމާންވީ ވެރިކަށް އޭގެ މުލުން ލުހެލައި، ޅެންބައިތު ވިދާލުވަމުން ގެންދެވި ބޭފުޅުންނާއި ވެރިކަން ޙަވާލުކުރި ރައްޔިތުންނެވެ.
ފެށުމުގައި އަޅުގަނޑަށް ދަންނަވާލެވިފައި އެވާ އަސަރުގަދަ ޅެންބައިތަކީ އެދުވަހު ދިވެރިރާއްޖޭގެ ރައްޔިތުންގެ ފިކުރު ބަދަލު ކޮށްލި ޅެންބައިތެވެ.
މިކަމުގެ އެންމެބޮޑު އެއް ސަބަބަކަށްވީ ޅެން ވިދާޅުވި ބޭފުޅާ ޅެމުގައި ފެނުނުކަމަށް އެވިދާޅުވާ ހުވަފެނަކީ ދިވެހި ރައްޔިތުން މީގެ އެތައް ޒަމާނަކުއްސުރެ ދެކެމުން އަންނަ ހުވަފެނަކަށް ވީކަމެވެ.
ދިރިއުޅެމުން އައި ދަތި ދިރިއުޅުން ނިމުމަކަށްއައިސް އުފާވެރި އަބުރުވެރި ދިރިއުޅުމެއް ލިބުމުގެ ފޮނި އުންމީދު ހިތްތަކުގައިވަނީ މާމުޔަށްވުރެވެސް ފޮނިކޮށެވެ.
އަމާންކަމުގެ ވެއްޓެއްގައި، ސަލާމަތުގެ ހިޔަލެގައި ތިމާއާއި ތިމާގެ ލޯބިވާ ފަރާތްތަކާއެކު ހޭދަ ކުރެވޭ ކޮންމެ ހިނދުކޮޅަކީ ރަނަށްވުރެ އަގުބޮޑު އެއްޗަކަށް ވެފައި ވީކަމީ، މިފަދަ ހިތްހަމަޖެހުމަކަށް ރައްޔިތުން ފެންބޮވައިގަނެފައި ވާލެއް ބޮޑުކަމެވެ.
އެހެންކަމުން ރައްޔިތުންނާ އެއްރާގެއްގައި، ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތަކާއި އެންމެ ގުޅޭ ބަސްތަކެށް އަމުނާލި ފަރާތަކަށް މުޅިޤައުމުގެ ހުރިހައި ބާރުތަކެށް ދިލާލީ، ތިމަންވެސް ދެކެމުން މިދަނީ ތިޔަ ނާނާ ހުވަފެނޭ ބުނާ ޙާލުގައެވެ.
އެހެންނަމަވެސް ސިއްސައިގެންގޮސް ހޭވެރިކަންވެގެން ތެދުވެ ބަލައިލިއިރު، ކަމަކުދާކަށްނެތެވެ. ހަޤީޤަތަކަށް ވުމަށްއެދި ބަލަމުންދިޔަ ނަނާހުވަފެން ވެގެން ދިޔައީ ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވާ ވޭނަކަށެވެ.
ޣަރަޤުވާކަމަށް ހީކުރެވެމުންދިޔަ ފޮނިމާމުއި ޙުލްޤޫމުގައި ޖެހުނު ހިސާބުން އެގުނީ މިޣަރަޤުވެވެނީ ހަބަރަށްވުރެވެސް ހިތި އެއްޗަކަށް ކަމެވެ.
އަމާންކަމުގެ އައްސޭރިއަކަށް ގެންގޮސްދޭނެކަމަށް ހިކުރެވުނު ސަވާރީ ރައްޔިތުންނާއިގެން ގޮސް ހުއްޓުނީ ނާމާން ކަމުން ފުރިގެންވާ ޖަންގައްޔަކަށެވެ. އެތަނުގައި ކުޑަކުއްޖަކަށް، މުސްކުޅިޔަކަށް، ހަރުމިހަކަށް ނުވަތަ ބަކައްޓަކަށް އަދި ގެރިއަކަށް ނަމަވެސް އަމާންކަމެއް ނެތެވެ.
ވަޅިހެރުމާއި، ނުޙައްޤުން އެއްއިންސާނަކު އަނެއް އިންސާނާ މުޅިޢުމުރު ގުދު ބިންދާލަދިގެން ކުރާމަސައްކަތް ފޭރިގަތުމަކީ މިދެންނެވި ނާމާން މަންޒިލުގައި އާދައިގެ ކުޑަކަމެކެވެ.
މަގުމަތީގައި ހިނގާފައިދާ އެއްވެސް ކުށެއްނެތް އިންސާނުން ހަންޖަރުން ޙަމަލާދެވި މަރުވެގެން ބިންމައްޗަށް ވެއްޓޭ މަންޒަރު ފެންނަމުން ދަނީ ގަހުން ހިކިގެން ފަތް ފައިބާ މިސާލުގަ އެވެ.
އުންމިދުކުރެވުނު އަމާންކަން ނުލިބުނުތާންގައި ނާމާންކަމުގެ ކޮޅެއްނެތެވެ. ދިޔާތަކެތިންނާއި ހިކި ތަކެތިން ތިމާމެންގެ ހެއި ދެބައިވެފައިވާ އެތަކެއް ޒުވާނުންނެއް އަދިވެސް ތިބީ ގިޓާހިފައިގެން ކަންކަންމައްޗައް ދެމިފައެވެ.
ދެން އޮތީ އަބުރުވެރި ދިރިއުޅުންތޯއެވެ..؟
ސަލާންޖަހައިގެންވެސް ތިމާގެ ޒަރޫރީ ބޭނުންތައް ރަގަޅަށް ނުފުދޭމީހާގެ އޮތީ ކޮން އަބުރުވެރިކަމެއްތޯއެވެ؟ ރައްޔިތުންނައް މިޔަދު ކުޑައަގަކުން ކުރެވޭ ހަމައެއްވެސް ކަމެއް ނެތެވެ. ކާބޯތަކެތީގެ އަގު މައްޗަށް އަރަމުންގޮސް އާދައިގެ ރައްޔިތަކު ފުންމައިގެން އެރިޔަސް އަތްނުފޯރާފަށަށް އެރީވެސް ހަމަ މިދެންނެވި ނާމާން އައްސޭރިގަ އެވެ.
ރައްޔިތުން ދަރަނިވެރިވެ ކަންމަތީ ފިހާރައިގެ ސޭޓާއި ހަގުރާމަ އިޢުލާނު ކުރާހިސާބަށް ފިހާރަތަކުގައި ދަރަނި ބޮޑުވެއްޖެ އެވެ. ހަމަ ހަޤީގަތުގައިވެސް ރައްއިތުން މިޔަދު ވަނީ ހަތަރު އުދަރެސް ފެނުޖެހިފަ އެވެ. ދެމިޔަކަނުން ހަނދު އޮއްސިފަ އެވެ. ދާނީ ފަހެ ކޮންތާކަށްބާ އެވެ. ކުރާނި ފަހެ ކިއްބާ އެވެ.
އެހެންނަމަވެސް ކަނިވެފައިވާ އުންމީދުގެ ހުޅުކޮޅުގެ ފަނޑުއަލީގެ އަލިކަމުގައިވި ނިކަމެތި ރައްޔިތުން މާތްﷲގެ ވާގިފުޅާއެކު އަދިވެސް ކިޔަމުންދަނީ…
ނަނާ ހުވަފެން ދުށީމޭ ދަރާވާ ހިނދު ދުނިޔޭން
ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މާމުއިފެތޭތީޔޭ..
ނަނާ ހުވަފެން ދުށީމޭ..



