
މަސްތުވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ނޫރީގެ / ގދ. ގައްދޫ، އަލީ ޝަޒީނު (37އ) 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2026 އޮކްޓޫބަރު 4ވަނަ ދުވަހުއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 އޮގަސްޓު 10ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު 1ވަނަ ދުވަހުއެވެ.
ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.



