ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނުގެ 3 ވަނަ ބުރު މުޅިރާއްޖޭގައި މިއަދު ފަށައިފިއެވެ.
މިއަދު 14:00 ން 17:00 އަށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ 14 ސެންޓަރެއްގައި ކުރިޔަށްދާ މި އިމްތިހާނުގައި ޖުމްލަ 246 ކެނޑިޑޭޓުން އިމްތިހާނު ހެދުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
މި އިމްތިހާނަކީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ވަކިކަހަލަ ހުނަރުތަކެއް ހުރުން މުހިންމުކަމެއް ކަމަށް ފެންނާތީ، އެޤާބިލުކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިމްތިހާނެކެވެ.
މި އިމްތިހާނުގެ މުގައްރަރުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރުމަށް ބޭނުންވާ ދިވެހިބަހާއި ލިޔުންތެރިކަމުގެ ހުނަރާއި ހެޔޮގޮތުގައި މުޢާމަލާތްކޮށް ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތަކާއި އިދާރީ ހިންގުމާއި އެޕްޓިޓިއުޑްގެ ހުނަރު ވަޒަންކުރުމުގެ ބައިތައް ހިމެނިގެންވެއެވެ.
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި ގުޅިގެން ބާއްވާ މި އިމްތިހާނުގެ މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާޙައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ ވަޒީފާއަށް ޤާބިލު ފަރާތްތަކެއްތޯ ދެނެގަތުމެވެ.