
ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ޢަލީ ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު، މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް ސާބިތުގެ އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކޯޓުން އިއްޔެ ކުރިއަށްގެންދިޔަ ދައުވާތަކަކީ ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ދައުވާތަކުގެ ތެރޭގައި ހިމެނޭ ދައުވާތަކެކެވެ. މި ދައުވާތަކުގެ ބާވަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. މީގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީވެ ކޯޓުން ވަނީ ސާހިލް ތިން އަހަރާއި، އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ސާހިލްގެ މައްޗަށް ކުރާ އިތުރު ދައުވާތަކުގެ އަޑުއެހުންތައް ކުރިއަށްހުރިއިރު، މިގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.
ޝިއާއު މުހައްމަދު މަރާލާފައިވަނީ 06 އޮގަސްޓު 2022 ދުވަހުގެ ރޭ، ހ. ޝީރީންވިލާގޭގައެވެ. މި މައްސަލައާ ބެހޭ ގޮތުން ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އާއި އިތުރު 4 ދަޢުވާއާއެކު, އެކު ޖުމްލަ 5 ދަޢުވާއެއް ސާހިލްގެ މައްޗަށް ކުރުމަށް 28 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.



