
ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން (ބެޗް 11،12) އާއި ޑިޕްލޮމާ އިން ސެކިއުރިޓީ ސްޓަޑީޒް (ބެޗް 2) ފުރިހަމަކުރި ދަރިވަރުންނަށެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި އެމް.އެން.ޑީ.އެފް، މޯލްޑިވް ޕޯޓްސް ލިމިޓެޑް، އޭވިއޭޝަން އެންޑް ޕޯސްޓް ސެކިއުރިޓީގެ އިސްވެރިންނާއި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ.

ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ މަގުސަދަކީ ދިވެހި ރާއްޖޭގެ ސެކިއުރިޓީ ދާއިރާގެ މުވައްޒަފުންގެ އިލްމީ ގާބިލުކަން އިތުރުކުރުމާއި ބައިނަލް އަގުވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. 18 ދަރިވަރުން ބައިވެރިވި މި ކޯހުން 1ވަނަ ހާސިލުކޮށްފައިވަނީ އޭވިއޭޝަން ސެކިއުރިޓީގެ މަރިޔަމް ސަނާއެވެ.
ޑިޕްލޮމާ އިން ކުރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ މަގުސަދަކީ ތަހުގީގުކުރާ ފުލުހުންގެ ހުނަރު ތަރައްގީކުރުމާއި އެ ފުލުހުންނަކީ ގާބިލު އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ބިނާކުރުމެވެ. މި ކޯހުގައި ދެ ބެޗު ހިމެނޭގޮތަށް 73 ފުލުހުން ބައިވެރިވިއެވެ. ކުރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ބެޗު 11 އިން 1ވަނަ ހާސިލުކޮށްފައި ވަނީ ސަރޖަންޓް ރަމްލާ ޙުސައިންއެވެ.
ބެޗު 12 އިން 1ވަނަ ހާސިލުކޮށްފައި ވަނީ ސަރޖަންޓް ސަމްޙަތު ނަޢުމާއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ގެންދަނީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފެންވަރު ރަނގަޅު، ތަމްރީނު ޕްރޮގްރާމްތަކާއި ތަފާތު ކޯސްތައް ހިންގަމުންނެވެ.



