
މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެ
އިއްޒުއްދީން ފާލަން ކައިރީގައި މަސްބާނަންހުރި މީހަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:52 ގައެވެ. އަދި އެމީހާ ނިޔާވެފައި ވަނީ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިއަފަހުން ކަމަށް އައި.ޖީ.އެމް.އެޗްއާއި ހަވާލާދީ ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ. މިހާދިސާގައި ނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މޫދަށް ވެއްޓި ނިޔާވެފައި ވަނީ ތ. ގުރައިދޫ/ ލައިޓް ހައުސް، އިބްރާހިމް ރަޝީދު ކިޔާ މީހެކެވެ. އަދި އޭނާ ނިޔާވެފައި ވަނީ އައި.ޖީ.އެމް.އެޗް ގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 7:20 ހާއިރުއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހިމް ރަޝީދު މޫދަށް ވެއްޓުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޖެހުނު ބާރު ވަޔާއެކުއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ކަނޑުގަދަވެދާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމް.އެން.ޑީ.އެފް އިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް މެނުވީ ނުކުރުމަށް ދަނީ އަންގަމުންނެވެ.