ޚަބަރު ފީތާ

ރައީސް ނަޝީދު މިއަދު މާލެ ވަޑައިންފި

ރައީސް ނަޝީދު މާލެ ވަޑައިންނެވުމުން އެއާޕޯޓުން ރައީސް ސާލިޙް މަރުހަބާ ދަންނަވަނީ --- ފޮޓޯ: މަބްރޫކް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް ނަޝީދު 4 މަސް ފަހުން މިއަދު މާލެ ވަޑައިންފިއެވެ.

މޭ 6 ގައި ދިން ބޮމުގެ ހަމަލާއިން ލިބުނު ޒަޚަމްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު، ރައީސް ނަޝީދު މާލެ ވަޑައިންފައި ވަނީ މިއަދު މެންދުރު ފަހު 14:50 ގައެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙެވެ.

އެމަނިކުފާނު މާލެ ވަޑައިންފައި މިވަނީ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމުގައި ހުންނެވުމަށް ފަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ރާއްޖޭގައި މަޑުކުރައްވާނީ 3 ދުވަހުއެވެ. އަދި އެމަނިކުފާނު ރާއްޖޭގައި މަޑުކުރައްވާ 3 ދުވަހަށް ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މޭމަހުގެ ޙަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަނީ ވަޑައިންފައެވެ. އެއަށް ފަހު ޖުލައި މަހު ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ފަރުވާ ފުރިހަމަ ކުރެއްވުމަށް ވަޑައިންފައެވެ.

ދާދިފަހުން ރައީސް ނަޝީދާއި ރައީސް ސާލިޙްގެ އެކުވެރިކަމަށް ލޮޅުން އަރާފައިވާ ކަމުގެ ޚަބަރުތައް އެމްޑީޕީއާއި އައި އިދިކޮޅު ފަރާތްތަކުގެ މެދުގައިވެސް ވަނީ ހަލުވިކަމާއެކު ފެތުރިފައެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މިއަދު ރައީސް ސާލިޙް އެއާޕޯޓަށް ވަޑައިގެން، ދެބޭފުޅުން ކޮނޑާއި ކޮނޑު ޖައްސައި މަރުޙަބާ ދެންނެވުމުން، ދެބޭފުޅުންގެ ދެމެދުގައި ސިޔާސީ އަދި އަމިއްލަ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ރައީސް ނަޝީދާއި ރައީސް ސާލިޙް އަދި މަޖްލިސްގެ ނައިބު ރައީސާ އެއާޕޯޓު ވީއައިޕީ ލޯންޖުގައި — ފޮޓޯ: މަޖިލިސް

މާލެ ވަޑައިގެން ދެބޭފުޅުން ވަނީ އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި އިރުކޮޅަކު މަޑުކުރައްވައި، އެކި ކަންތަކާއި މަޝްވަރާ ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. 3 ދުވަހުގެ މި ދަތުރުގައި ރައީސް ނަޝީދު މަޑުކުރެއްވުމަށް ހަމަޖެހިފައި ވަނީ ހޮޓެލް ޖެންގައެވެ. އެހެންކަމުން އެތަނުގެ ސެކިރުޓީ ވަރުގަދަކޮށް، އެސަރަހައްދުގައި ސެކިއުރިޓީ އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހަމަލާއަށް ފަހު 4 މަސް ފަހުން މިއަދު ރައީސް ނަޝީދު މާލެ ވަޑައިންނެވުމުން، އެއާޕޯޓުން އެމަނިކުފާނަށް ރައީސް ސާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އާއި އަދި ރައީސް އޮފީހުގެ ބައެއް އިސް ވެރިންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ރައީސް ނަޝީދު މިއަދު މާލެ ވަޑައިންފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.