ޚަބަރު ފީތާ

ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގައި ބެލެހެއްޓުން ފުވައްމުލަކު ކައުންސިލާ ހަވާލުކޮށްފި

ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގައި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމަށް ފުވައްމުލަކު ސިޓީކައުންސިލާއި ހަވާލުކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤެވެ.

މިއެއްބަސްވުންތަކުގެ ސަބަބުން ލާމަރުކަޒީގޮތުން ފުވައްމުލަކުގެ ނޭޗަރޕާރކް މެދުވެރިކޮށް ތިމާވެށީގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ބާރުއެޅިގެންދާނެއެވެ. އަދި މިހާރު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ކަމެއް ހިންގުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ.

މިގޮތުން ނޭޗަރ ޕާރކްގައި މަސައްކަތްކުރާ މިނިސްޓްރީގެ މުއައްޒަފުންނާއި ހަރުމުދަލާއި ތަކެތި ސިޓީކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ސިޓީގެ ކައުންސިލްތަކުގެ އިހްތިޞާސްގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ނޭޗަރ ޕާކުން ލާމަރުކަޒީ އުޞޫލޫން ކައުންސިލުތަކަށް މާލީ މަންފާ ލިބިދިނުމާއި، ޢާއްމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެސަރަޙައްދުން އިޖުތިމާއީ އަދި އިޤްތިސާދީ މަންފާ ލިބިދިނުމާއިއެކު، އެ ސަރަހައްދުގެ ވެށި އަންނަން އޮތް ޖީލިތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.

2018 ވަނަ އަހަރުގެ ޖޫން މަހު ހުޅުވާފައިވާ ފުވައްމުލައް ނޭޗަރ ޕާކަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ފުވައްމުލައް ބަންޑާރަކިޅި އާއި ދަނޑިމަގި ސަރަޙައްދު މެނޭޖްކުރުމަށް ޤާއިމުކޮށްފައިވާ ޕާކެކެވެ.

މިޕާކުން ލިބިދޭ ޚިދުމަތްތަކުގެ ތެރޭގައި ކެނޯ ދުއްވުމާއި ބޯޓް ޕެޑްލިންގ ހަރަކާތްތައް ހިމެނެއެވެ.

މިއީ ފުވައްމުލަކުގެ ރައްޔިތުން މުނިފޫހިފިލުވައި މަޖާކޮށްލުމަށް ހަފްތާ ބަންދުތަކުގައާއި އެހެނިހެންވެސް ހުސް ވަގުތުތަކުގައި ގޮސް އުޅޭ ތަނެކެވެ. އަދި މިއީ ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއްވެސް މެއެވެ. މީގެ އިތުރުންވެސް މިތަނަކީ އެކިއެކި ހަފްލާތައް ބާއްވާ ތަނެކެވެ.

ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒަރވް އެއްގެގޮތުގައި 28 އޮކްޓޫބަރ 2020 ގައި ވަނީ ކަނޑައަޅާފައެވެ.

އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ތަނަކަށް ޔުނެސްކޯ އިން ދޭ މިލަޤަބަކީ ތިމާވެށީގެ ގޮތުން އާދަޔާޚިލާފު ޚާއްސަ ސިފަތައް ލިބިގެންވާ ތަންތަނަށް ދެވޭ ޚާއްސަ ލަޤަބެކެވެ.

ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: