ޔޫރޯ 2020 ޓީމް ޕްރޮފައިލް: ޕޮލެންޑް

ޕޯލެންޑް އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާ ކާމިޔާބު ގައުމެއް ކަމަށް ނުބެލެވެއެވެ. އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2008 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އޮސްޓްރިއާ އަދި ސްވިޒަލެންޑްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަަތަމަ ބުރުން ޕޯލެންޑް ކެޓީ އެވެ. އެއަށް ފަހު ޔޫރޯ މުބާރާތަކަށް އެ ގައުމު ކޮލިފައިވީ 2012 ވަނަ އަހަރުގަވެ. އެ އަހަރުގެ މުބާރާތުން ވެސް އެގައުމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ނަމަވެސް އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި އެ ގައުމުން ރަނގަޅު ނަތީޖާތަކެއް ވަނީ ނެރެފައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޮލެންޑް ދަތުރުކުރި އިރު، އެގައުމު ކުއާޓާއިން ކެޓީ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ޕެނަލްޓީގައި ބަލިވެގެންނެވެ.

ކޮލިފައިވި ގޮތް

ޕޯލެންޑް މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ޕޯލެންޑް ބަލިވީ އެންމެ މެޗަކުންނެވެ. ޖުމްލަ 10 މެޗުގެ ތެރެއިން، އަށް މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުކޮށްފަ އެވެ. ޕޯލެންޑްއާ އެންމެ ގާތުން ވާދަކުރި އޮސްޓްރިއާގެ މައްޗަށް އެ ގައުމުން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ހޯދައިފަ އެވެ.

އިޝްތިހާރު Below Header ad

ކޯޗު

afp en 7442091bccb14ef00d533fb66d43a6711ddd4e67

ޕޯލެންޑް ކޯޗު ޕައުލޯ ސޯސާ އަކީ ޕޯޗުގަލްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑެކެވެ. އޭނާ ވަނީ ޕޯޗުގަލްގެ ގައުމީޓީމަށް ގިނަ މެޗުތަކެއް ކުޅެ އިޓަލީގެ މަޝްހޫރު ކުލަބުތަކަށްވެސް ކުޅެފައެވެ. ސޯސާ ޕޯޗުގަލްގެ ޑިފެންސިވް މިޑްފީލްޑަރެކެވެ. އޭނާ 1991 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް ޕޯޗުގަލް ގައުމީޓީމަށް ކުޅެފައިވެއެވެ. މީގެ އިތުރުން ސޯސާ އަކީ އިޓަލީގެ އިންޓަމިލާން، ޔުވެންޓަސް ފަދަ ކުލަބުތަކަށް މޮޅު ކުޅުމެއް ކުޅެދީފައިވާ މީހެއްވެސްމެއެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރު ޕޯޗުގަލްގެ 16 އަހަރުން ދަށުގެ ގައުމީޓިމާއި އެކުގައެވެ. އޭގެ ފަހުން ޔޫރަޕުގެ ބައެއް މަޝްޙޫރު ކުލަބުތަކަށް ކޯޗު ކޮށްދީފައިވެއެވެ. އޭގެތެރޭގައި ލެސްޓާ ސިޓީ، ފިއޮރެންޓީނާ، ބޯޑެކްސް، ބާސެލް ފަދަ ކުލަބުތަކަށް ކޯޗު ކޮށްދީފައިވެއެވެ. ޕޯލެންޑް ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައެވެ. ސޯސާގެ އިރުޝާދުގެ ދަށުން ޕޯލެންޑް މިހާތަނަށް މާގިނަ މެޗުތަކެއް ކުޅެފައެއް ނުވެއެވެ. ސޯސާގެ ކޯޗުކަމުގެ ދަށުން ޕޮލެންޑް މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅޫވެފައިވަނީ އެންމެ މެޗަކުނެވެ.

މުހިންމު ކުޅުންތެރިން

1171775 imgw968

ލެވެންޑޯސްކީ: ޝައްކެއްވެސް ނެތް ގޮތުގައި ލެވެންޑޯސްކީއަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. ގޯލާއި ރައްޓެހި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ އިތުބާރު ފޯވާޑް ލެވެންޑޯސްކީ އަކީ މިފަހަރު ޔޫރޯގައި ވާދަކުރާ ޕޮލެންޑްގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ކުލަބު ފުޓްބޯޅައިގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ލެވެންޑޯސްކީ އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިއާގެ އިތުރުން ޓޮޕް ސްކޯރާވެސް މެއެވެ. އޭނާ ވަނީ އެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި ބަޔާން މިޔުނިކަށް 40 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތާއި އޭނާ ކުރިމަތިލަނީ ރަނގަޅު ފޯމެއްގައި ހުރެގެންނެވެ. 2008 ވަނަ އަހަރު ޕޮލެންޑްގެ ގައުމީޓީމަށް ކުޅެން ފެށި ލެވެންޑޯސްކީ ވަނީ މިހާތަނަށް ޕޮލެންޑްގެ ގައުމީޓީމަށް 118 މެޗު ކުޅެދީ 66 ގޯލް ޖަހާފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތައް ޕޮލެންޑް ކޮލިފައި ކޮށްދިނުމުގައިވެސް ދައުރު ބޮޑެވެ.

އަރްކަޑުއިޒް މިލިޗް: ނަޕޯލީއިން ލޯނެއްގެ ދަށުން ފްރާންސްގެ މާސޭއަށް ކުޅެމުން އަންނަ ފޯވާޑް އަރްކަޑުއިޒް މިލިޗް އަކީ ޕޯލެންޑްގެ ފޯވަޑް ލައިންގައި ލެވަންޑޮވްސްކީއާ އެކު މުހިންމު ރޯލު އަދާކުރާ ކުޅުންތެރިޔާ އެވެ. ނަޕޯލީން ލޯނެއްގެ ދަށުން މިއަހަރު މާސޭއަށް އަށް ބަދަލުވުމުގެ ކުރިން، މިލިޗް ވަނީ ނެދަލޭންޑްސްގެ އަޔަކްސް އާއި ޖަރުމަންގެ އޮގްސްބާގް އަދި ބަޔާ ލޭވަކޫސަން އަށް ކުޅެފަ އެވެ.

ޕޯލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ޕޯލެންޑްގެ ގައުމީ ޓީމަށް މިލިޗް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 60 އަށް ވުރެ ގިނަ މެޗު ކުޅެ، މިލިޗް ވަނީ 15 ލަނޑު ޖަހައިފަ އެވެ.

ގްރެގޯރްޒް ކްރިޗޯވިއަކް: ތަޖުރިބާކާރު މިޑްފީލްޑަރު ކްރިޗޯވިއަކް އަކީ ޕޯލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ޕޯލެންޑްގެ ޓީމަށް 2008 އިން ފެށިގެން ކުޅެމުން އަންނަ ކްރިޗޯވިއަކް ވަނީ ފްރާންސްގެ ބޯޑޯ، ޕީއެސްޖީ އަދި ސްޕެއިންގެ ސެވިއްޔާ އަށް ކުޅެފަ އެވެ. ކްރިޗޯވިއަކް މިހާރު ކުޅެމުން އަންނަނީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއަށެވެ. ކްރިޗޯވިއަކް ވަނީ ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް 79 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި ގައުމީ ޓީމާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ އާއި2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފައެވެ.

ގުރޫޕްގައި އޮތް ފުރުސަތު

ޕޯލެންޑް ހިމެނޭ ގުރޫޕްގައި ދެން އޮތީ ސްޕެއިން އާއި ސްވިޑެން އަދި ސްލޮވާކިއާއެވެ. ކޮލިފައިންގެ ނަތީޖާތަކަށް ބަލާއިރު، ޕޯލެންޑް އަކީ މި ގުރޫޕްގެ އެއް ފޭވަރިޓެވެ. އެކަމަކު ދެން އޮތް ތިން ޓީމަކީ ވެސް ރަނގަޅު ފެންވަރުގެ ތިން ޓީމެވެ. އެހެންކަމުން މި ގުރޫޕުން ދެވަނަ ބުރަށް ކޮލިފައިވުމަކީ ޕޯލެންޑަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ގުރޫޕް ބެލެވެނީ މި ފަހަރުގެ ޔޫރޯގައި އެންމެ ވާދަވެރި އެއް ގުރޫޕްގެ ގޮތުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.