
މިހާރު ނެރެފައި އޮތް ގައިޑްލައިންގެ ދަށުން މަގުމަތީގައި ކަސްރަތު ނުކުރެވޭނެ: ޕޮލިސް
މިހާރު މި ނެރެފައި އޮތް ގައިޑްލައިންގެ ދަށުން މަގުމަތީގައި ކަސްރަތު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، ކަސްރަތަށް ނިކުންނަށް ހުއްދަ ނުދޭނެ ކަމަށެވެ.
ހުއްދަ ހޯދައިގެން ކަސްރަތު ކުރުމަށް މަގު މައްޗަށް ނުކުމެވޭނެ ކަމަށް ބައެއް މީޑިއާގައި ރިޕޯޓުކޮށްފައިވާތީ، އެޓޯލްނިއުސް އިން އެކަން ސާފު ކުރުމަށް އެޗްއީއޯސީގެ ޕްރެސްގައި ސުވާލުކުރުމުން ޝަރީފް ވިދާޅުވީ ޕާމިޓަކުން އެ ހުއްދައެއް ދޫނުވެސް ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި މިހާރުގެ އެއްވެސް ގަޑިއެއްގައި އެކަމެއް ހުއްދަ ނުކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
“އެއްވެސް ހާލަތެއްގައި މިހާރަކު އެއްވެސް ގަޑިއެއްގައި ހުއްދައެެއް ނުކުރަން މަގުމައްޗަށް ނިކުމެ ކަސްރަތު ކުރާކަށް. ދެން ބޭފުޅަކު މަގުމައްޗަށް ނިކުމެ ކަސްރަތު ނުކުރާނެ ވާހަކައެއް ނޫން އަދި ދުވަންވެސް ނުދާނެ ވާހަކައެއް ނޫން. އެހެން ނަމަވެސް އެކުރެވެނީ ގައިޑްލައިނާ ޚިލާފު ކަމެއް.” ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިންވެސް ފިޔަވަޅުތައް ހަރުކަށި ކުރި ދުވަސްތަކުގައި އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތަކާއި ގުޅިގެން ކަސްރަތު ކުރާ މީހުންނަށް ޚާއްސަ ވަގުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ފަތިހު ފަހަކުން ހެނދުނު އަށަކަށް އެ ހުއްދަ ދިން އިރު، އެއީ މާލެ ސިޓީ ލޮކްޑައުންގެ ހާލަތުގައި އޮތް ވަގުތެވެ.
މިހާރު އަމަލުކުރަން ފެށި އާ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ ކާފިއު ހިންގާފަ އެވެ. އަދި ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ އެ ޚާއްސަ ހުއްދައަކާއެކުގަ އެވެ.