ފަލަސްތީނުގެ މައްސަލައިގާ އދ އިން ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި
އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގާ އދ. ގެ ސަލާމަތީ މަޖިލީހުން ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި އެވެ.
މިއަދު ބާއްވަން ކުރިން ނިންމާފައި އޮތް މި ބައްދަލުވުން ފަސްކޮށްފައިވަނީ އަބަދުވެސް އިޒްރޭލަށް ވާގިވެރިވާ މަދަދުގާރު، އެމެރިކާއިން މި ބައްދަލުވުމުގައި ބައިވެރިވާން ޢުޒުރުވެރިވުމުން ނެވެ.
މި ބައްދަލުވުން ފަސްކުރުމަށް ނުވަތަ ނުބާއްވާވޭތޯ ބެލުމަށް އެމެރިކާއިން އަންނަނީ ވަރަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން އަންނަ ހަފުތާއަށް މި ބައްދަލުވުން ފަސްކޮށްދިނުމަށް އެމެރިކާއިން މިހާރުވަނީ އެދިފަ އެވެ.
އެހެންނަމަވެސް ޓިއުނީޝިއާ، ނޯރވޭ އަދި ޗައިނާއިން ބޭނުންވަނީ މި ބައްދަލުވުން ވީހާވެސް އަވަހަކަށް ބޭއްވުމަށެވެ.
އެހެންކަމުން މި މަހުގެ 16 ވާ އާދިއްތަ ދުވަހު މި ބައްދަލުވުން ބޭއްވުމަށް މިހާރުވަނީ ތާވަލުކޮށްފަ އެވެ.
މި ބައްދަލުވުމަށް މިއަދު ޢުޒުރުވެރިވީ ސުލްޙަވެރި ވާހަކަތައް ކުރިއަށް ގެންދިއުމަށް ދެ ޤައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑު-19ގެ ސަބަބުން، އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުންތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ނަމަވެސް ބައްދަލުވުން ބައްދަލުވުން ކުރިއަށް ގެންދެވޭނީ އެ މަޖިލީހުގެ 15 މެންބަރު ޤައުމުގެ ތާއީދު ލިބިގެން ނެވެ.
މިފަހަރުގެ ސަލާމަތީ މަޖިލީހުގެ އަމާޒަކީ ފަލަސްޠީނާއި އިސްރާއީލާއި ދެމެދު އުފެދިފައިވާ މައްސަލައަށް ހައްލެއް ހޯދައި ދިނުން ކަމަށްވާ އިރު، ގިނަ ކުޑަކުދިންނާއި އަންހެނުންގެ ފުރާނަ ގެއްލެމުންދާ މި ހަމަލާތައް ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމަށް އެމެރިކާއިން ވެސް ވަނީ ކުރިން ވަނީ ބުނެފައެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއެކު އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަލުގައި މިހައިތަނަށް 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.
މި ޙަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން މިހައިތަނަށް ވަނީ ޒަޚަމްވެފަ އެވެ.