ހަމްދަރުދީވުމަށް ނަބިއްޔާ ނަމޫނާ ދެއްކެވީ ކިިހިނެތް؟

ހަމްދަރުދީވުމުގެ ވިސްނުމާ އަޅުގަނޑުމެން މިވަނީ ކިތަންމެހާވެސް ދުރުގައެވެ. އަދި އެކަން އަމަލުން ދެއްކުން އޮތީ މާ ދުރުގައެވެ. ބައެއް ފަހަރު އެ ބަހުގެ މާނަވެސް އަޅުގަނޑުމެންނަށް ނޭނގެއެވެ. އަޅުގަނޑުމެންނަށް އެނގޭހާވެސް އެއްޗަކީ އެއީ ސިމްޕަތީ އާ ގާތްކުރާ ކަމެއް ކަމެވެ. ސިމްޕަތީ އަކީ މީހަކު ހުރި ހާލަތެއް ދެނެގަތުމެވެ ނުވަތަ އެހެން މީހަކަށް ލިބޭ ތަދު ބަލައިގަތުމެވެ.

ނަމަވެސް އެމްޕަތީ ނުވަތަ ހަމްދަރުދީވުމަކީ އެ މީހެއްގެ ތަދު އަމިއްލައަށް އިހުސާސް ކުރުމެވެ. އެ މީހެއްގެ ތަދު ތިމާގެ ނަފްސަށް އިހުސާސް ކުރުމެވެ. މާތް ނަބިއްޔާ ﷺ ވަނީ ހަމްދަރުދީގެ މި ރީތި އާދަޔާޚިލާފު ސިފަ އިންތިހާއަށް ދައްކަވައިދެއްވާފައެވެ. އެކަލޭގެފާނު ތަފާތު މީހުންނާ މެދު މި ހަމްދަރުދީ އިސްކުރެއްވި ގޮތުގެ ބައެއް މިސާލުތައް އަވަސް އަވަހަށް ހިއްސާކޮށްލާނަމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަބޫޖަހުލަކީ ރަސޫލާ ﷺ އާއި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރި މީހާއެވެ. އޭނާއަކީ ހަމައެކަނި އީމާންވީތީ މުސްލިމުން މަރައި އަނިޔާކުރި މީހެކެވެ. އަދި ރަސޫލާ ﷺ އަވަހާރަކޮށްލުމަށް ރޭވި އެތައް ރޭވުމެއްގެ އިސް މޭސްތިރިއެވެ.

އެންމެ ފަހުން އެކަލޭގެފާނާއި ގިނަ އަދަދެއްގެ މުސްލިމުން މަރާލުމުގެ ނިޔަތުގައި ލަޝްކަރެއް ގޮވައިގެން ހަނގުރާމައިގެ މައިދާނަށް ނިކުމެ އެ ގޮތުގައި ހުރެ އޭނާ މަރުވެގެން ދިޔައެވެ.

އޭނާގެ ދަރިފުޅު އިކްރިމާ އަކީ އޭނާގެ ބައްޕަގެ އަރިހުގައި ހުރެ ހަނގުރާމަކޮށް ބައްޕަ މަރުވުމަށްފަހުވެސް އެ މަސައްކަތުގައި ދެމިހުރި މީހެކެވެ.

މައްކާ ފަތަހަކުރެއްވުމަށްފަހު އިކްރިމާ ރަސޫލާ ﷺ އާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާކަމުގެ ޚަބަރު ލިބުމުން އެކަލޭގެފާނު ސަހާބީންނަށް ދެންނެވި އެވެ.

އިކްރިމާގެ ބައްޕަގެ އަސްލު ނަމަކީ ޢަމްރޫ އެވެ. އޭނާގެ ޤައުމުގެ މީހުން އޭނާއަށް ’އަބުލް ހަކަމް‘ އޭ ކިޔައި އުޅުނެވެ. ނަމަވެސް އޭނާގެ އަމަލުތައް ހުރިގޮތުން މުސްލިމުން އޭނާއަށް ’އަބޫޖަހުލު‘ (ޖާހިލުކަމުގެ ބައްޕަ) އޭ ކިޔައި އުޅުނެވެ.

ރަސޫލާ ﷺ ސަހާބީންނަށް އިރުޝާދު ދެއްވިއެވެ. އިކްރިމާ ވަޑައިގަންނަވާއިރު އޭނާގެ ކުރިމަތީގައި އޭނާގެ ބައްޕައަށް ’އަބޫޖަހުލު‘ އޭ ކިޔައި މުޚާތަބު ނުކުރާށެވެ. އެއީ އޭނާގެ ހިތަށް ތަދުވާނެތީއެވެ.

އޭނާގެ އަޚުންނާއި އުޚުތުން އޭނާގެ ބައްޕައަށް ނުބައި ނަމަކުން ގޮވާ އަޑު އިވުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ހިތާމައެކެވެ. އެހެންކަމުން އޭނާގެ ހާޒިރުގައި އެ ނަން ބޭނުން ނުކުރާށެވެ.

މިއީ ރަސޫލާ ﷺ ގެ އޯގާތެރިކަމެވެ. އެކަލޭގެފާނު އެހެން މީހެއްގެ މަގާމުގައި ހުރެ އެ މީހަކަށް އެ ހާލަތުގައި ކުރެވޭނެ އިހުސާސްތައް ދެނެގަތެވެ.

މަދީނާގައި ހުރި މުނާފިގުންގެ ވެރިޔާ ޢަބްދުﷲ ބިން އުބައްޔު މަރުވުމުން އޭނާގެ ދަރިފުޅު ރަސޫލާ ﷺ ގެ އަރިހަށް އައެވެ. އޭނާގެ ބައްޕައަކީ ރަސޫލާ ﷺ އާ ދެކޮޅުވެރިވެ ހުތުރު ބަސްތައް ރައްދުކުރި މީހެއްކަން އެނގޭ ހާލުގައެވެ.

ނަމަވެސް އެއީ އޭނާގެ ބައްޕަ ކަމަށްވުމުން އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ. އެހިނދު ރަސޫލާ ﷺ ވަގުތުން ލައިގެން ހުންނެވި ގަމީސްކޮޅު ބާލުއްވައި އޭނާގެ ބައްޕަ ކަފުންކުރުމަށް ދެއްވިއެވެ.

ރަސޫލާ ﷺ ގެ ގަމީސްކޮޅަކުން ކަފުންކުރެވުމަކީ ކިހާ ބޮޑު ޝަރަފެއް ހެއްޔެވެ؟ ކިހާ ބޮޑު ބަރަކާތެއް ހެއްޔެވެ؟ މާތްﷲ އެކަމުގެ ސަބަބުން އޭނާގެ ފާފަ ނުފުއްސަވާނެކަން އެނގިވަޑައިގެން ހުންނަވައިވެސް ރަސޫލާ ﷺ އެވަގުތު ވިސްނެވީ އެ ދަރިފުޅާ މެދުގައެވެ. ބައްޕަ ވަކިވެދިޔުމުން އެ ދަރިފުޅަށް ކުރެވޭނެ އިހުސާސްތަކާ މެދުގައެވެ. އެއީ ހަމްދަރުދީއެވެ.

އަދި އެކަލޭގެފާނުގެ ކާފަދަރިކަލުން ޙުސައިންގެފާނުގެ ވާހަކައަކީވެސް ވަރަށް އަސަރުގަދަ ވާހަކައެކެވެ. ޙުސައިންގެފާނަކީ ކުޑައިރު ވާހަކަދެއްކުމުގައި ތުރުތުރުއެޅުމެއް ނުވަތަ އުނދަގޫތަކެއް ހުންނަ ބޭފުޅެކެވެ.

އެކަލޭގެފާނަށް ޖުމްލައެއް ފުރިހަމަ ކުރަންވެސް ވަރަށް ގިނަ ވަގުތު ނަގައެވެ. ކުޑަ ކުއްޖަކަށް މިއީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. ވަކިން ޚާއްޞަކޮށް ބޮޑުބޭފުޅާ ޙަސަންގެފާނަކީ ވާހަކަދެއްކުމުގައި ފަރިތަ މޮޅު ބޭފުޅަކަށް ވުމުން ކުރިމަތިވާ ފިއްތުންތައް ބޮޑުވާނެއެވެ.

އެއްދުވަހަކު ރަސޫލާ ﷺ އަރިހުގައި ސަހާބީން ތިއްބަވަނިކޮށް ޙުސައިންގެފާނު އެއްޗެއް ވިދާޅުވާން ފެއްޓެވިއެވެ. ރަސޫލާ ﷺ އަކީ މީހަކު ވާހަކަދައްކާނަމަ މުޅި ހަށިކޮޅު އެ މީހަކަށް އަނބުރާލައްވައި ވަރަށް ފަރުވާތެރިކަމާއެކު އަޑުއައްސަވާ ބޭފުޅެކެވެ.

ޙުސައިންގެފާނު ވާހަކަދައްކަވަން ފެއްޓެވުމުން އެކަލޭގެފާނުގެ އުނދަގޫކަމުން މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އުނދަގޫ އިހުސާސް ކުރެވި އެކަކު އަނެކަކަށް ބަލަން ފެށުނެވެ.

ނަމަވެސް ރަސޫލާ ﷺ ދުވަހަކުވެސް އެކަލޭގެފާނުގެ ވާހަކަ މެދުކަނޑައެއް ނުލައްވައެވެ. އަދި ޖުމްލަ ފުރިހަމަ ކޮށްދެއްވުމަށްވެސް މަސައްކަތެއް ނުކުރައްވައެވެ. ސަހާބީން ވިދާޅުވާ ގޮތުގައި ރަސޫލާ ﷺ އިންނެވީ ވަރަށް ބޮޑު ހިނިތުންވުމަކާއެކު ޙުސައިންގެފާނަށް ބައްލަވާށެވެ.

އެކަލޭގެފާނުގެ ވާހަކަ ނިމުމުން މަޖިލީހުގައި ތިއްބެވި މީހުންނަށް ރަސޫލާ ﷺ ވިދާޅުވީ މިއީ މޫސާގެފާނުގެ ކިބައިން ވާރުތަވެފައިވާ ސިފައެއް ކަމަށެވެ. އެހެންކަމުން އެކަމާ ދެރަނުވުމަށާއި ބޮޑުވެގެންވާ ނަބިއްޔަކާ އެއްގޮތް ސިފައެއް ހުރުމުން އެކަމާ އުފާކުރުމަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު އެ ނުކުޅެދުންތެރިކަން މަތިވެރި ސިފައަކަށް ބަދަލުކޮށްދެއްވައި އެ ކުއްޖާއަށް ބޭނުންވި ލޯތްބާއި ހިތްވަރު ދެއްވިއެވެ.

އެންމެ ފަހުގެ ވާހަކައަކީ ބަޝީރުގެފާނުގެ ދަރިފުޅުގެ ވާހަކައެވެ. ހަނގުރާމައަކުން އެނބުރި އައި ލަޝްކަރު ބަލައި ރަސޫލާ ﷺ މަދީނާގެ ބޭރަށް ނިކުމެވަޑައިގަތެވެ. ކުޑަކުދިންތައް އެކުދިންގެ ބައްޕައިންނާއި ތިމާގެ މީހުންގެ އިންތިޒާރުގައި ތިއްބެވެ.

ބަޝީރުގެފާނުގެ ދަރިފުޅުވެސް ހިލަގަނޑެއްގެ މައްޗަށް އަރައި ބައްޕަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން ރަސޫލާ ﷺ އެ ލަޝްކަރުގެ އެންމެ ފަހަތުގައި ވަޑައިގަންނަވަނިކޮށް ފެނުމުން އޭނާގެ ބައްޕަ އެނބުރި ނާންނާނެކަން އެނގި އޭނާ ރޯން ފެށިއެވެ.

ރަސޫލާ ﷺ ވަގުތުން ސަވާރީ މަޑުކުރައްވައި އެ ކުއްޖާ އުރާލައްވައި އޭނާގެ ރުއިން ހުއްޓެންދެން ބައްދާލައިގެން ހުންނެވިއެވެ. އަދި ވިދާޅުވީ ”މިއަދުން ފެށިގެން ތިމަންކަލޭގެފާނަކީ ކަލޭގެ ބައްޕަ ކަމުގައި އަދި އައިޝަތުގެފާނަކީ ކަލޭގެ މަންމަ ކަމުގައި ވުމަށް ނޭދެން ހެއްޔެވެ؟“

އެހެން މީހެއްގެ ދަރިއަކު އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަކީ ހަމްދަރުދީގެ އެންމެ މަތިވެރި ނަމޫނާއެވެ. މި ސިފައަކީ އިންސާނާގެ އަޚްލާގާއި އުޅުން ރީތިކޮށްދޭ ރަސޫލާ ﷺ ގެ ސިފަފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.