
55 ކުޅުންތެރިންނާއެކު ”ހަނދު ރުނބާ ޗެލެންޖް“ ފަށައިފި
ޤަލަމް ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ”ހަނދު ރުންބާ ޗެލެންޖް 2026“ އދ. ދަނގެތީގައި ބުދަ ދުވަހު ރަސްމީކޮށް ފަށައިފި އެވެ. މި ފުޓްސަލް މުބާރާތުގައި ޖުމްލަ ހަ ޓީމަކުން 55 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.
މިއީ ޤަލަމް ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަނގެތީ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 8 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި ފުޓްބޯޅައަށް އޮތް ލޯބި އިތުރުކޮށް އެކުދިންގެ ހުނަރު ދައްކާލުމަށް ފުރުސަތު ހޯދައިދިނުމެވެ. އަދި ވާދަވެރި ކުޅިވަރުގެ މާހައުލެއްގައި ތަޖުރިބާ ހޯދައިދިނުމަކީވެސް މި މުބާރާތުގެ ބޭނުމެކެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ”އެލީޓް އެފްސީ“ އާއި ”ކޮމިމޯސް“ ބައްދަލުކޮށް 1-3 އިން މެޗު ކާމިޔާބުކުރީ އެލީޓް އެފްސީ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެލީޓް އެފްސީގެ އަޙްމަދު އަލްޔާން އަރީފް ޔޫސުފެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ”ބްލެކް އީގަލް“ އިން ”ޔަންގް ސްޓްރައިކާސް“ އާ ބައްދަލުކޮށް 2-7 ގެ ބޮޑު ތަފާތަކުން ވަނީ ކުރިހޯދާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލެކް އީގަލްގެ ޢަބްދުﷲ އަލާން ބިން އުޘްމާނެވެ.
މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން 55 ކުޅުންތެރިން ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ގަލަމް ސްޕޯޓްސް އެކަޑަމީގެ މި އިސްނެގުމުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހާއި ގުޅިގެން މަސައްކަތްކުރުމުގެ އާދަ އަދި ދުޅަހެޔޮ ވާދަވެރިކަން އާލާކުރުމެވެ.
މީގެ އިތުރުން މިއީ ދަނގެތީގައި ތިބި ފުޓްބޯޅައިގެ އުއްމީދީ ހުނަރުވެރިންނަށް އެކުދިންގެ ގާބިލިއްޔަތު ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ.



