އިސްރާއީލުން ގައްޒާގެ ފިނި މޫސުމުގެ ”ނާމާންކަން“ އުފައްދާފައިވާ ގޮތް

ލަސްލަހުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަލުވިކުރުން، އިސްރާއީލުން ގައްޒާގެ ފިނި މޫސުމުގެ "ނާމާންކަން" އުފައްދާފައިވާ ގޮތް

އޮކްޓޯބަރު މަހު އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް އެޅި ހުރަސްތަކާއެކު ގައްޒާއަށް އެތެރެކުރާ އެހީގެ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު އެތައް ހާސް ފޭލިގެއެއް ގައްޒާއިން ބޭރުގައި ހުރި ގުދަންތަކުގައި ތަޅުލެވިފައިވާ ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފި އެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން ތުއްތު އިހާބު މުޙައްމަދު ޙަމަދު މަރުވެފައި އޮއްވާ އޭނާގެ މަންމައަށް ފެނުނުއިރު ފިނީގެ ސަބަބުން އެ ކުއްޖާގެ ތުންފަތާއި އިނގިލިތައް ހުރީ ނޫވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަ މަހުގެ މި ތުއްތު ކުއްޖާ މަރުވީ އެ އާއިލާ ދިރިއުޅެމުންދިޔަ ފޭލިގޭގެ ތެރެއަށް ފެންބޮޑުވެ ގަދަ ފިނީގެ ސަބަބުންނެވެ.

”އެ ކުއްޖާ ހޫނުކޮށް ބޭއްވުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަދި ކިތަންމެ ވަރަކަށް ކަވަރު ކުރި ނަމަވެސް އެއްވެސް އަސަރެއް ނުކުރި،“ ފަލަސްތީނުގެ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ’ސަމީރު ޕްރޮޖެކްޓް‘ އިން އާންމުކުރި ވީޑިއޯއެއްގައި އެ ކުއްޖާގެ މާމަ ބުންޏެވެ.

އެ ޖަމިއްޔާއިން އެ އާއިލާއަށް ފޭލިގެއެއް ފޯރުކޮށްދިން ނަމަވެސް އެތަނުގައި މަސައްކަތްކުރާ ހާލާ ސައްބާޙް ބުނިގޮތުގައި މި ހިތާމަވެރި ހާދިސާއަށް ދުނިޔޭގެ ސަމާލުކަމެއް ނުލިބުނެވެ. ”މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެކެވޭތީ އަހަރެން ވަރަށް ބޮޑަށް މާޔޫސްވި،“ ހާލާ ބުންޏެވެ.

އެހީން މަހްރޫމްކޮށްފައިވާ ގައްޒާގައި ގަދަ ފިންޏާއި ތޫފާންތަކުގެ ތެރޭގައި ތުއްތު ކުދިން މަރުވުމަކީ މިހާރު ކޮންމެ އަހަރަކު ތަކުރާރުވާ ހިތާމަވެރި ކަމަކަށް ވަނީ ވެފަ އެވެ.

ގައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާއިރު ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެތި އެ ސަރަހައްދަށް އެތެރެކުރުން އޮތީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.

މީގެ ސަބަބުން ގައްޒާގެ އާބާދީގެ 65 އިންސައްތަ (ގާތްގަނޑަކަށް 1.4 މިލިއަން މީހުން) އުޅެން މަޖުބޫރުވެފައިވަނީ ފެންބޮޑުވެފައިވާ ވަގުތީ ހިޔާތަކާއި ފޭލިގެތަކުގައި ނުވަތަ ވެއްޓުމުގެ ބިރު އޮތް ބޯހިޔާވަހިކަމެއް ނެތް އިމާރާތްތަކުގަ އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ފިނި މޫސުމުގެ އަސަރު ގަދަވި ނަމަވެސް އެހީގެ ތަކެތި ނުލިބުމަކީ ގަސްތުގައި އިންސާނުން އުފައްދާފައިވާ މައްސަލައެކެވެ.

މިއީ އިސްރާއީލުން ގައްޒާގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ބޭނުންކުރާ ހަތިޔާރެކެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ގައްޒާއަށް ބޯހިޔާވަހިކަމުގެ ތަކެތި އެތެރެކުރުން ހިފަހައްޓާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ފޭލިގެ ޖަހާ ދަގަނޑާއި ވަގުތީ ގެތަކަކީ ”ދެގޮތަކަށް ބޭނުންކުރެވިދާނެ“ ތަކެތި ކަމަށް ބުނެ އެތެރެކުރުން މަނާކުރެ އެވެ.

އދ. ގެ އޯޗާ އިން ހާމަކުރި ގޮތުގައި ގައްޒާއަށް އެތެރެކުރުމަށް 150,000 ފޭލިގެ ގައްޒާއިން ބޭރުގައި ތައްޔާރީ ހާލަތުގައި އެބަހުއްޓެވެ.

”އެތައް ހާސް ފޭލިގެއަކާއި، ފިނި މޫސުމަށް ބޭނުންވާ ކޯޓާއި ފޮތިގަނޑުތައް ފުރިފައި ހުރި ލޮރީތައް ގުދަންތަކުގައި އެބަހުރި. އެތަކެތި އެތެރެނުކުރެވިފައި ވަނީ ހަމައެކަނި އިސްރާއީލުން ދޭންޖެހޭ ހުއްދަ ނުލިބިގެން،“ އދ. ގެ ރެފިއުޖީ އެޖެންސީ ގެ ޑައިރެކްޓަރު ޝޯން ޖޯންސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ގަސްތުގައި އެހީ ލަސްކުރުމަށް ކުރިއަށްގެންދާ ރޭވުންތެރި މަސައްކަތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.