
އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވަން ބައްސާމް ނިންމަވައިފި.
ހުސްވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްކަމަށް މިހާރުވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.
އަންނަ ނޮވެމަބަރ މަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތި ލައްވާނެކަން ބައްސާމް އިއުލާން ކުރައްވަވާފައިވާއިރު އޭނާ އަކީ މި އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރެއްވި ހަމައެކަނި ކެނޑިޑޭޓުކަން ފާހަގަކޮށްލެވެއެވެ.
\އަދި މިހާތަނަށް އިތުރު ފަރާތަކުން އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން އިއުލާންކޮށްފައި ނުވާއިރު އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެއެވެ.
އިންތިހާބުގައ ވާދަކުރައްވާނެކަން އިއުލާނުކުރުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ އޭނާ އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވީ ގިނަ ބަޔެއްގެ އެދެމާއި އާދޭހާއި އެކުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ އުއްމީދާއެކުގައި ކަމަށެވެ.
ބައްސާމަކީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވަމުން އަންނަ ފަރާތްކަންވެސް ފާހަގަކޮށްލެވެއެވެ. ބައްސާމް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ މިދިޔަ އަހަރު ކުރީކޮޅު އެވެ. ބައްސާމްއަކީ އެފްއޭއެމުގެ އިންތިހާބު ބާއްވަން ފީފާއިން ނެގި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސްކަން ވެސް ކުރެއްވާފައިވާ ބޭފުޅެކެވެ.
އެފްއޭމުގެ އާއިންތިހާބެއް އަލުން ބާއްވަން ނިންމާފައިވަނީ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުންގެންދަވާ ޓޮމްގެ މަގާމު ގެއްލުމުންނެވެ.



