
ޕެރަގުއޭ އަތުން ބަލިވެ އާޖެންޓީނާ ހޫނުފެނަށް..
2018 ގައި ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބައްރުގެ މެޗުތަކަށް ބަލާއިރު އެސަރަހައްދުގައި ވެސް ރޭ ވަނީ މެޗުތަކެއް ކުޅެވިގެން ގޮސްފައެވެ. އެގޮތުން ބުރެޒިލް އާއި ޗިލީ ކުޅުނު މެޗުތަކުން މޮޅުވިއިރު އާޖެންޓީނާ ވަނީ ޕެރަގުއޭ އަތުން ބަލިވެފައެވެ.

މެސީއާ ނުލާ ކުޅުނު މި މެޗުން އާޖެންޓީނާ 0-1 ގެ ނަތީޖާއިން ޕެރަގުއޭ އަތުން ބަލިވިއިރު ބުރެޒިލް ވަނީ 0-2 ގެ ނަތީޖާއިން ވެނެޒުއެލާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ޗިލީވަނީ 1-2 ގެ ނަތީޖާއިން ޕެރޫގެ މައްޗަށް ކުރި ހޯދާފައެވެ.
އާޖެންޓީނާގައި ކުޅުނު މިމެޗުގައި އެޓީމުގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ގިނަވަގުތު ބޯލަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދާ ފައިވަނީ އާޖެންޓީނާއިންކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ޕެރަގުއޭއިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލަނޑުޖަހާ މެޗުގެ ލީޑުހޯދާފައެވެ. ގޮންޒާލޭޒްގެ މި ލަނޑުން ޕެރަގުއޭއަށް ލީޑު ލިބިފައިވާއިރު އެޓީމުން މި ލީޑާއެކު ކުޅެމުން ގެންދިޔައީ ޑިފެންސިވް ކުޅުމެއްކަން ފާހަގަކޮށްލެވެއެވެ.
ޕެރަގުއޭގެ މި ލަނޑަށް ފަހުވެސް މޮޅައްކުޅެ ގިނަ ހަމަލާއުފައްދާ ފައިވަނީ އާޖެންޓީނާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިންމާލީ ޕެރަގުއޭ ލީޑުގައި އިވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ އާޖެންޓީނާއަށް ނަތީޖާ ނެރެން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕެރަގުއޭގެ ގޯލަށް ޖުމްލަ 14 ހަމަލާއެއް ފޮނުވާލާފަވެއެވެ. އެހެން ނަމަވެސް ގޯލާ އަމާޒުވީ 8 ހަމަލާއެވެ. މި ހަމަލާތަކުގެ ހުރަކައްވީ މެޗުގައި މޮޅުކުޅުމެއް ދެއްކި ތަޖުރިބާކާރު ގޯލްކީޕަރު ޖުސްޓޯ ވިލްމަރ އެވެ.

ރޭގެ މި ނަތީޖާއާ އެކު އާޖެންޓީނާ ވަނީ 5 ވަނައަށް ވެއްޓިފައެވެ. އާޖެންޓީނާ 5 ވަނާގައި އޮތީ 16 ޕޮއިންޓާ އެކުގައެވެ. އެއްވަނާގައި 21 ޕޮއިންޓާއެކު އޮތީ ބުރެޒިލްއެވެ. 20 ޕޮއިންޓާއެކު ދެވަނާގައި އުރުގުއާއި އޮތްއިރު ތިންވަނާގައި 17 ޕޮއިންޓާއެކު އޮތީ އެކުއެޑޯއެވެ. އެކުއެޑޯއާ އެއްވަރަކަށް ޕޮއިންޓްލިބިގެން ގޯލްގެ ތަފާތުން ހަތަރުވަނާގައި އޮތީ ކޮލަމްބިއާއެވެ.
އާޖެންޓީނާ ދެން ބައްދަލުކުރަން ޖެހޭނީ ބުރެޒިލްއާއެވެ. މި މެޗު ކުޅޭނީ އަންނަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު ބުރެޒިލްގައެވެ.



