
ބިހަށް އިތުރު ފުރިހަމަކަމެއް: އެގް ގީ ރޯސްޓް
އާންމުކޮށް ތައްޔާރުކުރާ ބިސް ރިހައިގެ ބަދަލުގައި، ތަފާތު ރަހައެއް ބޭނުންނަމަ ”އެގް ގީ ރޯސްޓް“ ތައްޔާރުކޮށްލާށެވެ.
ކެއްކި ބިހާއި، ގީ، ފިޔާ، ލޮނުމެދު، ހިކަނދި ފަތް އަދި އާންމުކޮށް ބޭނުންކުރާ ބައެއް ހަވާދު ބޭނުންކޮށްގެން ތައްޔާރުކުރާ މި ކެއުމަކީ، މާ ގިނަ ތައްޔާރީތަކެއް ނުވެ، ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.
އެންމެ ފުރަތަމަ ތަވައަކަށް ދެ ސައިސަމުސާ ގީ އަޅައި، މެދު މިންވަރެއްގެ ހޫނުމިނެއްގައި ހޫނުކޮށްލާށެވެ.
ތިން ބިސް ކެއްކުމަށްފަހު، ބިހުގެ ބޭރުފަށުގައި ކުޑަކޮށް ކަފާލާށެވެ. ދެން މި ބިސްތައް ހޫނު ގީގެ ތެރެއަށް އަޅައި، ބޭރުފަށް ރަން މުށިކުލަ އަރަންދެން ރަނގަޅަށް ތެލުލާށެވެ.
ބިސްތައް ރަތްވުމުން ތަވައިން ނަގައި ވަކިން ބަހައްޓާށެވެ.
މިގޮތަށް ބިސް ތެލުލުމުން ބިހުގެ ބޭރުފަށް ކުޑަކޮށް މުރުމުރުވާނެ އެވެ. އަދި ފަހުން މަސާލާގަނޑުގެ ރަހަ ބިހަށް ދަމައިގަތުމަށް އެހީތެރިވެދޭނެ އެވެ.
ބިސް ތެލުލި ތަވާގައި މަސާލާގަނޑު ތައްޔާރުކުރުމުން، ގީ އާއި ބިހުގެ ރަހަ އޭގައި ހުންނާނެ އެވެ.
ތަވައިގެ ތެރެއަށް މުށެއްހާ ހިކަނދިފަތް، އެއް ސައިސަމުސާ ރެވި އަޅާލާށެވެ. ރެވިތައް ގޮވަން ފެށުމުން، ކޮށާފައިހުރި ފެހި މިރުހަކާއި، ކޮށާފައިވާ ފިޔައެއްގެ އިތުރުން ހަތް ލޮނުމެދު (ކޮށާފައި) އަޅާލާށެވެ.
ފިޔާކޮޅު މަޑުވެ، ރަން މުށިކުލަ އަރަންދެން މީރުކުރަމުން ގެންދާށެވެ. ލޮނުމެދާއި ހިކަނދިފަތުގެ ސަބަބުން މި ކެއުމަށް ވަރަށް މީރު ވަހެއް ލިބޭނެ އެވެ.
ފިޔާކޮޅު ތައްޔާރުވުމުން، އޭގެ ތެރެއަށް ހަވާދު އަޅާށެވެ.
އެގޮތުން އެއް ސައިސަމުސާ ކޮތަނބިރި ފުށް، ބައި ސައިސަމުސާ ރީނދޫ، އެއް ސައިސަމުސާ ގަރަމް މަސާލާ އަދި އެއް ސައިސަމުސާ ލޮނު އަޅާށެވެ.
ހަވާދުތައް ފިޔާކޮޅާ އެކު ރަނގަޅަށް އެއްވަންދެން ހަލުވަމުން ގެންދާށެވެ. ހަވާދުކޮޅު އަނދައިގެން ނުދާނެހެން ގިނި މަޑުކޮށް ބަހައްޓަން ސަމާލުކަން ދޭށެވެ.
ތަވައިގެ ތެރެއަށް ގާތްގަނޑަކަށް 100 މިލިލީޓަރުގެ ފެން އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
މަސާލާގަނޑު އޮލަވަންދެން ކުޑަވަގުތުކޮޅަކު މަޑު ގިނީގައި ކައްކާލާށެވެ. ބޭނުމަކީ ދިޔާ ރިހައެއްގެ ބަދަލުގައި، ބިހުގައި ހޭވޭވަރުގެ އޮލަ މަސާލާގަނޑެއް ތައްޔާރުކުރުމެވެ.
ކުރިން ތެލުލި ބިސްތައް ތިން ފަޅި އަށް ކަފާލުމަށްފަހު، ތައްޔާރުކުރި މަސާލާގަނޑުގެ ތެރެއަށް މަޑުމަޑުން އަޅާލާށެވެ.
ބިސްތައް ފުނޑުނުވާނެހެން، ހުރިހާ ބިހެއްގައި މަސާލާގަނޑު އެއްވަރަކަށް ހޭވޭނެހެން މަޑުމަޑުން އެއްކޮށްލާށެވެ. އަދި ރަހަ ބިހަށް ހިފަންދެން ކުޑަވަގުތުކޮޅަކު ކައްކާލާށެވެ.
ބިސްތަކުގައި މަސާލާ ރަނގަޅަށް ހޭވުމުން، އެންމެ ފަހު ފަހަރަށް މަޑުމަޑުން އެއްކޮށްލާށެވެ.
ގީގެ ސަބަބުން މި ކެއުމަށް މީރު ރަހައެއް ލިބޭއިރު، ހިކަނދިފަތް، ލޮނުމެދު، ފެހި މިރުސް އަދި ހަވާދުގެ ސަބަބުން ރަހަ އިތުރަށް ފުރިހަމަވާނެ އެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން، މައްޗަށް ކޮށާފައިވާ ކޮތަނބިރި ފަތްކޮޅެއް ބުރުއްސާލުމަށްފަހު، ކުޑަކޮށް ހޫނުކޮށް ކާލާށެވެ.



