
ތުރުކީގެ ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމުތައް ސަޢޫދީއަށް
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ތުރުކީގެ ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމުތައް ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވަނީ އެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިންނާއި، ޕައިލެޓުން އަދި މަތިންދާބޯޓުތައް ފޮނުވުމަށް އަންކާރާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި އިތުރު ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
ހޫޘީންގެ ހަމަލާތައް އިތުރުވަމުންދާތީ، ސަޢޫޫދީ ޢަރަބިއްޔާއަށް ދޭ އަސްކަރީ އެހީތެރިކަން އިތުރުކޮށް، ސިފައިންނާއި ދިފާއީ އާލާތްތައް ފޮނުވުމަށް ތުރުކީން ރާވަމުންދާކަން އެ ޤައުމުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ތުރުކީ، ޕާކިސްތާން އަދި ސަޢޫދީ ޢަރަބިއްޔާއިން ހޯމަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ”މައްކާ އެލަޔަންސް ފޯ ޑިފެންސް“ ގެ ދަށުން އެއްބަސްވެފައިވާ ދިފާއީ ޒިންމާތައް ވަގުތުން ތަންފީޒުކޮށް، ސަޢޫދީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްބަސްވެފައިވާ އަސްކަރީ ބާރުތައް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އަންކާރާގެ ރޭވުންތަކާ ބެހޭ މައުލޫމާތު އެނގޭ ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސަޢޫދީގެ ހަކަތަ އުފައްދާ މަރުކަޒުތައް ހިމެނޭހެން މުހިންމު ބިނާތައް ހިމާޔަތްކުރުމަށްޓަކައި، މިދިޔަ އަހަރުން ފެށިގެން ތުރުކީގެ ޓެކްނިކަލް ޓީމުތަކާއި، ވައިގެ ދިފާއީ ނިޒާމުތައް އަދި އިލެކްޓްރޯނިކް ހަނގުރާމައިގެ އާލާތްތައް އެ ޤައުމުގައި ދަނީ ބޭނުންކުރަމުންނެވެ.
ތުރުކީގެ އިސް އޮފިޝަލަކު ވިދާޅުވީ، އިތުރު އާލާތްތަކާއި، ޓެކްނީޝަނުންނާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުގެ އިތުރުން ހަނގުރާމަވެރި ސިފައިން ވެސް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، 2010 ވަނަ އަހަރު ސައޫދީއާއި ތުރުކީއާ ދެމެދު ވެފައިވާ އަސްކަރީ ތަމްރީނު އެއްބަސްވުމުގެ ދަށުން، ޓެކްނިކަލް ބޭނުންތަކަށް މަދު އަދަދެއްގެ ސިފައިން ފޮނުވުމުގެ ބާރު އަންކާރާއަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް، އިތުރު ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނުއަސާސީގެ ދަށުން ޕާލަމެންޓުގެ ހުއްދަ ބޭނުންވާނެ އެވެ.
”މައްކާ މުއާހަދާ ވެސް ތަސްދީޤްކުރަން ޖެހޭ، އެކަމަކު އަޅުގަނޑުމެން އިސްކަންދޭނީ އަސްކަރީ ބާރުތައް ފޮނުވުމުގެ ހުއްދަ ހޯދުމުގެ ބިލަށް،“ އޮފިޝަލް ވިދާޅުވި އެވެ.
ތުރުކީގެ ދެވަނަ އޮފިޝަލަކު ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް ދިފާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން އެއް ކޮމާންޑް ބޭސްގައި ތުރުކީގެ ސިފައިން ޤާއިމުވެ ތިބުމަށް ރާވާފައިވާ ކަމަށެވެ.
”ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެކްނިކަލް ޓީމުތަކުން ވަނީ ކޮމާންޑް ބޭސް މަޝްރޫއުގެ މަސައްކަތްތައް ސަޢޫދީގައި ކުރިއަށް ގެންގޮސްފައި. އަދި މައްކާ ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުނުއިރު އެ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައި،“ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މި މަހުގެ ފަހުކޮޅު ތުރުކީގެ ޕާލަމެންޓުން ހުއްދަ ދިނުމުން، ތުރުކީގެ ޚާއްޞަ ސިފައިންގެ (ސްޕެޝަލް ފޯސަސް) މަދު ބަޔަކު ސަޢޫދީއަށް ފޮނުވޭނެ އެވެ.
މިކަމާ ބެހޭ މައުލޫމާތު ހުރި އެހެން މަސްދަރުތަކުން ބުނާ ގޮތުގައި، ޕާލަމެންޓުގެ ހުއްދަ ލިބުމާއެކު، ޔަމަނުގެ ހޫޘީން ފޮނުވާ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ތަޖުރިބާކާރު ޕައިލެޓުންނާއި މަތިންދާބޯޓުތައް ސަޢޫދީއަށް ފޮނުވާނެ އެވެ.
”ބޮޑު އަސްކަރީ ފައުޖެއް ފޮނުވުމުގެ ނުވަތަ ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ސީދާ ވަނުމުގެ އެއްވެސް ވިސްނުމެއް ނެތް،“ އިސް އޮފިޝަލް ވިދާޅުވި އެވެ.
އަންކާރާއިން އަދިވެސް ޤަބޫލުކުރަނީ ކުރިއަށް އޮތް މަސްތަކުގައި ސިޔާސީ ހައްލެއް ފެނުމުގެ ފުރުޞަޠު އެބައޮތް ކަމަށެވެ.



