
އޭވްސެކްކޮމް ފުޓްސަލް ޗެލެންޖް: ޓެސްކޯ އެފްސީ އަތުން ބަލިވެ ޓީމް އޯކޭ މުބާރާތުން ކަޓައިފި
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 2016 ފުޓްސަލް ޗެލެން މުބާރާތުގައި މިއަދި ހަވީރު ޓެސްކޯ ފުޓްބޯޅަ ކުލަބާއި ޓީމް އޯކޭ ބައްދަލުކުރި މެޗު ޓެސްކޯ ފުޓްބޯޅަ ކުލަބުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހުޅެ އާރްއެޗްކިއު ދަނޑުގައި ކުޅެވުނު މި މެޗުން ޓެސްކޯ ފުޓްބޯޅަ ކުލަބު މޮޅުވީ ޓީމް އޯކޭއާ ބައްދަލުކޮށް 1-4 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ އަވަސް ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ ޓެސްކޯ ފުޓްބޯޅަ ކުލަބުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު މެޗުގެ 9 ވަނަ މިނެޓުގައި ލަނޑުޖަހާ އެޓީމަށް ލީޑުނަގައިދީފައިވަނީ ޖޯޒީ ނަމްބަރު 11 އާދަން ސަމީޒްއެވެ.

އާދަމް ސަމީޒްް ލަނޑުޖަހާ ޓެސްކޯއަށް މެޗުގެ ލީޑުނަގައިދިންތާ ގިނައިރުތަކެއް ނުވެ މެޗުގެ 15 ވަނަ މިނެޓުގައި އެޓީމުން ވަނީ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. އެޓީމަށް ލީޑު ފުޅާކުރި މި ލަނޑު ކާމިޔާބުކޮށްދިނީ ޖޯޒީނަމްބަރ 10 ނިއުޝާދު މުޙައްމަދު (ނިއުބެ) އެވެ.
އޭގެ ދެމިނެޓު ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޓެސްކޯ ފުޓްބޯޅަ ޓީމުގެ ތިންވަނަ ލަނޑުޖަހާ ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ ދެވަ ލަނޑުވެސް ޖަހައިދިން ނިއުޝާދު މުޙައްމަދު (ނިއުބެ) އެވެ.
ޓެސްކޯ ފުޓްބޯޅަ ކުލަބު ތިން ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުނިމުނުއިރު އެޓީމުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހުހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސްއެވެ. މެޗުގެ 3 ވަނަ މިނެޓުގައި މި ލަނޑު ޓެސްކޯ ފުޓްބޯޅަ ކުލަބަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަމްބަރު 12 އަބުދުﷲ ޒިޔާދު (ޕިންޑޭ) އެވެ.

ޓީމު އޯކޭއިން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީނަމްބަރު 10 ހުސެއިން ޝިފާޒުއެވެ.
މިމެޗުގައި މޮޅުކުޅުމެއް ދެއްކި ޓެސްކޯ ފުޓްބޯޅަ ކުލަބަށް މިމެޗުގައި ލަނޑުޖަހަން ގިނަ ފުރުސަތު ތަކެއް ވަނީ ލިބި ބޭކާރުވެގެން ގޮސްފައެވެ.
ޓީމް އޯކޭ މި މެޗުން ބަލިވިނަމަވެސް އެޓީމަށްވެސް ވަނީ ލަނޑުޖަހަން ފުރުސަތު ލިބިބޭކާރުވެފައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މެޗުގައި މޮޅުކުޅުމެއް ދައްކާ މެޗުގައި 2 ލަނޑު ޖަހައިދިން ނިއުޝާދު މުޙައްމަދު (ނިއުބެ)އެވެ.

މިނަތީޖާއާ އެކު މިވަގުތު ޓީމު ޓެސްކޯ އެފްސީ ވަނީ އެޓީމު ހިމެނޭ ގުރޫޕް އޭ ގެ ތިންވަނަ މަގާމަށް ޖެހިލާފައެވެ. ޓީމު ޓެސްކޯ އެފްސީ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ޓެސްކޯ އެފްސީއަތުން މިއަދު ބަލިވި ޓީމް އޯކޭ ވަނީ މިއަދު ގެ ބައްޔާއެކު މުބާރާތުން ކަޓާފައެވެ. އެޓީމު މުބާރާތުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ. އެހެން ނަމަވެސް އަދި ޓީމު އޯކޭއަށް މުބާރާތުގައި ބާކީ އެއްމެޗު އެބައޮތެވެ. އެމެޗުން މޮޅުވިޔަސް ޓީމު އޯކޭއަށް މުބާރާތުގައި އިތުރު ފުރުސަތެއް ނޯންނާނެއެވެ.
މި ގުރޫޕުގެ އެއްވަނާގައި އަދިވެސް އޮތީ 6 ޕޮއިންޓާ އެކުއަޑަފި އެފްސީ އެވެ. އަޑަފި ވަނީ އެޓީމު ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ.
މާދަމާވެސް މި މުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މާދަމާ ހަވީރު 4:30 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ހޯބަހަކުން އެފްސީ އާއި ކިމް އެފްސީ އެވެ. މާދަމާގެ މެޗައް މިދެޓީމު ނިކުންނައިރު މީގެތެރެއިން އެއްވެސް ޓީމަކަށް އަދި މޮޅެއް ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން މި ދެޓީމު މާދަމާ ބައްދަލުކުރާ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ. އެހެން ނަމަވެސް މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު އަދި އޮންނާނެއެވެ. މާދަމާ މެޗުން މޮޅުވާޓީމަކަށް ގުރޫޕުގެ ތިންވަނަ ލިބިގެންދާނެއެވެ.



