މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫން: ހުކުރު ޚުތުބާ

މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން މިންވަރުކުރައްވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައި ވަނީ ”މުދަލަކީ މާތް ﷲ ގެ ޙައްޤެކެވެ“ މި މަޢޫޟޫޢުގެ މައްޗަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އަޅުގަނޑުމެންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. އަދި ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު ވެސް މާތް ﷲ ގެ ޙަޟުރަތުގައި އެ އަމާނާތާ މެދު ސުވާލުވެވޭނެއެވެ. މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވާފައިވާ އެއްޗެއް ނޫން ކަމަށާއި، އެއީ ބޮޑު އިމްތިޙާނެއްކަން ބަޔާންކުރައްވަމުން ޤުރްއާނުގެ އާޔަތެއްގެ މާނަ ޚުތުބާގައި ގެންނަވާފައިވެއެވެ: ”އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ.“

މީގެއިތުރުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރަންވީ ސުވާލަކީ ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯ ނޫން ކަމަށާއި، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީ ހޯދުނުތޯ ކަމުގައި ޚުތުބާގައި ބަޔާންކުރެއްވިއެވެ. އެގޮތުން ޤިޔާމަތް ދުވަހު އިންސާނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނޭކަން ކަށަވަރުވާ ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅަކުން ދަލީލު ދައްކަވަމުން ހަނދާންކޮށްދެއްވިއެވެ.

މުދާ ހޯދަންވާނީ ޝަރުޢީ ހަމަތަކާއި އިމުގެ ތެރެއިންކަން ފާހަގަކުރައްވައި، ޚުތުބާގައި ވިދާޅުވީ ޙަލާލު މުދަލުގެ ތެރޭގައި ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، ވަޒީފާގެ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ ފައިދާއާއި، ހެޔޮ ހިތުން ދެވޭ ހަދިޔާ އަދި ވާރުތަ މުދާ ހިމެނޭ ކަމަށެވެ. އަދި ﷲ ޙަރާމްކުރެއްވި އެއްވެސް މަގަކުން މުދާ ހޯދުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށާއި، ޙަރާމް ތަކެތިން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށް އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާން ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުންކަން ފާހަގަކުރައްވައި، ރިބާ ކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތް ހެދުމާއި، ވައްކަމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމަކީ ހަމައެކަނި މާލީ ކުށެއް ނޫން ކަމަށާއި، އެއީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.

މުދާ ހޭދަކުރުމުގައި އަދާކުރަންޖެހޭ ޙައްޤުތަކަށް އަލިއަޅުއްވާލައްވަމުން ޚުތުބާގައި ވިދާޅުވީ، އެންމެ އިސްކަންދޭންޖެހޭ ވާޖިބަކީ އަމިއްލަ އަނބިދަރިންނާއި، މައިންބަފައިން އަދި ތިމާ ބަލަހައްޓަންޖެހޭ އެންމެހައި އަހުލުވެރިންނަށް ކުރުން ކަމަށެވެ. މިއީ އިޖުތިމާޢީ ޒިންމާއަކަށްވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެއް ކަމަށާއި، އޭގެ ފަހުގައި ގާތްތިމާގެ މީހުންނަށާއި، ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުން އަދި ދަތުރުވެރިންނަށް ހޭދަކުރުން ވާކަމަށް ވިދާޅުވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ، މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމަކީ ވެސް ލިބިގެންވާ ޙައްޤެއް ނޫން ކަމަށް ބަޔާންކުރައްވާފައެވެ. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭކާރު ތަކެތި ގަނެ، ބޭނުން ނުކޮށް ހުއްޓައި މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް މާތް ﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމުގައި ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.