
ލެގިއާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލެގިއާ ވާސޯގެ މައްޗަށް 1-5 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް މެޗުގެ 16 ވަނަމިނެޓުގައި ކާމިޔާބުކޮށްދިނީ ވޭލްސްގެ ފޯވާޑް ގެރެތް ބޭލްއެވެ. ރެއާލްގެ ދެވަނަ ގޯލް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވާއިރު މި ގޯލަކީ ލެގިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
އޭގެ ދެ މިނެޓްފަހުން ލެގިއާއަށް ލިބުނު ޕެނަލްޓީއަކުން ރަޑޮވިޗް ލެގިއާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މާކޯ އެސެންސިއޯ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްގެ ތިންވަނަ ގޯލް ޖަހާ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ރެއާލް ލީޑުގައޮވެ ނިމުނުއިރު
ރެއާލްގެ ހަތަރުވަނަ ގޯލް މެޗުގެ 68 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލް މެޗުގެ 85 ވަނަ މިނެޓްގައި ރޮނާލްޑޯގެ ޕާހަކުން ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރި އެއްގެ ގޮތުގައި ކުޅެންނިކުތް އަލްވާރޯ މޮރާޓާއެވެ.
މި މޮޅާއެކީ ރެއާލް އޮތީ ގްރޫޕް އެފްގެ ދެވަނައިގައި ހަތް ޕޮއިންޓާއެކީގައެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތް، ބްރޫޝިއާ ޑޯޓްމަންޑަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިން ޕޮއިންޓާއެކީ ގްރޫޕް ތިންވަނައިގައި ސްޕޯޓިން ލިސްބަން އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ލެގިއާއެވެ.
ރެއާލް ހިމެނޭ ގްރޫޕްގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން ވަނީ ސްޕޯޓިން ލިސްބަންގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި ޑޯޓްމަންޑްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމެޔަންގް އާއި ޖޫލިއަން ވެއިގަލްއެވެ.



