
ލިވަޕޫލާއި ޔުނައިޓެޑް ޕޮއިންޓަކުން ފުއްދާލަންޖެހިއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ދެ ޓީމް ވެސް ފުއްދާލަން ޖެހިއްޖެ އެވެ.
މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެއެވެ.

ދެ ޓީމަށް ވެސް މޮޅުވާން ލިބުނު މެޗްގެ ފުރަތަމަ ހާފްގައި މެންޗެސްޓާއިން މޮޅަށް ކުޅުނެވެ. ނަމަވެސް ލިވަޕޫލްގެ އެންފީލްޑްގައި ލިވަޕޫލް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ރޭގެ މެޗްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާގެ މޮޅު ކުޅުން ފެނިގެން ގޮސްފައި ވެއެވެ. މެންޗެސްޓާ މޮޅުކޮށް ދިނުމަށް ޒްލަޓާން އިބްރަހިމަވިޗަށް ތަނަވަސްވި ފުރުސަތުތައް ވެސް ފާހަގަ ކޮށްލެވެއެވެ.
މެޗަށްފަހު ވާހަދައްކަމުން މެންޗެސްޓާގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ އޭނާ ބޭނުންވި ގޮތަށް ކަންތައްތައް މެޗްގައި ނުދިޔަ ކަމަށާއި ނަމަވެސް ޕޮއިންޓަކުން ފުއްދާލަން ޖެހުމުންވެސް ހިތްހަމަޖެހޭކަމަށެވެ.
މޮރީނިއޯ ބުނީ އެންފީލްޑްގައި މޮޅަށް ކުޅުނީވެސް މެންޗެސްޓާ ކަމަށެވެ.
އަނެއްކޮޅުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ލިވަޕޫލަށް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެންވާނެ ކަމަށާއި ދެވަނަ ހާފުގައި ރަނގަޅަށް ކުޅެވުނު ކަމަށެވެ.
މެޗުން ބަލިނުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުމަކީ މައްސަލައެއްނޫން ކަމަށެވެ.

ރޭގެ މި ނަތީޖާ އާއެކު ޓޭބަލްގައި ޔުނައިޓެޑް އޮތީ 14 ޕޮއިޓާއެކު ހަތް ވަނާގަ އެވެ. ލިވަޕޫލް އޮތީ ހަތަރުވަނާގައި 17 ޕަޮއިންޓާއެކު އެވެ.



