ހަރުދަނާ ބިންގަލަކަށް، ހަރުދަނާ މުރައްބީން

ޢިލްމު އުނގެނުމާއި ޢިލްމު އުނގަންނައި ދިނުމަކީ އިންސާނާގެ ސިކުނޑި ތަރައްޤީވުމަށް މެދުވެރިވާ އެންމެ މުހިންމު ވަސީލަތްކަމީ މިއަދުގެ ދުނިޔެ ދެކެމުންދާ ޙަޤީގަތެކެވެ. ޢިލްމަށް ދެވޭ އަހަންމިއްޔަތު ކުޑަވެއްޖެ މުޖްތަމަޢެއްގެ ކުރިއެރުމާއި ފާގަތިކަމުގެ ދުވެލި މަޑުޖެހޭކަމީ ވެސް މިއަދު ދުނިޔެ ދައްކާ ޙަޤީގަތެކެވެ. ކޮންމެ މުޖްތަމަޢެއްގައި ވެސް އެމުޖްތަމަޢެއްގެ ކުރިއެރުމަށްޓަކައި ބިނާކުރާ އިންސާނީ ވަސީލަތުގެ ބިންގާ އަޅައިދޭ އެންމެ މުހިންމު އެއް މުއައްސަސާއަކީ އެކި މަރުޙަލާތަކުގައި ޢިލްމު އުނގަންނައިދޭ ތަފާތު މަދަރުސާތައްކަން ކަށަވަރެވެ. އެގޮތުން މިޒަމާނުގެ ތަޢުލީމު އެންމެ ފުރަތަމަ ފެށިގެން މިދަނީ؛ ޕްރީސްކޫލް، ޕްރައިމަރީ އަދި ސާނަވީ މަަރުޙަލާއިން ގޮސް މަތީ ސާނަވީ މަރުޙަލާ އާއި ހަމައަށެވެ. އެގޮތުން މިއިން ކޮންމެ މަރުޙަލާ އަކީ ވެސް އެމަރުޙަލާއެއްގައި ކިޔަވާ ދަރިވަރުންގެ ޢުމުރުފުރާ އާއި ގުޅޭގޮތުން ތަފާތު އެކި އެކި އުނދަގޫ އަދި ފަސޭހަ، ރުހޭ ނުރުހޭ ކަންތަކާއި އުނގަންނައިދިނުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ފަރާތުން ކުރިމަތިލާންޖެހޭ މަރުޙަލާއަކަށް ނޫނީ ނުވެއެވެ. ތަފާތު ވިސްނުމުގެ، ތަފާތު މިޒާޖުގެ، ތަފާތު މާޙައުލުތަކުން އައިސްފައިތިބޭ ދެޖިންސުގެ ދަރިވަރުން އެއްފުރާޅެއްގެ ތެރެއިން އެއްވިސްނުމަކަށް ބައްޓަންކުރުމަކީ ޒިންމާއާއި ޙަވާލުވާ މުދައްރިސް ނުވަތަ މަދަރުސާގެ އިދާރާއަށް ވެސް ކާމިޔާބު ނަތީޖާއެއް މިކަމުގައި ޙާޞިލުކުރުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމުގައި މިފެންނަ މަންޒަރުތަކުން ދޭހަވެއެވެ. ކަން މިހެން އޮތުމުގެ ސަބަބުން މިހުރިހައި ކަންކަން ޙައްލުކޮށް ލަނޑުދަނޑި ޙާޞިލްކުރުމަށްޓަކައި މިއަދުގެ މުޖްތަމަޢުތަކަށް ބޭނުންވަނީ ހަރުދަނާ އިދާރީ އޮނިގަނޑަކާއި، ހިންގުންތެރި މުވައްޒަފުންތަކެއްގެ އިތުރުން ކަމަށް ޤާބިލު، ހުނަރުވެރި، އަދި ހަރުދަނާ މުދައްރިސުންތަކެކެވެ.

މިއަދު ދިވެހިރާއްޖޭގެ ތަޢުލީމު މިވަނީ ކާމިޔާބީގެ އެތައް ހަރުފަތެއް ގިރާކޮށްފައިކަން ތާރީޚު ދިރާސާކޮށްލުމާއި އެކު މިއަދުގެ އުނގެނޭ ދަރިވަރުންގެ ޤާބިލުކަމާއި އެކުދިން ހޯދަމުންދާ ކާމިޔާބީތަކުން އެނގި ހާމަވެގެންދެއެވެ. މިފަދަ ކުރިއެރުންތައް ހުއްޓުމެއްނެތި ހޯދުމާއި، ކާމިޔާބީގެ މައިދާނުގައި އިތުރު ކުރިއެރުން ހޯދުމަށްޓަކައި ކަމުގެ މާހިރުން ކެނޑިނޭޅި ކުރާ މަސައްކަތުގެ ތެރޭގައި އުނގަންނައިދިނުމުގެ ވައްޓަފާޅިއާއި އޮނިގަނޑުތަކަށް ދޭތެރެދޭތެރެއިން ބަދަލުގެންނަމުންދެއެވެ. އެގޮތުން ދިވެހިރާއްޖެވެސް މިހާރު މިވަނީ މިފަދަ އެކި ތަޖުރިބާތައް ކޮށް، އާ ތަޖުރިބާއެއް ކުރަންފެށުމުގެ އައު މަރުޙަލާއެއްގެ ކުރީކޮޅުގެ ދުވަސްތައް ގުނަންފަށާފައެވެ. އެގޮތުން ޕްރީސްކޫލް މަރުޙަލާއާއި ސާނަވީ މަރުޙަލާ މިހާރު މިވަނީ ޕްރައިމަރީ މަރުޙަލާގެ ތަޢުލީމުދެވޭ މަދަރުސާގެ ދަށަށް ބަދަލުކުރެވި މި ތިން މަރުޙަލާ އެއްފުރާޅެއްގެ ދަށުން ނިންމާލެވޭފަދަ ގޮތަކަށް ބަދަލުކުރެވިފައެވެ. މިނިންމެވުމަކީ ދައުލަތުގެ ކަމާއިބެހޭ ވުޒާރާގެ ނިންމުމެއްކަމުގައި ވީނަމަވެސް، ކިތަމެ ކާމިޔާބު، ނަތީޖާ ޙާޞިލްކުރަން ފަސޭހަވާނޭފަދަ އިދާރީ ނިންމެވުމެއްކަމުގައި ވީނަމަވެސް މިނިންމެވުމާއި މެދު ތަފާތު ވިސްނުންތަކާއި، ރައުޔުތައް އަދި ޚިޔާލާއި ޝުޢޫރުތައް ދަރިވަރުންގެ ބެލެނިވެރިންނާއި، ދާއިރާގެ ބައެއް މާހިރުން ވެސް މިއަދު މިވަނީ ފާޅުކުރަން ފަށާފައެވެ. އިވެމުންދާ އަޑުތަކަށް ބަލާއިރު މިބަދަލާއި ގުޅިގެން ނުރުހުންވާ އެންމެހައި ފަރާތްތަކުގެ އެއްޝަކުވާއަކީ ގެނެވުނު ބަދަލާއިމެދު ހިތްހަމަނުޖެހުމެއް ނޫނެވެ. ބަދަލު ކިތަމެ ރަނގަޅު ނަމަވެސް އެބަދަލާއި އެކު ދަރިވަރުންގެ މުސްތަޤްބަލުގެ ބިންގާ އަޅައި ދިނުމަށްޓަކައި އެ ބުރަ މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތްތަކާއިމެދު އުފެދޭ ސުވާލެވެ. ވާނީވެސް އެހެންތާއެވެ. މިހާ ހިސާބުން މިސްރާބު ބަދަލުކޮށްލުމުގެ ވިސްނުމާއެކު ލިޔުން ކުރިއަށް ގެންދާނަމެވެ….

އިޝްތިހާރު Below Header ad

މިއަދު މިކުޑަކުޑަ މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން މިވަނީ ދިމާވި އޮއިވަރެއްގައި ޖެހި ވީދި ހަލާކުވެފައިކަން ކުދިބޮޑު އެންމެން ޤަބޫލުކުރެއެވެ. އެހެންކަމުން ޤައުމަށް އެންމެ ފައިދާހުރި ދަރިންތަކެއް އުފެއްދޭނޭ ވީދިފައިވާ އިޖްތިމާޢީ ފޭރާން ވިޔައިގެން ނަމަވެސް އަދި އެނޫން ވެސް ގޮތަކުން ވީދި ހަލާކުވެފަވާ ތަން ރަނގަޅުކޮށް، ފޭރާން ލައިގެން ތިބި ބަޔަކަށް ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ދަންނަވަން މިއުޅެނީ ސްކޫލް މަދަރުސާތަކުގެ ވެރިންނާއި މުދައްރިސުންނަކީ މުޖްތަމަޢު ބަލައިގަންނަފަދަ އަޚްލާޤީ ސުލޫކީ މިންގަނޑުތަކަށްފެތޭ، ހަމައާއި އުޞޫލުކަތަށް ބޯލަނބާ، ޚުލްޤުހެޔޮ ކަމުގެ ހުނަރު ފުރިހަމައަށް ލިބިފައިވާ، ކަމަށް ޤާބިލު ބަޔަކަށް ވެގެން ނޫނީ މަދަރުސާއިން ޢިލްމު އުނގެނޭ ދަރިވަރުންނަކީ ޤައުމަށް ފައިދާކުރަނިވި ދަރިންތަކަކަށް ހެދުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއްކަމުގައެވެ. އެހެންކަމުން އުނގަންނައިދޭ ފަރާތުގެ ބަސްމަގު ރީތިކުރުމާއި، ދަރިވަރުންގެ އިޖްތިމާޢީ، ނަފްސާނީ ޙާލަތު ދަނެގަނެ އެކުދިންނާއި މުޢާމަލާތުކުރުމުގައި ހަމަހަމަކަން ގެންގުޅެންޖެހެއެވެ. އެހެން ނަމަވެސް ހިތާމައަކީ މިއަދު މިކުޑަކުޑަ މުޖްތަމަޢުގެ ދަރިންގެ ބިންގާ އަޅައިދިނުމަށް ތިއްބެވި މުދައްރިސުންގެ ތެރެއިން ބައެއްގެ މިފަދަ ހަރުދަނާކަމެއްގެ ޛައްރެއްގެ މިންވަރުވެސް ނެތްކަން ދޭހަވާފަދަ ޢަމަލުތައް އެފަދަ ފަރާތްތަކުން މަދަރުސާގެ އެތެރޭގަޔާއި ބޭރުގައި ވެސް ހިންގަމުންދާކަމެވެ. އެގޮތުން ދަރިވަރުންނަށް އަދަބުދިނުމާއި، ހުތުރުބަހުން މުޚާޠަބުކުރުމާއި، މަލާމާތްކުރުމާއި އެކު ނަފްސާނީގޮތުން ދަރިވަރުން ބަލިކަށިވެދާފަދަ އެތައްކަމެއް ހިންގާ މުދައްރިސުން ވެސް މަދެއް ނޫނެވެ. ހަމަ އެހެންމެ ދަރިވަރުންނާއި މުޖްތަމަޢުގެ އެހެނިހެން އަފްރާދުންގެ ކުރިމަތީގައި ތިމާއަކީ ޤަދަރުވެރި އަބުރުވެރި ފަރާތެއްކަން ދަނެ ތިމާގެ ކިބައިން މުޖްތަމަޢަށް ފެންނަންޖެހޭނީ އެފަދަ ސިފަތައްކަން ހަނދުމަނެތިކޮށްލާފައިވާ މުދައްރިސުން ވެސް މަދެއް ނޫނެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ބަވަނަވެފައި މިވާ ދުނިޔޭގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް މިފަދަ ބައެއް މުދައްރިސުން ބަންޑުންކޮށްލާ އިޙްސާސްތަކާއި، ލިޔެ ޢާންމުކޮށްލާ ޢިބާރާތްތަކުގެ ބަސްމަގު ހުތުރުވުމުގެ ސަބަބުން ކިޔައިލަން ވެސް ނުކެރޭހާ ހުތުރުވުމެވެ. މިފަދަ ފަރާތަކުން އަމިއްލަ ނަފްސުގެ އަގު ވަޒަން ނުކޮށް އަމިއްލަ އަތުން ނަފްސު ކަތިލެވޭއިރުވެސް ހަމަހޭވެރިކަން ނާންނަފަދައެވެ.

މަސްއޫލިއްޔަތު އަދާކުރުމުގައި ކާމިޔާބު މީހަކަށްވެ، ބެލެނިވެރިންގެ ހެޔޮބަސްތައް އެދޭ ކޮންމެ މުރައްބީއެއް ނުވަތަ މުދައްރިސެއްގެ ކިބައިގަވެސް ހުންނަންޖެހޭ ސިފަތަކެއް ވެއެވެ.. އެގޮތުން ކޮންމެ މީހަކުވެސް އެމީހަކާއި ޙަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިޚްލާޞްތެރިވާންވާނެއެވެ. އަދި ހަމައެހެންމެ އެމަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސު ހާނުވައި އެކަމަށް ބޭނުންވާ ތަމްރީނާއި ހުނަރު އެއްދުވަހުން އަނެއްދުވަހަށް ކުރިއަރުވަން ވާނެއެވެ. ޙަވާލުވެފައިވާ މަސްއޫލިއްޔަތުގެ ބުރަކަން ދަނެ އެކަން ފުރިހަމައަށް އަދާކޮށް ނިންމާލުމަށްޓަކައި ކެތްތެރިކަމުގެ ސިފައިން ސިފަ ލިބިގަންނަންވާނެއެވެ. ދަރިވަރުންގެ އުޅުމާއި ގުޅުން ދިރާސާކޮށް އެކުދިންނާއި މުޢާމަލާތުކުރުމުގައި ބޭނުންކުރަންވާނީ ރިވެތި ބަސްމަގެވެ. އަދަބު ދިނުން މަޖުބޫރުވާހިނދު އަދަބުދެވޭ ދަރިވަރުގެ ޙާލަތު ވަގުތުން ވަގުތައް ދިރާސާކޮށް ދެވޭ އަދަބަކީ ޙާލަތާއި، ޢުމުރާއި ގުޅޭ އަދަބަކަށް ހަދަންވާނެއެވެ. ނަމަވެސް އަދަބު ދިނުމުގެ ކުރިން އޯގާތެރިކަމާއި، އަޅާލުމާއި، ލޯތްބަކީ ހަރު ހިތްތަކާއި، ޢުދުވާނީ ވިސްނުންވެސް ބަދަލުކޮށްލުމުގެ ޤާބިލުކަން އެކުލެވިގެންވާ ވަސީލަތެއްކަމުގައި ދަނެ އެކަމަށް އިސްކަންދޭންވާނެއެވެ.

ތަޢުލީމީ ނިޒާމަށް ގެނެވޭ ބަދަލާއި ގުޅިގެން ބެލެނިވެރިންނާއި މައިންބަފައިންގެ މައިގަނޑު ޝަކުވާއަކަށް މިއަދު ވެފައި މިވަނީ އިސްވެ ދެންނެވުނުފަދަ ނާއުންމީދީ ސިފަތަކުގެ އަހުލުވެރި މުދައްރިސުން ގިނަ މަދަރުސާއަކަށް ދަރިވަރުން ފޮނުވުމުގެ ސަބަބުން ދަރިވަރުންގެ މުސްތަޤްބަލް ބަނަވާނެ މިންވަރެވެ. އޭގެ ސަބަބުން ވީރާނާވެފަވާ އިޖްތިމާޢީ ފޭރާން އިތުރަށް ވީރާނާވުން ނޫން ނަތީޖާއެއް ނުފެންނާނެތީ ކުރެވޭ ހިތާމަވެރި އިޙްސާސެވެ. ވީހިނދު، މިފަދަ ނޭދެވޭ ސިފަތައް އަށަގެންފައިވާ މުދައްރިސުންނާއި، ބެލެނިވެރިން އަދި ހިންގުންތެރިން ވެސް އެކަން އިޞްލާޙުކޮށް ދަރިވަރުންގެ ހެވާއި ލާބައަށްޓަކައި ހެޔޮމަގަށް ރުޖޫޢަވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ބަސްމަގު ހުތުރު، އަނިޔާވެރި އަދި ޢުދުވާނީ ސިފައިން ފޭރާން އަޅައިގެން ހުރެ ތިމާގެ މަސްއޫލިއްޔަތު އުފުލުމުގައި މިވެވޭ އިހުމާލުގެ ސަބަބުން ޤައުމެއްގެ ކުރިމަގު އެކީ ބަނަވެ، މުޖްތަަޢުގެ އިންސާނީ ވަސީލަތް ފަނާވެދާނެކަމާއި މެދު އެންމެހާ މުރައްބީން ވިސްނައި، ޢަމަލުތައް އިޞްލާޙުކުރުމަކީ މިކަމުގެ އެންމެ ބޮޑު ޙައްލުކަމުގައި ނޫނީ ނުވާނެއެވެ……

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.