
ޑައުން ސިންޑްރޯމް ހުންނަ ގައްޒާގެ ކުދިންނަށް ބޮޑެތި ގޮންޖެހުންތަކެއް
ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން، ޑައުން ސިންޑްރޯމް ހުންނަ ގައްޒާގެ ކުދިން ދަނީ އެކުދިންނަށް ގެއްލުނު ހުނަރުތައް އަލުން އާލާކުރުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.
ގެދޮރު ގެއްލުމާއި، ނަފްސާނީ ބިރުވެރިކަމާއި، ޚިދުމަތްދޭ މަރުކަޒުތައް ސުންނާފަތިވުމުގެ ސަބަބުން، މިހާރު ހިނގަމުންދާ އިންސާނީ ކާރިސާގެ ތެރޭގައި އެކުދިންނާއި އެކުދިންގެ އާއިލާތަކަށް ވަނީ ހުރިހާ ކަމެއް އަލުން ފަށަން މަޖުބޫރުވެފަ އެވެ.
ހިރަފުސް މަގުތަކާއި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކުގެ ތެރެއިން ކުރި ދިގު ދަތުރަކަށްފަހު، އުމުރުން 13 އަހަރުގެ ހިބާ އަލްއަޠާރް މެދުތެރޭ ގައްޒާގެ އައްޒަވައިދާގައި ހުންނަ ’ރައިޓް ޓު ލިވް ސޮސައިޓީ‘ (އާރް.އެލް.އެސް) މަރުކަޒުގައި އޮންނަ އޭނާގެ ކުލާހަށް ދާއިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.
ދެ ކުލާސްރޫމަށް ބަހާލެވިފައިވާ ކުޑަ ވަޤުތީ ފޭލިގެއެއްގެ ތެރޭގައި، ފަލަސްޠީނުގެ މި އަންހެން ކުއްޖާ އޭނާގެ ކުލާސް ކުދިންނާއެކު ބިމުގައި އިށީީނދެގެން އިނީ އާ ހުނަރުތަކެއް ދަސްކުރުމުގެ އުންމީދުގަ އެވެ.
މި ކުލާހުގައި ތިބި ހުރިހާ ކުދިންނަކީވެސް ޑައުން ސިންޑްރޯމް ހުންނަ ކުދިންނެވެ. ހިބާ އަކީ ގައްޒާގައި ޑައުން ސިންޑްރޯމް ހުންނަ 1،000 އަށްވުރެ ގިނަ ކުދިންގެ ތެރެއިން އެކަކެވެ.
ގައްޒާގެ އެހެން ހުރިހާ ކުދިންނެކޭވެސް އެއްފަދައިން، އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާންމުގައި މިކުދިންނަށްވެސް ވަނީ ބޮޑެތި ނުރައްކާލަ ހިތްދަތިކަން ތަހައްމަލުކުރަންޖެހިފަ އެވެ.
މި ހަނގުރާމައިގެ ނޭދެވޭ އަސަރު މިކުދިންނަށް މާ ބޮޑެވެ. އިސްރާއީލުގެ ހަމަލާތަކުގައި އެކުދިންނަށް ތަޢުލީމާއި އަޅާލުން ފޯރުކޮށްދިން މަރުކަޒުތައް ވަނީ ސުންނާފަތިކޮށްލާފަ އެވެ.
މީގެ ސަބަބުން، އެތައް އަހަރެއް ވަންދެން މަސައްކަތްކޮށްގެން އެކުދިން ދަސްކޮށްފައިވާ ހުނަރުތައް ވަނީ ފޮހެވިގެން ގޮސްފަ އެވެ. މިހާރު އެކުދިންނާއި އެކުދިންގެ ޢާއިލާތައް މަސައްކަތް ކުރަމުންދަނީ، ގެދޮރު ގެއްލި، ނަފްސާނީ ބިރުވެރިކަމާއި ވަސީލަތްތަކުގެ ދަތިކަމުގެ ތެރޭގައި، އެކުދިންގެ ހުނަރުތަކާއި ދިރިއުޅުން އަލުން އާރާސްތު ކުރުމަށެވެ.
ހަނގުރާމައިގެ ކުރިން، ގައްޒާގައި ޑައުން ސިންޑްރޯމް ހުންނަ ގިނަ ކުދިންނަށް އުފަންވީއްސުރެ ބޮޑުވަންދެން ބޭނުންވާ ޚާއްޞަ އަޅާލުން ’ރައިޓް ޓު ލިވް ސޮސައިޓީ‘ މެދުވެރިކޮށް ލިބެމުންދިޔަ އެވެ.
1993 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާއިން ގައްޒާގެ އެކި ސަރަހައްދުތަކުގައި ތިން މަރުކަޒެއް ހިންގަމުންދިޔައިރު، 200 މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ އެވެ.
އެ މަރުކަޒުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ޑައިރެކްޓަރު ރައޫފާ ސަލާމާ ’މިޑްލް އީސްޓް އައި‘ އަށް ކިޔައިދިން ގޮތުގައި، އެތަނުން ފޯރުކޮށްދިން ޚިދުމަތްތަކުގެ ތެރޭގައި ކުރީބައިގައި ދެވޭ އެހީތެރިކަމާއި، ތަޢުލީމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އިތުރުން ބެލެނިވެރިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ހިމެނެ އެވެ.
ހިބާގެ ބައްޕަ، އަލާ އަލްއަޠާރަށް އެ އެހީތެރިކަން ވެގެންދިޔައީ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ.
”އަހަރެންގެ ދަރިފުޅަކީ ޑައުން ސިންޑްރޯމް ހުރި ކުއްޖެއްކަން އެނގުނު ދުވަހު، އަހަރެން އެތައް ދުވަހެއް ވަންދެން ރޮއި ހިތާމަކުރިން. އެއީ ކޮން ކަހަލަ ހާލަތެއްކަމެއް ނުވަތަ އެކުއްޖާ ބަލާބޮޑުކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގޭ. އެކުއްޖާގެ މުސްތަޤްބަލާ މެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވި،“ އަލާ ކިޔައިދިނެވެ.
”ނަމަވެސް، އާރް.އެލް.އެސް މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުން ކުދިންނަށް ދޭ އަޅާލުމާއި އެކުދިން ހޯދާފައިވާ ކުރިއެރުންތައް ފެނުމުން، އަހަރެންގެ ހުރިހާ ބިރުވެރިކަމެއް ފިލައިގެންދިޔަ.“ އަލާ
އުމުރުން 10 އަހަރުވީއިރު، ހިބާ ވަނީ ކަންކަން ދެނެގަތުމާއި، ވާހަކަދެއްކުމާއި، އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުން ފަދަ އަސާސީ ހުނަރުތައް ދަސްކޮށްފަ އެވެ. އަދި އޭނާ ދިޔައީ ލިޔަންކިޔަން ދަސްކުރަންވެސް ފަށަމުންނެވެ.
”ދަރިފުޅަށް ލިބެމުންދިޔަ ކުރިއެރުންތަކާ މެދު އަހަރެން އުފާކޮށް ފަޚުރުވެރިވިން. އޭނާއަށް އުޖާލާ މުސްތަޤްބަލެއް އޮތްކަމުގެ އުންމީދު އަހަރެން ކުރަން ފެށިން،“ އަލާ ބުންޏެވެ.
ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ދޭންފެށި ހަމަލާތަކާއެކު، އޭނާގެ މި ކުރިއެރުންތަކަށް ވަނީ ހުރަސް އެޅިފަ އެވެ.



