ޚަބަރު ފީތާ

ދިރާގު ރޯޑުރޭސް މިއަހަރުގެ ޖުމްޖޫރީ ދުވަހު ހުޅުމާލޭގައި ބާއްވަނީ

ފޮޓޯ: ސާއި

ދިރާގުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިރާގު ރޯޑުރޭސް މި އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމާ، ބައިވެރުވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، މި ރޭސް މެދުކެނޑުމެއްނެތި ބާއްވަމުންއަންނަތާ 10 އަހަރު ވަނީ ވެފައެވެ.

ދިރާގުން ބުނީ މިއަހަރުގެ ރޭހުގައިވެސް އޮންނާނީ ފަސް ކިލޯމީޓަރުގެ ބަޔާއި ދިހަ ކިލޯމީޓަރުގެ ބައި ކަމަށެވެ. އަދި މިއިން ކޮންމެ ބަޔަކުންވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައިން ވަނަ ހޮވުމަށް ނިންމާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ގޮތުގައި ދިރާގުން ބާއްވާ މި ރޭސް މާލެ ފިޔަވައި އެހެން ތަނެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ދިރާގުން ބުނީ މާލޭ ނޫން އެހެން ތަނެއްގައި ރޭސް ބޭއްވުމުގެ އިތުރަށް މިފަހަރުގެ ރޭސް އެކި ގޮތްގޮތުން ޚާއްސަވާނެ ކަމަށެވެ.

މިފަހަރުވެސް 3000 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު އޮތް އިރު، ދިރާގުން ކަނޑައަޅާ ޖަމިއްޔާތަކުގެ ނަމުގައި ރޭހުގައި ދުވާ ދުވުންތެރިންނަށް ބައިވެރިވެވޭނެއެވެ. ދިރާގުން ވަނީ އެފަދަ ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު މިދިޔަ ޖުލައި މަހު ހުޅުވާލާ، އެ ޖަމިއްޔާތައް ކަނޑައަޅާފައެވެ.

 

 

Rate this post