ޤުރްއާނުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން (5)އައްޝައިޚު ޝަފީޢު ޢަބްދުﷲ
ލުޤްމާނުގެފާނު
ދެން ލުޤުމާނުގެފާނުގެ ވާހަކަޔަށް ބަލައިލަމާތޯއެވެ. ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވިހެޔޮ ނަޞޭޙަތްތަކަށާއި ކުރެއްވި ވަޞިއްޔަތްޕުޅުތަކާ މެދު ވިސްނައިލައިފި ނަމަ، ތަރުބިއްޔަތާ ބެހޭ ނުހަނު އަގުހުރި އަދި ޖައުހަރީ ފިލާވަޅުތަކެއް ލިބިގެން ދާނެއެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަށް ބަލައިލަމާތޯއެވެ!
ޝިކުރުން ދުރުވެ ހުންނެވުމަށް ދެއްވި އިންޒާރު
ލުޤްމާނުގެފާނުގެ ވަޞިއްޔަތްފުޅަށް ބަލާއިރު، ވަޞިއްޔަތްފުޅު ފައްޓަވާފައިވަނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ނުބައި ޖަރީމާއާ މެދު އިންޒާރު ކުރައްވަމުންނެވެ. މިއިން ދޭހަކޮށްދެނީ، މާތް ﷲ އަށް ޝިރުކު ކުރެވޭ ކަންތައްތަކުން ދަރިފުޅު ސަލާމަތްކޮށް ރައްކައުތެރި ކުރުމުގެ މުހިއްމުކަމެވެ.
ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ އުމުރާ ގުޅޭ ގޮތުން، ޝިރުކުގެ ހުރި ނުބައިކަން އެކުއްޖަކަށް މޭރުންވާފަދަ ޢިބާރާތަކުން ބުނެދީ ހަދަންވާނެއެވެ. މިއީ ތަރުބިއްޔަތުގެ އަސާސުތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި، މީސްތަކުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް ކާފިރުވުމެވެ. އެފަދަ އެއްޗެހިން ދަރިފުޅު ދުރުކުރުމެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
{وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ} لقمان : 13
އާޔަތުން ދޭހަވާ މާނަ: ( އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށްނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّهއަށްތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.)
އެހެންކަމުން މި އަޞްލުގެ މައްޗަށް ކުދިން ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތް ކުރުމަކީ ހުރިހާ މައިންބަފައިންގެ ވެސް މައްޗަށް ވާ ވާޖިބެކެވެ. އެހެނީ، އިންސާނީ ހިތުގައި ތައުޙީދު އަށަގަންނުވާ، ޝިރުކުން އެއްކިބާ ކުރުމަކީ ، މުޅި ކާއިނާތު އުފެއްދެވުމުގެ މަޤްޞަދެވެ.
އިބްނު ޢާޝޫރު މި އާޔަތް ތަފްސީރު ކުރައްވަމުން އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
” ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތުގައި ފުރަތަމަ ﷲ އާ ޝަރީކު ކުރުމުން އެއްކިބާވުމަށް ނަޞޭޙަތްދެއްވީ، ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ހުށަހެޅިފައިވާ މީހަކަށް، އޭގެ ކުރިން ވާޖިބުވެގެންވަނީ، ފަސާދައާއި ނުބައި މަބާދިއުތަކުން ދުރުވުމެވެ. އެހެނީ ޢަޤީދާ ރަނގަޅުވެއްޖެނަމަ ޢަމަލުތައް ރަނގަޅުވާނެއެވެ. ސަބަބަކީ ޢަޤީދާ ފަސާދުވުމުގެ މުލުގައި ހިމެނެނީ ދެކަމެކެވެ. އެއީ ކަލަކުވޮޑިގެން ނުވާކަމުގެ ފިކުރާއި، ޝަރީކުކުރުމުގެ ފިކުރެވެ.”
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ނަޞޭޙަތް ދެއްވުން
މިކަމަށް ދަލާލަތުކޮށްދޭ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެއް ސޫރަތު ލުޤްމާނުގައި ވެއެވެ.
{ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ } سورة لقمان: 14
އާޔަތުން ދޭހަވާ މާނަ: (އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ.އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ!އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.)
{ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا } سورة لقمان: 15
އާޔަތުން ދޭހަވާ މާނަ: ( އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށްއެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާއެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކުއުޅޭށެވެ!)
އެހެންކަމުން، ދަރިންނަށް މައިންބަފައިންނަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތުމަކީ ކިހާ މަތިވެރި ކަމެއްކަން ވިސްނި، އެމައިންބަފައިންނަށް ހެޔޮކަންކަމުގައި ކިޔަމަންތެރިކަން އަދާކުރާނަމަ، އެދަރިންގެ ތަރުބިއްޔަތަކީ ކާމިޔާބު ތަރުބިއްޔަތެއްކަން ކަށަވަރެވެ.
މާތް ﷲ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވާ ކަމާއި، އެކަލާނގެއަށް ރެވިއޮށްޓަރުގެ މިންވަރުވެސް ވަންހަނާ ވެފައި ނުވާކަން ދަރީންނަށް ބުނެދީ، އެ ޢަޤީދާ އެކުދިންގެ ހިތުގައި ބިންވަޅު ނެގުން
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް މިކަމާ ބެހޭ ގޮތުން ދެއްވި ނަޞޭޙަތް ލުޤުމާނު ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
{ يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ } سورة لقمان: 16
އާޔަތުން ދޭހަވާ މާނަ: ( އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) اللَّهއެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّهއީ،އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)
ނަމާދު ޤާއިމުކުރުވުން:
{ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ } سورة لقمان: 17
އާޔަތުން ދޭހަވާ މާނަ: (އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭކަންތައްތަކުގެ ތެރެއިންނެވެ.)
އިބްނު ޢާޝޫރު މި އާޔަތް ތަފްސީރުކުރައްވަމުން އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
( ޢަޤީދާގެ އުޞޫލުތަކުގެ ތަޢުލީމުތައް ( ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް) ދެއްވުމަށް ދެން އިންތިޤާލު ވެވަޑައިގެންނެވީ ޞާލިޙު ހެޔޮ ޢަމަލުތަކުގެ އުޞޫލުތަކުގެ ތަޢުލީމު ދެއްވުމަށެވެ. އެގޮތުން ފައްޓަވައި ދެއްވީ ނަމާދު ޤާއިމުކުރުމާ ބެހޭގޮތުންނެވެ. )
ނަމާދަކީ ހުރިހާ ނުބައި ކަންތަކާއި ފާޙިޝް ކަންތައްތަކުން އިންސާނާ ދުރުކޮށްދޭ، ދީނުގެ ވަރުގަދަ ތަނބެއްކަން ޤުރުއާނާއި ސުންނަތުން ނުހަނު ޞަރީޙަކޮށް އެނގެން އެބައޮތެވެ. ވުމާއެކު، ތަރުބިއްޔަތުގެ މައިދާނުގައި، ޢަޤީދާއަށްފަހު، ދެން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވާނީ ނަމާދާ މެދުގައި ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ނަމާދުގެ މައްޗަށް ބޮޑުވެގެން އަންނަ ޖީލަކީ ބާއްޖަވެރި ޖީލެއްކަން ކަށަވަރެވެ. ނަމާދުގެ މައްޗަށް ބޮޑުވެގެން އަންނަ ޖީލަކީ އުފެއްދުންތެރި ޖީލެއްކަން ކަށަވަރެވެ. ނަމާދުގެ މައްޗަށް ހެދި ބޮޑުވާ ޖީލަކީ އަމާން ޖީލެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމާދުގެ މައްޗަށް ބޮޑުވާ ޖީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދާއި ނަސްރު ޙައްޤުވެގެންވާ ޖީލެއްކަމާ މެދު ޝައްކެއްނެތެވެ.
އެހެންކަމުން، އުއްމަތަށް އެންމެ ބޮޑަށް މިއަދު ބޭނުންވެފައިވާ އެއްކަމަކީ، ނަމާދަށް ތަރުބިއްޔަތު ވެގެން އަންނަ ޖީލެއް ކަމާ މެދު އެއްވެސް ރީބައެއް ނެތެވެ.
ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރެއްވުން
އިސްވެ ދިޔަ އާޔަތުން މިކަމަށް އެވަނީ އިޝާރާތް ކުރެވިފައެވެ. ނަމާދު ޤާއިމުކުރުމަށް ވަޞިއްޔަތް ކުރެއްވުމަށްފަހު، ދެން ލުޤްމާނުގެފާނު ދެއްވި ނަޞޭޙަތަކީ ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމަށް ދެއްވި ނަސޭހަތެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި، މިއީ މި އުއްމަތް އެހެން އުއްމަތްތަކުގައި މައްޗަށް މަތިވެރިވެ ތަފާތު ވެގެންދާ އެއް އުންސުރެވެ. އެއީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
{كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ } سورة آل عمران : 110
އާޔަތުން ދޭހަވާ މާނަ: ( މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް އީމާންވަމުއެވެ.)
އެހެންކަމުން، ދަރިންނަށް ހެޔޮ ކަންތަކަށް ބާރު އަޅައި، ނުބައި ކަންތަކުން ދުރުވުމަށް ދަސްކޮށްދިނުމަށް، އެކުދިންނަށް، ހެޔޮ ކަންތަކަށް އަމުރުކުރަން، އަދި ނުބައި ކަންތައް ނަހީ ކުރަން ދަސްކޮށްދީ އެކަމަށް ވަޞިއްޔަތް ކުރުމަކީ، އެކުދިންގެ ތަރުބިއްޔަތަށް ދެވޭނެ އެންމެ އަގުހުރި އެއް ކަންތަކެވެ.
މިފަދަ ގޮތެއްގައި ބޮޑުވާ ކުދިންނަކީ، އިސްލާމީ މި މާތް ޝިޢާރު އުފުލާ ކުދިންތަކަކަށް ވެގެންދާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. އަދި މުސްތަޤްބަލުގެ ޤާއިދުން ކަމާމެދު ވަހުމެއްނެތެވެ. ފުރިހަމަ މާތް ޖީލެއް ބިނާ ކުރެވޭނީ މިފަދަ މަތިވެރި އުންސުރުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ.
ކެތްތެރިވުމަށް ދަސްކޮށްދިނުން
މިކަމަށް އިސްވެދިޔަ އާޔަތުގައި އެވަނީ އިޝާރާތް ކުރެވިފައެވެ. وَاصْبِرْ عَلَىٰ مَا أَصَابَكَ ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ!
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމަށް ވަޞިއްޔަތް ކުރެއްވުމާ އެކު، ދެން ދެއްވި އިރުޝާދަކީ، ޖެހޭ މުޞީބާތްތަކަށް ކެތްތެރިވުމަށް ދެއްވި އިރުޝާދެވެ. އިބްނު ޢާޝޫރު ލިޔުއްވާފައިވާ ފަދައިން، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރާ މީހުންނާ އަދާވާތްތެރިވާނެ މީހުން ވަރަށް ގިނަ ވާނެއެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތެދު މަގަށް ގޮވާލާ މީހަކާ އަދާވާތްތެރިވެ އޭނަގެ އެ ދަޢުވަތު ހުއްޓުވުމަށް ޝައިތާނުންނަށް ލެވެން އޮތް ހުރިހާ ބާރެއް ލާނެކަމީ ވަހުމެއް އޮތް ކަމެއް ނޫނެވެ.
މި ބިންމަތީގައި ހިންގެވި އެންމެ މާތް އިންސާނާ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމައަށް މައްކާގެ މުޝްރިކުން ކުރިމަތި ކުރުވި ދުއްތުރާތަކަށް ކަޅި ހިންގާލުމުން މިކަމުގެ ހުރި ތެދުކަން ހާމަވެގެން ދާނެއެވެ. އެހެންކަމުން، އެބީދައިން އެ ނަބީންގެ މަގުން ހިނގާ، އެބޭކަލުންގެ ވަޒީފާ އަދާ ކުރާ ދާޢީންނަށްވެސް ހަމަ އެއާ ދާދި އެއްފަދަ އިމްތިޙާނުތަކާއި، އުދަނގޫތަކާއި، މުޞީބާތްތައް، ދަޢުވަތުގެ އަދުއްވުންގެ ކިބައިން ފެނިގެން ދާނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކައުނުގައި ލައްވާފައިވާ ސުންނަތެކެވެ.
އެހެންކަމުން، ދަރީންނަށް ދަޢުވަތުގެ މަޖާލުގައި ދިމާވާ އެފަދަ ކަންކަން ބަރުދާސްތު ކުރުމަށް، ހިތްވަރުދީ އެކަމުގެ މައްޗަށް ސާބިތު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ލުޤުމާނުގެފާނުގެ ކިބައިން ފެނިގެން އެ ދިޔައީ، އެފަދަ ތަރުބިއްޔަތު ކުރުމެކެވެ.
ތަކައްބުރުވެ ބޮޑާވެގަތުމުގެ ނުބައިކަމާ މެދު އިންޒާރު ކުރެއްވުން
{ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ } لقمان : 18
އާޔަތުން ދޭހަވާ މާނަ: ” އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތްއަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެاللَّهލޯބިވެވޮޑިގެނެއް ނުވެތެވެ.”
އިންސާނާ ކިތަންމެ މޮޅުވެ، ކިތަންމެ މަތިވެރިވެގެން ދިޔަސް، އޭނައަކީ ﷲ އުފެއްދެވި، އެހެން އިންސާނުނެކޭ އެއްފަދަ މީހެކެވެ. އިންސާނުންގެ ޖިންސުން ބޭރަކަށް އޭނައަކަށް ނުދެވޭނެއެވެ. އެހެންކަމުން، އެހެން އިންސާނުންނާ މެދު ތަވާޟުޢުވެރި ވުމަކީ، އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެހެންމީހުންނާ ޚުލުޤު ހެއު ގޮތުގައި މުޢާމަލާތު ކުރުމަކީ އޭނަގެ މައްޗަށް ވަޖީބުގެންވާ ކަމެކެވެ.
މާތް ނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމަގެ ސިޔަރަތަށް ބަލާއިރު، އެކަލޭގެފާނަކީ، އެންމެ ތަވާޟުޢުވެރި އިންސާނާއޭ ދެންނެވުމަކީ މަޖުބޫރު ކަމެކެވެ. އިންސާނީ ތާރީޚުގައި އެފަދަ ފުރިހަމަ ނަމޫނާއެއް ފެނިފައެއް ނުވެއެވެ. މާތް މަތިވެރި ސިޔަރަތުގެ ޞަފުޙާތަކަށް ބަލާއިރު، ފެންނަނީ، ބާދިޔާއިން އަންނަ، އަޢުރާބީންނަށް، އެކަލޭގެފާނު މިސްކިތުގައި އެކަލޭގެފާނުގެ ޞަޙާބީންނާއެކު ހުންނަވިނިކޮށް ވަކިކުރަން ނޭނގޭ ހާދިސާތަކެވެ. މިއީ އުޑާއި ބިމުގައި އެބޭކަލެއްގެ ނަން ޒިކުރު ކުރެވޭ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމްގެ ވާހަކައެވެ. މަޖިލީހެއްގައި ހުންނަވާ އިރު، އެންމެ އާދައިގެ މީހެކޭ އެއްފަދައެވެ. ތަފާތުވެ ބޮޑާވެ ވަޑައެއް ނުގަންނަވައެވެ.
އިސްވެ މިދެންނެވުނީ، ޤުރުއާނުގައި މާތް ﷲ ގެންނަވާފައިވާ ބައެއް އާޔަތްތަކުގައި ކުރީގެ ނަބީންނާއި ޞާލިޙުންގެ ތަރުބިއްޔަތުގެ ފިލާވަޅުތަކުގެ ތެރެއިން ވަރަށް މަދު ފިލާވަޅުތަކެކެވެ. އެހެނީ، މީގެ އިތުރުން ވެސް، ޒަކަރިއްޔާގެފާނު، މަރިޔަމްގެފާނު ތަރުބިއްޔަތު ކުރެއްވި ގޮތުގެ ވާހަކައާއި، މޫސާގެފާނާއި އެކަލޭގެފާނުގެ މަންމާފުޅުގެ ވާހަކަ އަކީ ވެސް ތަރުބިއްޔަތުގެ ދާއިރާގައި ޤުރުއާނުން ނެގެން ހުރި އަގުހުރި ވާހަކަފުޅުތަކެކެވެ.
ނިންމާލުން
ނިންމާލުމުގެ ކުރިން، މި ލިޔުމުގައި ޒިކުރު ކުރެވުނު، ބައެއް މުހިއްމު ތަރުބިއްޔަތުގެ ވާހަކަ މިތަނުގައި، ޚުލާޞާކޮށްލާނަމެވެ.
އެންމެ މުހިއްމު ކަމަކީ ދަރީން ތައުޙީދުގެ މަތީގައި ތަރުބިއްޔަތު ކުރުމެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހައިބަތު ކުދިން ހިތުގައި ބިންވަޅު ނެގުމާއި، އެކަލާނގެއަށް ލޯބިކުރުމާއި މަޢުރިފާކޮށް ދަނެގަތުމަށް އެކުދިންނަށް ދަސްކޮށްދިނުމެވެ. އެއަށްފަހު، މާތް ﷲ އާ ޝަރީކު ކުރެވޭ ހުރިހާ ކަމަކުން ދުރުވުމަށް ތަރުބިއްޔަތުކުރުމެވެ. އެހެނީ، ޢަމަލުތަކުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، ހުރިހާ ޢަމަލެއް ފަސާދަކޮށްލާނެއެވެ. ނަރަކައިގައި ދާއިމަށް އިންސާނާ އޮންނަ ޖެހިދާނެއެވެ. އެހެންކަމުން، ޝިރުކުން ފުރިހަމަ ރައްކާތެރިވުމަށް ކުދިންނަށް ދަސްކޮށްދޭން ވާނެއެވެ. ޝިރުކުގެ ބިރުވެރިކަން ކުދިންގެ ހިތު ތެރެއަށް ބިންވަޅު ނެގޭ ވަރަކަށް ވައްދަން ޖެހޭނެއެވެ. އެއަށްފަހު ނަމާދެެވެ. މައިންބަފައިންނަށް ހެޔޮކޮތް ހިތުމެވެ. ހެޔޮ ކަންކަތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމާއި، މުޞީބާތްތަކަށް ކެތްތެރިވުމަށް ދަސްކޮށްދިނުމެވެ. އެހެން މީހުންނަށް އިޙްތިރާމުކުރުމާއި، އެންމެ ހެޔޮ ގޮތުގައި މީސްތަކުންނާ މުޢާމަލާތު ކުރަން ދަސްކޮށްދިނުމެވެ. ބޮޑާވުމާއި ކިބުރުވެރިކަމުގެ ނުބައިކަން ބުނެދީ އެކަމުން އެކުދިން ސަލާމްކުރުމެވެ. މިހިރަ މިހިރަ ޒާތުގެ ކަންތަކުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރެވިއްޖެނަމަ، އެ ދަރިންގެ ތަރުބިއްޔަތަކީ ކާމިޔާބު ތަރުބިއްޔަތަކަށް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ދުޢާ އަކީ، އަޅަމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގެ އާޔަތްތަކުގައިވާ އިރުޝާދުތަކާ މެދު ތަދައްބުރު ކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އެ އާޔަތްތަކުގައިވާ އިރުޝާދުތައް ޢަމަލީ މައިދާނުގައި ތަންފީޒު ކުރާ ބަޔަކު ކަމުގައި އަޅަމެން ވެގެން ދިއުމެވެ. އާމީން ޔާ ރައްބަލް ޢާލަމީން!
= ނިމުނީ =