
އިއްދައިން ކެނޑުމުން ލޮލަށް އަންނަ ބަދަލުތައް: ލޮލުގެ ޚާއްޞަ ޑޮކްޓަރެއްގެ ތަފްޞީލު
އިސްޓްރަޖަން އާއި އެންޑްރޯޖަން އަކީ ކަރުނަ އުފެއްދުމަށާއި، ކަރުނަ އަވަހަށް ހިކުނަނުދީ ހިފަހައްޓައިދޭ ލޮލުގެ ފިޔަވަޅުން އުފައްދާ ތެޔޮ ފަށަލައަށް ވަރަށް މުހިންމު ދެ ހޯރމޯންއެކެވެ.
އިއްދައިން ވަކިވުމުގެ ކުރީ މަރުހަލާގައި މި ހޯރމޯންތައް މަދުވުމުގެ ސަބަބުން، ކަރުނައިގެ ފެންވަރާއި މިންވަރު ދަށްވެގެންދެ އެވެ.
ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި އިއްދައިން ވަކިވުމުން ކުރިމަތިވާނީ ހަށިގަނޑު ހޫނުވުމާއި، މިޒާޖަށް އަންނަ ބަދަލުތަކާއި، ނިދުމަށް ދިމާވާ އުނދަގޫތަކެވެ.
ނަމަވެސް، މީގެ އަސަރު ފެނުމަށް ކުރާނެ ކަމަކަށް ގިނަ ބަޔަކު އުންމީދެއް ނުކުރެ އެވެ.
ލޮލުގެ ކަރުނަ އުފައްދާ ގްލޭންޑް، ކޯނިއާ، ލެންސް، ރެޓިނާ އަދި އޮޕްޓިކް ނާރް ފަދަ ބައިތަކުގައި އިސްޓްރަޖަން އާއި އެންޑްރޯޖަން ރިސެޕްޓަރުތައްހުރެ އެވެ.
އިއްދައިން ވަކިވުމުގެ މަރުހަލާތަކުގައި ހޯރމޯންގެ މިންވަރު ދަށްވުމުން، މި ޓިޝޫތަކަށް އޭގެ ނޭދެވޭ އަސަރު ފޯރަ އެވެ.
ލޮލުގެ އޮނިގަނޑު ދެމެހެއްޓުމަށާއި، ކަރުނަ އުފެއްދުމަށާއި، ލޭ ދައުރުވުން ހަމަޖެއްސުމަށް ހޯރމޯންތަކަށް ބަރޯސާވާންޖެހޭތީ، ހޯރމޯން ދަށްވުމަކީ ލޮލުގެ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާ ކަމެކެވެ.
އިއްދައިން ވަކިވުމުން ލޮލުގެ ފެނުމަށް ކުރާ އަސަރުތަކާއި، އެކަމުގައި ކުރެވިދާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.
1- ލޯ ހިކުން: އެންމެ އާންމު ޝަކުވާ
އިސްޓްރަޖަން އާއި އެންޑްރޯޖަން އަކީ ކަރުނަ އުފެއްދުމަށާއި ލޮލުގެ ފިޔަވަޅުން ބޭރުކުރާ ތެޔޮ ފަށަލަ ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. މި ހޯރމޯންތައް މަދުވުމުން ކަރުނައިގެ ފެންވަރު ދަށްވެ އެވެ.
އަލާމާތް:ލޮލުން ދިލަނެގުން، ހިރުވުން، އަދި ހައިރާންވާ ފަދަ ގޮތަކަށް ލޮލުން ފެން އައުން. ގިނައިން ލޮލުން ފެން އަންނަނީ ކަރުނަ ފަށަލަ ހަމަހަމަކޮށް ނުހުންނާތީ އެކަން ރަނގަޅު ކުރުމަށް ލޯ ކުރާ މަސައްކަތުންނެވެ. ސްކްރީންތަކަށް މާ ގިނައިރު ބެލުމުގެ ސަބަބުން އެސްފިޔަޖަހާ މިންވަރު މަދުވެ، މި މައްސަލަ އިތުރަށް ގޯސްވެއެވެ.
2- ފެނުން ފުސްވުމާއި ބަދަލުވުން
ލޮލުގެ ތެޔޮ އުފައްދާ މިންވަރު މަދުވުމާއި ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޯނިއާގެ ބައްޓަމަށް ވަގުތީ ބަދަލުތަކެއް އަތުވެދާނެ އެވެ. މީގެ ސަބަބުން އަލި ދަތުރުކުރާ ގޮތަށް ބަދަލު އާދެއެވެ.
އަލާމާތް: ގިނަ ދުވަސްތަކެއް ވަންދެން އެއް ނަންބަރެއްގެ އައިނު ބޭނުންކުރުމަށްފަހު، ކުއްލިއަކަށް އައިނުގެ ނަންބަރު ބަދަލުވުން ނުވަތަ ކޮންޓެކްޓް ލެންސް ލެއްވުމުން އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ. އިއްދައިން ވަކިވުމަށްފަހު މީގެ ތެރެއިން ބައެއް ކަންކަން ހަމައަކަށް އެޅުނު ނަމަވެސް، ފެނުން ފުސްވާނަމަ ޑޮކްޓަރަށް ދައްކައިގެން އައިނު ނަންބަރު އަލުން ޗެކްކުރަންވާނެއެވެ.
3- ގްލޮކޯމާ (ލޮލަށް ފެން ފޭބުން) ގެ ނުރައްކާ އިތުރުވުން
މިއީ ގިނަ އަންހެނުންނަށް އެނގިފައި ނުވާ ކަމެކެވެ. އިސްޓްރަޖަންގެ ސަބަބުން ލޮލުގެ ޕްރެޝަރު ހިފެހެއްޓުމަށާއި އޮޕްޓިކް ނާރަށް ލޭ ދައުރުވުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، އިއްދައިން ވަކިވުމުން، ހާއްސަކޮށް އަވަހަށް އިއްދައިން ވަކިވާ އަންހެނުންނަށް ލޮލުގެ ޕްރެޝަރު މަތިވުމާއި ގްލޮކޯމާގެ ނުރައްކާ ބޮޑެވެ.
އަލާމާތް: ގްލޮކޯމާ އަކީ އެއްވެސް އަލާމާތަކާ ނުލައި ލޮލަށް ބޮޑު ގެއްލުމެއް ލިބެންދެން ކުރިމަތިވާ ބައްޔަކަށްވާތީ، ގަވާއިދުން ލޯ ޗެކްކުރުން ވަރަށް މުހިންމެވެ.
4- ލޮލުގެ ފުސް (ކެޓަރެކްޓް) އަވަހަށް ޖެހުން
އިސްޓްރަޖަންއަކީ ލޮލުގެ ލެންސް ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓެއް ފަދަ އެއްޗެކެވެ. މީގެ މިންވަރު ދަށްވުމުން ލެންސަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެ، އިއްދައިން ވަކިވުމަށްފަހު ކެޓަރެކްޓް ޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
އަލާމާތް: ރޭގަނޑު އަލި ގަދަވުން، ހޮޅިބުރި ފަދަ ތަންތަނުގެ ވަށައިގެން އަލިބޮޅު ފެނުން، އަދި ކުލަތައް ފަނޑުކޮށް ފެނުމަކީ މީގެ ކުރީކޮޅުގެ އަލާމާތްތަކެވެ.
5- ރެޓިނާއަށް ކުރާ އަސަރު
ލޮލުގެ ސާފު ފެނުމަށް އެހީތެރިވެދޭ މެކިއުލާގައި ވެސް އިސްޓްރަޖަން ރިސެޕްޓަރުތައް ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަވަހަށް އިއްދައިން ވަކިވުމަކީ އުމުރާ ގުޅިގެން މެކިއުލާއަށް ދިމާވާ ބަލިތައް (AMD) ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.
ކުރަންޖެހޭ ކަންތައް: އުމުރުން 40 ނުވަތަ 50 ގެ އަހަރުތަކުގައި، ހަމައެކަނި ލޮލުގެ ޕްރެޝަރު ބެލުމުގެ ބަދަލުގައި، ރެޓިނާ ގަވާއިދުން ޗެކްކުރުން ވަރަށް މުހިންމެވެ.
މީގެ މާނައަކީ ކޮބައި ހެއްޔެވެ؟
އިއްދައިން ވަކިވުމަކީ އޭގެ އަމިއްލަ ޒާތުގައި ލޮލުގެ ބަލިތައް ޖައްސާ ކަމެއް ނޫނެވެ. ނަމަވެސް، ހޯރމޯންގެ އެހީތެރިކަން ކެނޑިގެންދާ ވަގުތަކީ ކެޓަރެކްޓާއި، ގްލޮކޯމާ ފަދަ ބަލިތަކުގެ ނުރައްކާ އުމުރުގެ ގޮތުން ވެސް އިތުރުވާ ވަގުތެވެ. އެހެންކަމުން، އިއްދައިން ވަކިވުމުގެ މަރުހަލާގައި ކަށީގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ސަމާލުކަންދޭ ފަދައިން، ލޮލުގެ ސިއްހަތަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިއީ އާންމުކޮށް ދެކެވޭ ވާހަކައަކަށް ނުވިޔަސް، މިއީ ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަމެކެވެ.



