
ސައުދީއަށް ހޫޘީންގެ މިސައިލްތައް ނުހުއްޓުވުމުނީ ކީއްވެ؟
ޖިއޮގްރަފީއާއި އިންޓަސެޕްޓަރު ނުވަތަ މިސައިލް ހުއްޓުވާ އާލާތްތައް މަދުވުމާއި ހަމަލާދޭ އުކުޅުތަކަށް އަންނަމުންދާ ބަދަލުތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ކުރިއަރާފައިވާ ދިފާޢީ ނިޒާމުތަކަށް ތަކުރާރުވަމުންދާ މި ހަމަލާތައް ހުއްޓުވުމަށް ދަތިތަކެއް ކުރިމަތިވާ ސަބަބުތަކެއް ކަމުގައި ބެލެވިދާނެ އެވެ.
ޔަމަނުގެ ހޫޘީން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ ވަސީލަތްތަކުން ފެށިގެން ވެރިރަށާ ހަމައަށް އެ ޤައުމުގެ އިސްތިރާޖީ ގޮތުން އެންމެ މުހިންމު އަމާޒުފަތްތަކަށް ހަމަލާދިނުމުގެ ޤާބިލުކަން ހުރިކަން އެތައް އަހަރެއް ވަންދެން ސާބިތުކޮށްދީފަ އެވެ.
ރިޔާޒުގެ މައި ބައިނަލްއަޤްވާމީ އެއާޕޯޓަށް ތަކުރާރުކޮށް ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކުގެ ފެންވަރާމެދު ވަނީ އާ ސުވާލުތަކެއް އުފެދިފަ އެވެ.
އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ދެވުނު ހަމަލާތަކުގައި މަދުވެގެން 20 މީހުން މަރުވެ ގާތްގަނޑަކަށް 400 މީހުން ވަނީ ޒަހަމްވެފަ އެވެ.
މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާ ދީފައިވަނީ އޮކްޓޫބަރު 10 ގައެވެ. އެ ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވި އެވެ.
މި ހަމަލާތަކަށް ”ހަރުކަށި“ ރައްދެއް ދޭނެ ކަމަށް ސައުދީން ހޯމަ ދުވަހު ވަނީ ވައުދުވެފަ އެވެ. އަދި އޭގެ 24 ގަޑިއިރުވެސް ނުވަނީސް ސަނާއުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ސަޢޫދީން ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި އަލިފާނުގެ ހާދިސާތަކާއި ގޮވުންތައް ގޮވައި، ޔަމަނުގެ ވެރިރަށް ވަނީ ގުގުމާލާފަ އެވެ.
މިފަހުން ހޫޘީން ދިން ހަމަލާތައް ސަޢޫދީގެ ދިފާޢީ ނިޒާމުތައް ފޫއަޅުވާލާފައިވަނީ ކީއްވެގެންތޯއާއި މިކަމުން އެ ޤައުމުގެ އަގުބޮޑު ވަސީލަތްތައް ރައްކާތެރިކުރުމުގެ ޤާބިލުކަމާ މެދު ހާމަވަނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
ރިޔާޒުން ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމުތައް ހޯދުމަށް ބިލިއަނުން ޑޮލަރު ހޭދަކޮށް މިފަދަ ނުރައްކާތަކާ ކުރިމަތިލުމަށް ޚާއްޞަ ހަތިޔާރުތަކެއް ޖަމާކޮށްފަ އެވެ.
މީގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ އެމް.އައި.އެމް-104 ޕެޓްރިއަޓް ނިޒާމާއި އޭގެ އެންމެ ފަހުގެ ”ހިޓް-ޓު-ކިލް“ ޓެކްނޮލޮޖީ ހިމެނޭ ޕީ.އޭ.ސީ-3 ވޭރިއަންޓާއި އަދި އެއަށްވުރެ ވެސް ފެންވަރު ރަނގަޅު ”ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް“ ނިޒާމު ހިމެނެ އެވެ.
މި ދެ ނިޒާމަކީވެސް ބެލިސްޓިކް މިސައިލްތައް ހުއްޓުވުމުގެ ޤާބިލުކަން ހުރި އަދި ހަނގުރާމައިގެ މައިދާނުގައި އެކަން ސާބިތުކޮށްދީފައިވާ ނިޒާމުތަކެކެވެ.
މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގައި ޒަމާނީ އެފް-15 އަދި ޔޫރޯފައިޓާ ޓައިފޫން މަތިންދާބޯޓުތައް ހިމެނޭ ވަރުގަދަ ވައިގެ ސިފައިންގެ ލަޝްކަރެއް އޮވެ އެވެ.
މިއީ ޑްރޯންތަކާއި ކްރޫޒް މިސައިލްތަކާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.
އެހެންނަމަވެސް، ހޫޘީންގެ މިސައިލްތަކާއި ޑްރޯންތައް ތަކުރާރުކޮށް ސަޢޫދީގެ ދިފާޢީ ނިޒާމުތަކަށް ނޭނގި ނުވަތަ އެ ނިޒާމުތައް ފޫއަޅުވާލާފައިވުމީ ބޮޑު ސަރަހައްދަކާއި އެ ޤައުމުގެ އަގުބޮޑު އަމާޒުފަތްތައް މެދުނުކެނޑި ދޭ ހަމަލާތަކުން ސަލާމަތްކުރުމުގައި ހުރި ދަތިތައް ހާމަކޮށްދޭ ކަމެކެވެ.
ސަޢޫދީގެ ބޮޑު ބަޔަކީ ސަހަރާ ކަމަށްވުމުން، ބަލަހައްޓަންޖެހޭ ދުރުމިންތަކުގެ ސަބަބުން އެއްކޮށް ދިފާއުކުރުމަކީ ގޮންޖެހުމެކެވެ. އަދި އެފަދަ ސަރަހައްދުތަކުގައި ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ބެލެހެއްޓުމަށް ގިނަ މުވައްޒަފުން ބޭތިއްބުމަށް ބޮޑު ހޭދައެއް ހިނގައެވެ.
”ސަޢޫދީ ޢަރަބިއްޔާގައި ހޫޘީންނަށް ހަމަލާދެވޭނެ ގިނަ އަމާޒުފަތްތަކެއް އެބަހުއްޓެވެ.
އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މުހިންމު ތެލުގެ ވަސީލަތްތައް ހިމެނޭއިރު އެ ތަންތަނަކީ ހޫޘީންގެ އަތުގައި ހުރި ޑްރޯން އަދި މިސައިލް ހަމަލާދިނުމުގެ ޤާބިލުކަމަށް ސީދާ ހުށަހެޅިފައިވާ ތަންތަނެވެ.
ރިޔާޒަށް ދިން ހަމަލާތަކަކީ ޔަމަނުގައި އަލުން ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް މެސެޖެއް ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.



