ޤުރްއާނުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން (4)

އައްޝައިޚު ޝަފީޢު ޢަބްދުﷲ

އިސްމާޢީލު ޢަލަހިއްސަލާމް:

އަދި ހަމަ އެހެންމެ، އިސްމާޢީލު ޢަލަހިއްސަލާމް، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

އިޝްތިހާރު Below Header ad

(وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ) [مريم : 55]

އާޔަތުން ދޭހަވާ މާނަ: (އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުން ލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ.)

އާޔަތުގައި ވާ ފަދައިން، ނަމާދަށާއި ޒަކާތް ދިނުމަށް އަމުރުކުރުމަކީ ތަރުބިއްޔަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ބާބެކެވެ. އެހެނީ، ނަމާދަކީ ހުރިހާ ނުބައި ފާޙިޝް ކަންތަކުން އިންސާނާ ދުރުކޮށް ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ނަމާދަކީ، ޖިސްމާނީ ގޮތުންވެސް އިންސާނާ ސާފު ތާހިރުކަން މަތީގައި ބަހައްޓާ ކަމެކެވެ.

އޭނާގެ ހަށިގަނޑާއި ފޭރާމާއި އަދި ދިރިއުޅޭ ތަންވެސް ސާފު ތާހިރުކޮށް ބެހެއްޓުމަށް ނަމާދު ބާރު އަޅާނެއެވެ. ހަމައެއާއެކު، ޒަކާތް ދިނުމުގެ ސަބަބުން އޭނާގެ މުދާ ތާހިރު ވެގެންދެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މުދަލުގައި ބަރަކާތްލައްވައި އޭނާއަށް މުދާ އިތުރު ކޮށްދެއްވައެވެ. މި ދެންނެވި ހެޔޮ އަދި ރަނގަޅު ސިފަތަކުގެ އަހުލުވެރިޔަކަށް އިންސާނާވުމުން، ނަތީޖާއެއްގެ ގޮތުން، މާތް ﷲ ގެ ޙަޟްރަތުގައި އޭނާގެ ދުޢާއަކީ ޤަބޫލުވެވޭ ދުޢާއަކަށް ވެގެންދެއެވެ. އެއީ އިޖާބަ ކުރެއްވޭ ދުޢާއަކަށް ވެގެން ދެއެވެ.

ޔަޢުޤޫބު ޢަލަހިއްސަލާމް:

ޔަޢުޤޫބު ޢަލަހިއްސަލާމްގެ އެންމެ ފަހު ނޭވާފުޅުގައިވެސް އެކަލޭގެފާނުގެ ބޭފުޅުންނަށް މަތިވެރި އިރުޝާދާއި ތަޢުލީމު ދެއްވިއެވެ. ޙަޔާތުގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދޭން ޖެހޭ ކަންތަކުގެ ވާހަކަ ތަކުރާރު ކުރައްވައި ބަޔާން ކުރެއްވިއެވެ. އެއީ ﷲ އެއްކައުވަންތަ ކުރުމާ އެކު އެކަލާނގެއަށް އަޅުކަން އަދާ ކުރުމެވެ.

އަޅުކަމުގައި އެކަލާނގެއާ އެކު އެއްވެސް ޝަރީކަކު ނުގެންގުޅުމެވެ. އެކަލާނގެއަށް ކުރާ އަޅުކަމެއް ޚާލިޞް ކުރުމެވެ. ފަހެ، މިއީ އިންސާނާ އުފެއްދެވި އެންމެ މަތިވެރި މަޤްޞަދެވެ. އުޑާއި ބިން އުފެއްދެވި މަޤްޞަދެވެ. ވުމާއެކު، ތަރުބިއްޔަތުގެ އެންމެ ފުރަތަމަ ފިޔަވަޅަކީވެސް ﷲ އެއްކައުވަންތަކޮށް ހަމައެކަނި އެފަރާތަށް އަޅުކަން ކުރުމުގެ މައްޗަށް ދަރިފުޅުގެ ނަފުސު ތައްޔާރު ކުރުމަށެވެ.

އަދި ތަރުބިއްޔަތުގެ އެންމެ ފަހު ފިޔަވަޅަކަށްވެސް ވާންޖެހޭނީ މި ކަމުގެ މައްޗަށް ދަރިފުޅަށް ވަޞިއްޔަށްކޮށް، ހަނދާންކޮށްދީ، ނަސޭހަތްތެރި ވުމެވެ. އެ ދެމެދުގައި ހިމެނޭ ފިޔަވަޅުތަކުގައި މާތް ﷲ ގެ ޝަރީޢަތުން އަންގަވައި ބަޔާން ކޮށްދެއްވައިފައިވާ ރިވެތި ޚުލުޤުތަކާއި، ހެޔޮ މުޢާމަލާތުގެ ފިލާވަޅުތައް ދަރީންނަށް ދަސްކޮށްދޭން ޖެހެއެވެ. ދަރިންނަކީ ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ދަރިންތަކެއް ކަމުގައި ހެދުމެވެ. އެކުދިންނަކީ ދެ ދުނިޔޭގެ ބާއްޖަވެރިންކަމުގައި ހެދުމެވެ.

ޔަޢުޤޫބު ޢަލަހިއްސަލާމްގެ އެންމެ ފަހު ނޭވާފުޅުގައި އެކަލޭގެފާނުގެ ބޭފުޅުންނަށް ބާރު އެޅުއްވި ކަންތަކުގެ ވާހަކަ މާތް ﷲ ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. އަޅުގަނޑުމެން އެކަމުން ޢިބްރަތް ލިބިގަތުމަށެވެ. އެ މަތިވެރި ތަރުބިއްޔަތުން އަޅުގަނޑުމެން މިސާލު ލިބިގަތުމަށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.

(أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ) [البقرة : 133]

އާޔަތުން ދޭހަ ވާ މާނަ: (ނުވަތަ ޔަޢުޤޫބުގެފާނުގެ އަރިއަހަށް މަރު އައިސް ޙާޟިރުވި ހިނދު ތިޔަބައިމީހުން ޙާޟިރުވެ ދެކެން ތިބީމު ހެއްޔެވެ. އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރު ވެދިޔުމަށް ފަހު ތިޔަބައިމީހުން އަޅުކަން ކުރާނީ ކޮން ފަރާތަކަށް ހެއްޔެވެ. އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަން ކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިންކަމުގައިވާ އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުގެ އިލާހަށެވެ. އެއީ އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަން ވެ މުސްލިމުން ކަމުގައި ވެގެންނެވެ.)

މި އާޔަތުން އެނގިފެނިގެން ދާ ގޮތުގައި، ޔަޢުޤޫބު ޢަލަހިއް ސަލާމްގެ ޙަޔާތްޕުޅުގެ އެންމެ ފަހު ވަގުތުގައި ވެސް ބޭފުޅުންނަށް ވަޞިއްޔަތް ކުރެއްވީ ﷲ އެއްކައުވަންތަ ކުރުމަށެވެ. މުދަލާއި ތަރިކައާ އަދި އެ ނޫންވެސް އެއްޗަކާ ބެހޭ ގޮތުންނެއް ނޫނެވެ.

 ޔޫސުފް ޢަލަހިއްސަލާމް:

ޔޫސުފް ސޫރަތަށް އަޅުގަނޑުމެން ނަޒަރު ހިންގައި ވިސްނައިލާ އިރު، ޔަޢުޤޫބު ޢަލަހިއްސަލާމް އެކަލޭގެފާނުގެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމުގައި ބޭނުން ކުރެއްވި ތަފާތު އުސްލޫބުތައް ފެނިގެންދެއެވެ. އެ އުސްލޫބުތަކަކީ ޢިބުރަތުގެ ހިމަނައިނުގަނެވޭ ފަދަ އަގުހުރި ފިލާވަޅުތަކެކެވެ. އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން، ޔޫސުފުގެފާނުގެ ތުއްޕުޅު ޢުމުރުފުޅުގައި، އެކަލޭގެފާނާ މެދު އެކަލޭގެފާނުގެ އަޚުން ކޮންމެވެސް ވަރެއްގެ ޙަސަދަވެރިކަމެއް ގެންގުޅުނެވެ.

މީގެ ސަބަބުން އެ ޢާއިލާއަށް ބޮޑެތި ހިތާމަތަކެއްވެސް ލިބުނެވެ. ނަމަވެސް ޔަޢުޤޫބުގެފާނުގެ ތަރުބިއްޔަތުގެ މަންފާ އެންމެ ފަހު ވަގުތު ލިބުނީ ފުރިހަމަ ގޮތުގައެވެ. އެހެނީ، އެކަލޭގެފާނުގެ ހުރިހާ ބޭފުޅުންވެސް ޔޫސުފުގެފާނާ މެދު ކަންތައް ކުރެވުނު ގޮތާމެދު ދެރަ ވެ، ﷲ ގެ ޙަޟްރަތުން އިސްތިޣުފާރަށް އެދި ދެންނެވިއެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުގެ ތެދުކަމާއެވެ.

(لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ) [يوسف : 7]

އާޔަތުން ދޭހަ ވާ މާނަ: (ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި، ސުވާލުކުރާ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ.)

މީގެ އިތުރުން، ޔޫސުފް ސޫރަތުގެ ފަހު އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ) يوسف : 111

އާޔަތުން ދޭހަ ވާ މާނަ: (ހަމަ ކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއްވާކަން ކަށަވަރެވެ.)

ޔޫސުފް ސޫރަތުގައިވާ މަތިވެރި ބަސްފުޅުތަކަށް ބަލައިލައި، ޔަޢުޤޫބުގެފާނުގެ ތަރުބަވީ އުސްލޫބުތަކުގެ ތެރެއިން ބައެއް ކަންކަމާ މެދު ނަޒަރު ހިންގައިލަމާތޯއެވެ!

ބައްޕައާއި ދަރިފުޅާ ދެމެދުގައި އޮންނަން ޖެހޭ ވަރުގަދަ ގުޅުން

ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޙަޔާތްޕުޅުގައި ދިމާވި ކަންކަމާ ބެހޭގޮތުން ޔޫސުފް ސޫރަތުގައި ވަޙީ ކުރައްވައިފައިވާ، ބަސްފުޅުތަކުން ލިބިދޭ އެއް ފިލާވަޅަކީ، ބައްޕަޔާއި ދަރީންނާ ދެމެދުގައި ވަރަށް ގާތް، ބަދަހި ގުޅުމެއް އޮންނާން ޖެހޭ ކަމުގެ ފިލާވަޅެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން ޔޫސުފުގެފާނާ ދެމެދުގައި އޮތީ ނުހަނު ވަރުގަދަ ގާތް ގުޅުމެކެވެ.

އެ ގާތް ގުޅުމުގެ ސަބަބުން ޔޫސުފުގެފާނު ވަރަށް ތުއްޕުޅު އިރުގައި ވެސް، އެކަލޭގެފާނާ މެދު ހިނގާ ހުރިހާ ކަމެއް ބައްޕާފުޅަށް ދަންނަވައެވެ. ބައްޕާފުޅުގެ އަރިއަހުގައި އެ ވާހަކަތައް ދައްކަވައެވެ. އެހެންކަމުން، ޔޫސުފުގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންތަކަށް ދާންދެން ބައްޕާފުޅު ޔަޢުޤޫބުގެފާނަށް ކިޔައިދެއްވައެވެ.

(إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ) [يوسف: 4]

އާޔަތުން ދޭހަ ވާ މާނަ: (ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވި ހިނދު، ހަނދުމަ ކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަން ކަލޭގެފާނަށް ސަޖިދަކުރާތީއެވެ.)

ޔޫސުފްގެފާނު، އެކަލޭގެފާނަށް ދިމާ ވެވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ބައްޕާފުޅަށް ދަންނަވާ ފަދައިން، ދަރިކަލުންގެ ވާހަކަފުޅު، ޔަޢުޤޫބުގެފާނު ކަނުލައްވައި އައްސަވައެވެ. އެކަންވެސް ކީރިތި ޤުރްއާނުގައި މި ޙާދިސާގެ ވާހަކަ ބަޔާން ކުރެއްވި އާޔަތްތަކުން އަޅުގަނޑުމެންނަށް ސާފު ވެގެން ދެއެވެ.

މިއިން އަޅުގަނޑުމެންނަށް ލިބިގެންދާ ޢިބްރަތަށް ބަލައިލަމާތޯއެވެ!

ބައްޕައާއި ދަރިފުޅާ ދެމެދު ވަރުގަދަ ގުޅުމެއް އޮވެއްޖެނަމަ، ދަރިފުޅަށް ޙަޔާތުގައި ދިމާވާ އެންމެހައި ކަންކަމުގެ ވާހަކަ އެއްވެސް ޖެހިލުމެއް ނެތި ބައްޕައަށް ކިޔައިދޭނެއެވެ. ދަރިފުޅަށް އޭނާގެ ބައްޕަޔަށް އިތުބާރު ކުރެވޭނެއެވެ. އޭނާގެ ވާހަކަތައް ބައްޕަ އަޑުއަހާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮންނާނެއެވެ. ބައްޕަ އޭނާގެ ކަންކަމާމެދު ފުރިހަމަ ސަމާލުކަން ދޭނެކަން ދަރިފުޅަށް އެނގޭނެއެވެ.

އެހެންކަމުން، އެ ދަރިފުޅަށް ކޮންމެ ފަދަ ކަމެއް ދިމާ ވިޔަސް އެ ވާހަކަތައް އޭނާގެ ބައްޕަޔާ ހިއްސާ ކުރާނެއެވެ. މިފަދަ ގާތް ގުޅުމެއް ދެބަފައިންގެ ދެމެދުގައި އުފެދިއްޖެ ނަމަ، ބައްޕައަށް އޭނާގެ ދަރިފުޅަށް ދުވަހުން ދުވަހަށް ދޭންޖެހޭ އިރުޝާދުތައް އެނގޭނެއެވެ. އަދި ކަންކަން ދިމާވީމާ، އެ ކަންކަމުގައި ދަރިފުޅު ޢަމަލުކުރާންވީ އެންމެ މޮޅު ގޮތް ބުނެދެވޭނެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ބަފައިންނާއި ދަރީންގެ ގުޅުން ކުޑަވުމުގެ ސަބަބުން، ގިނަ ފަހަރު ދަރިފުޅުގެ ޙަޔާތުގައި ހިނގާ ކަންތައް ބައްޕައަކަށް ނޭނގެއެވެ. މި ގޮތަށް ދަރިފުޅުގެ ތުއްތު އުމުރު ނިމި، ޒުވާން ފުރައަށް ދާއިރު، ބައްޕަ އާއި ދަރިފުޅުގެ ގުޅުން އިތުރަށް ހީނަރު ވެއެވެ. ދުވަސްކޮޅަކުން، ބައްޕައަށް އިވިގެން ދަނީ ދަރިފުޅު ކޮންމެވެސް ނުބައި ޢަމަލެއްގެ ދަންތުރަޔަށް މެހިގެން އުޅޭ ވާހަކައެވެ.

މި ހުރިހާ ކަމެއްގެ އެއް ސަބަބަކީ ތުއްތު އިރުން ފެށިގެން ދަރިފުޅާއެކު ބައްޕަ އުފައްދަން ޖެހޭ ގާތްގުޅުން އުފެއްދިފައި ނެތުމެވެ. ބައްޕައަށް އޭނާގެ ދަރިފުޅަށް، އެ ދަރިފުޅުގެ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ދެވިފައި ނުވުމެވެ.

ޢަދުއްވުންގެ ފަރާތުން އަތުވެދާނެ ގޯނާއަކާ މެދު ފަރުވާތެރި ވެ ރައްކާތެރިވުމަށް ދަސް ކޮށްދިނުން

މިކަމަށް ޢިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ) [يوسف : 5]

އާޔަތުން ދޭހަ ވާ މާނަ: (އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔާމެދު ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަ ކަށަވަރުން، ޝައިތާނާއަކީ، އިންސާނާއަށް ހުރި، ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ.)

ދަރީންގެ މެދުގައި ޢަދުލުވެރިވުން

ދަރީންގެ މެދުގައި ޢަދުލަށް ކަންތައް ކުރުމަކީ ޢާއިލާގެ ތެރޭގައި މަސްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިއްމު ކަމެކެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާ މެދުގައި ޙަސަދަވެރިކާއި ރުޅިވެރިކަން އުފެދުން ހުއްޓުވުމަށްޓަކައި ކޮންމެހެން ވެސް ޢަދުލުވެރިކަން އިސްކުރާން ޖެހެއެވެ.

ސޫރަތު ޔޫސުފްގައި ޔަޢުޤޫބު ޢަލަހިއްސަލާމްގެ ދަރިދަރިކަލުންގެ މެދުގައި އުފެދުނު ޙަސަދަވެރިކަމަށް ޢިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ) [يوسف: 9-8]

އާޔަތުން ދޭހަ ވާ މާނަ: (އެ އަޚުންތައް، ބުނި ހިނދު، ހަނދުމަ ކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައިވީ ހިނދުވެސް، ޔޫސުފާއި އޭނާގެ އަޚް (ބިންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަ ކަށަވަރުން، ތިމަންމެންގެ ބައްޕާވަނީ، ފާޅުވެގެންވާ މަގު އޮޅުމެއްގައެވެ. ތިޔަބައިމީހުން ޔޫސުފް ޤަތުލު ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (ތައުބާ ވެ) ޞާލިޙު ރަނގަޅު ބައެއް ކަމުގައި ވާނީއެވެ.)

ބައެއް ކިޔުންތެރީންގެ ހިތްތަކުގައި ސުވާލު އުފެދިދާނެއެވެ. ޔަޢުޤޫބުގެފާނުވެސް އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ތަފާތު ކުރެއްވިއެވެ. އެކަމުގެ ސަބަބުން އެކުދިންގެ ހިތުގައި ޔޫސުފްގެފާނާ މެދު ޙަސަދަވެރިކަން އުފެދުނީއެވެ. ނަމަވެސް ޙަޤީޤަތަކީ ޔަޢުޤޫބުގެފާނަކީ މަތިވެރި ނަބިއްޔެއްކަމެވެ. އެފަދަ ކަމެއް އެކަލޭގެފާނުގެ ކިބައިން ފެނިގެނެއް ނުދާނެއެވެ.

އެއާ ޚިލާފަށް، އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ޢަދުލުން ކަންތައް ކުރައްވައިފައެވެ. ހުރިހާ ބޭފުޅުންނާ މެދުގައިވެސް އޯގާތެރިކަމާ އެކު މުޢާމަލާތު ކުރައްވައިފައެވެ. ނަމަވެސް، ލޯތްބަކީ އިންސާނީ ފިޠުރީ ކަމަކަށްވުމުން ލޯބިވުމުގައި އެންމެން ހަމަހަމަ ކުރުމީ އިންސާނަކަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާނުދެކެ އިންތިހާޔަށް ލޯބި ކުރެއްވިއެވެ. އެހެން ބޭފުޅުންނަށްވުރެވެސް ބޮޑަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އެކަލޭގެފާނުގެ ހެޔޮފުޅުކަމާއި ނިޔަނެތިކަމާއި މަޢުޞޫމުކަން، އެހެން ބޭބޭފުޅުންނަށް ވުރެ އެތައް ދަރަޖައެއް މަތިވެރިއެވެ. އެހެންކަމުން، ޔޫސުފްގެފާނުގެ ޤަދަރު، ޔަޢުޤޫބުގެފާނުގެ އެހެން ހުރިހާ ބޭފުޅުންނަށް ވުރެ މަތިވެރިއެވެ. ހަމައެހެންމެ، ޔޫސުފްގެފާނާއި ބިންޔާމީނަކީ އެހެން ބޭފުޅުންނަށް ވުރެ ތުއްޕުޅު ދެ ބޭފުޅުންނެވެ. އެހެންކަމުން، އެ ބޭފުޅުންނާ އެކަލޭގެފާނު މުޢާމަލާތު ކުރައްވާނީ ބޮޑެތި ވެވަޑައިގެންފައި ތިއްބެވި ބޭފުޅުންނާ ކުރައްވާ ގޮތަށް ނޫން ކަމީ އޮޅުމެއް ނެތް ކަމެކެވެ.

ކަން މިހެން ހުރިނަމަވެސް، ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ބޭފުޅުންނާ މުޢާމަލާތު ކުރެއްވުމުގައި، ޔޫސުފުގެފާނާ އެހެން ބޭފުޅުންނާ ޙައްޤު ނޫން ގޮތުގައި ތަފާތެއް ނުކުރައްވައެވެ. ބައްޕައެއްގެ ޙައްޤު އަދާ ކުރެއްވުމުގައި، ބޭފުޅުންގެ މެދުގައި އެކަލޭގެފާނު ތަފާތެއް ނުކުރައްވައެވެ. ހުރިހާ ބޭފުޅުންނާ މެދުގައި ވެސް ޢަދުލުވެރިކަމާއެކު ކަންތައް ކުރެއްވިއެވެ. އެހެންކަމުން، އެކަލޭގެފާނުގެ ބޭފުޅުން އެކަލޭގެފާނާ މެދު ކުރި ޝަކުވާއަކީ، ހަމަ ކަށަވަރުން، ނޭއްގާނި ޝަކުވާއެކެވެ. ބައްޕާފުޅުގެ ޙައްޤުގައި އެ ބޭފުޅުންނަށް ވެވަޑައިގެންނެވުނު އަނިޔާއެއް މެއެވެ.

ޝައްކެއްނެތެވެ. ދަރީންގެ މެދުގައި ޢަދުލުވެރިކޮށް ކަންތައް ކުރުމަކީ ގިނަ ދަރީންތަކެއް ތަރުބިއްޔަތު ކުރުމުގައި ބަލަން ޖެހޭ އެއް އަސާސެވެ. ލޯތްބަކީ ހިތުގައި އުފެދޭ އިޙްސާސަކަށް ވުމުން، އެކި ދަރިން ދެކެ ލޯބިވާ މިންވަރު ތަފާތު ވެދާނެއެވެ. ނަމަވެސް ލޯބި ދިނުމުގައި، އަޅައިލުމުގައި، އަދި ޙައްޤުތައް އަދާ ކުރުމުގައި، ދަރީންގެ މެދުގައި ތަފާތު ކޮށްގެން ނުވާނެއެވެ. ވަކި ކުއްޖަކު ދެކެ މާ ބޮޑަށް ލޯބިވާކަން އެ ކުއްޖާއަށް އަދި އެހެން ކުދީންނަށް ދައްކައި، އަންގައި ހެދުމަކީ އަނިޔާއެކެވެ.

ނަބީރަސޫލުންގެ ސުންނަތާ ޚިލާފު، އިސްލާމް ދީނުގެ ތަޢުލީމުން ބޭރު ވެގެންވާ ބޮޑު ގޯހެކެވެ. އެހެންކަމުން، ދަރީންނާ މުޢާމަލާތުގައި އެއްވެސް ކަހަލަ ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. ދަރީން އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިޙުތިރާމު ކުރާ، އުޚްވަތުގެ ލޯބީގެ ޗޭނުން ބަނދެވިފައި ތިބި ކުދީންތަކެއްގެ ގޮތުގައި ބޮޑެތި ވެގެން ދާނީ އެއިރުންނެވެ.

ކުޅިވަރު ކުޅެ ސަމާސާ ކުރަން ދަރީންނަށް ފުރުޞަތު ދިނުމުގެ މުހިއްމުކަން

މުނިއަވަސް ފިލުވުމުގެ ގޮތުން، ކުޅިވަރު ކުޅެލައި ހެދުމަށް ދަރީންނަށް ފުރުޞަތު ދިނުމަކީ އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ބޭނުންތެރި ކަމެކެވެ. ޔަޢުޤޫބު ޢަލަހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނާއި ޔޫސުފުގެފާނުގެ އަޚުންނަށް، އެކީގައި ކުޅިވަރު ކުޅުއްވުމަށްޓަކައި ވަޑައިގަތުމަށް ފުރުޞަތު ދެއްވީވެސް މި ދެންނެވި ބޭނުން ފުއްދުމަށްކަމަށް ދަންނަވާން ޖެހެއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ) [سورة يوسف :12]

އާޔަތުން ދޭހަ ވާ މާނަ: (ކައިބޮއި އުފާކޮށް، ކުޅެހެދުމަށް ޓަކައި، ތިމަންމެންނާ އެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކައުތެރި ކުރާ ހުށީމުއެވެ.)

ކުޅިވަރު ކުޅެން ދަރީންނަށް ފުރުޞަތު ދިނުމަކީ އެކުދީންގެ ޅަ ސިކުނޑިތައް ހެދި ބޮޑުވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޖިސްމާނީ ގޮތުން އެ ކުދީން ހެދި ބޮޑުވުމަށްވެސް ބާރު އަޅާ ކަމެކެވެ. ތަފާތު ކަންތަކާއި ތަފާތު ވިސްނުންތަކަށް ކުއްޖާގެ ސިކުނޑި ހުޅުވިގެންދާނެ ކަމެއް މެއެވެ. އެހެންކަމުން އަޚްލާޤީ ގޮތުންނާއި ސުލޫކީ ގޮތުން ހެޔޮ ގޮތްތައް ފަހަނައަޅައި ނުދާނޭ ގޮތުގެ މަތީން، ޙުދޫދެއްގެ ތެރޭގައި ކުޅިވަރު ކުޅެން ފުރުޞަތު ދިނުމަކީ ތަރުބިޔަތުގެ ނުހަނު މުހިންމު ކަމެކޭ ދެންނެވިދާނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.